ހުޅުމާލޭގައި ތޫނު އެއްޗެހި ބޭނުންކޮށްގެން ދެ މާރާމާރީއެއް ހިންގައި، ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިރޭ ބުނީ ފުރަތަމަ މާރާމާރީއަކީ ހުޅުމާލޭ ލަޔާ ރެސްޓޯރެންޓް ކައިރީގައި ހިންގި މާރާމާރީއެއް ކަމަށާއި އެ މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 9:17 ހާއިރު ކަމަށެވެ.
ދެވަނަ މާރާމާރީ ހިންގާފައިވަނީ ފޭސް ދޭއް ބުރިޖު ކައިރީގައި ކަމަށާއި އެ މާރާމާރީގެ މައުލޫމާތު ލިބިފައިވަނީ މިރޭ 9:32 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މާރާމާރީއާއި ފުރަތަމަ މާރާމާރީއާ ގުޅުމެއްވާ ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މާރާމާރީތަކުގައި ދެ މީހަކަށް ޒަހަމުތަކެއް ވެފައިވާ ކަމަށާއި އެ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލޭގައި މިރޭ ހިންގި އެ ދެ މާރާމާރީގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މިދިޔަ ހޯމަ ދުވަހު ތޫނު އެއްޗެހި ބޭނުންކޮށްގެން މާލޭގައި ވެސް ދެ މާރާމާރީއެއް ހިންގައި ބަޔަކު ޒަހަމްކޮށްލައިފައިވެއެވެ. އެ މާރާމާރީތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު