އެއްވެސް ޕާޓީއެއްގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މަސައްކަތް ނުކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މިމަހުގެ 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ފޯރި ގަދަވެފައިވާ އިރު، އެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަކުރައްވަނިކޮށް ނަންގަވާފައިވާ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ.

އެކަމާ ގުުޅިގެން ޗެއާޕާސަން ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެ އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ޓީމުން ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

އެކަމާ ގުޅިގެން ފާޑު ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ކެމްޕެއިންގައި އިންތި ދޮރުން ދޮރަށް، ހާލަތު ބަލަމުން މުޅި ރާއްޖެ ކުޑަކުރަމުންދާއިރު ފައްޔާޒު ގޭގެއަށް ނުވަދެ، އަރަނީ ކޮންމެ ރަށެއްގެ ބަނދަރުމައްޗަށް އެކަނި ކަމަށެވެ. އަދި

ބައްދަލުކުރައްވަނީ ކޮންމެވެސް ރަށެއްގެ ތެޔޮ ބައުޒަރަކާއި ސޭޓަކާ ކަމަށާއި، ފައްޔާޒްގެ ޑޯޓުޑޯ ޒީރޯ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ. ބޮންޑޭ އަކީ، އިންތިއަށް ތާއީދުކުރައްވާ މެންބަރެކެވެ.

އިންތިގެ ކެމްޕެއިން މެނޭޖަރު އަދި އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެފައިވަނީ، އެމްޑީޕީގެ އެތެރޭގެ ކަންކަމުގެ ތެރެއަށް އެހެން ޕާޓީތަކުގެ ނުފޫޒާއި ބާރު މާބޮޑަށް ވައްދާން އުޅުމަކީ ޕާޓީ ގަޑުބަޑު ކުރަން އުޅުން ކަމަށެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ޖޭޕީގެ ތަރުޖަމާނު އަދި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މީޑިއާއަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ޖޭޕީއާ ބެހޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ޖޭޕީންވެސް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް އެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ދެބޭފުޅުންގެ މެދުގައި ބޭއްވި ބައްދަލުވުމާ ބެހޭގޮތުން އަލީ ސޯލިހު ވިދާޅުވީ، އެއީ އިހުތިރާމުގެ ބައްދަލުކުރެއްވުމެއް ކަމަށެވެ. އަދި އެއީ ކުރިއަށް ރާވައިގެން އެޕޮއިންޓްމަންޓް ހަދައިގެން ބޭއްވި ބައްދަލުކުރެއްވުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރަށްރަށަށް ފައްޔާޒު ކެމްޕެއިން ދަތުރުތައް ކުރައްވަމުން ގެންދަވާ އިރު، އެ ބައްދަލުވުމަކީ މާމިގިލީ އެއާޕޯޓުގައި ގާސިމް އުޅުއްވާތީ، އިއްތިފާގުން ފައްޔާޒާ ދިމާވުމުން ވާހަކަ ދައްކައިލުމަށް މަޑުކޮށްލެއްވި ވަގުތުކޮޅެއް ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

ހަމަ އެގޮތަށް ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް، ގާސިމާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވުމުން އެކަންތައްވެސް ގާސިމް ހަމަޖައްސަވައިދެއްވިކަން އަލީ ސޯލިހު ފާހަގަކުރައްވައިފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ، ނަޝީދުގެ ދަތުރުފުޅަށް އެފަަހަރު މަތިންދާ ބޯޓު ފޮނުއްވެވީވެސް ގާސިމް ކަމަށެވެ.