އިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީ ކައިރިން ޔުނައިޓެޑް ސަލާމަތްވީ ރޮނާލްޑޯގެ ގޯލުން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުގެ ބޮޑު ބައެއްގައި ޗެލްސީން ޑޮމިނޭޓްކޮށް ކުޅެ، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށް ވަނީ ހަމަލާތައް ނިންމާލެވޭ ގޮތް ނުވެފައެވެ. މެޗުގައި ޗެލްސީން ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލި ތަން ފެނުނު އިރު، ޔުނައިޓެޑް ބަލިވާން ދަނިކޮށް ލިބުނު އެންމެ ފުރުސަތަކުން ގޯލު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޔުނައިޓެޑުން އެންމެފަހުން ޖެހި ފަސް ގޯލަކީވެސް ރޮނާލްޑޯ ޖަހައިދިން ގޯލުތަކެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ޖެހީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 101 ވަނަ ގޯލެވެ. އެއީ މި ސީޒަނުގައި ރޮނާލްޑޯ ޖެހި 23 ވަނަ ގޯލެވެ.

މެޗުން ލިބުނު ޕޮއިންޓާއެކު ޗެލްސީ ތިންވަނައިގައި އޮތީ 33 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑުން ގަދަ ހަތަރަކަށް އެރުމަށް ކުރަމުން އަންނަ އުންމީދު ވަރަށް ބޮޑަށް ފަނޑުވެފައިވާ އިރު، އެޓީމު ހަވަނައިގައި އޮތީ 35 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. މިވަގުތު ހަތަރުވަނައިގައި އޮތް އާސެނަލާއި ޔުނައިޓެޑާ ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އެއީ ޔުނައިޓެޑަށްވުރެ އާސެނަލް ދެ މެޗު މަދުން ކުޅެފައި އޮވެގެންނެވެ.

މެޗު ފެށިގެން ފުރަތަމަ ހާފުގައިވެސް ފުލް ކޮންޓްރޯލުގައި ކުޅުނީ ޗެލްސީންނެވެ. އެޓީމަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ކައި ހަވާޓްސްއަށް ތިން ފުރުސަތެއް ލިބުނު އިރު، އޭނާގެ ދެ ހަމަލާއެއް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ. އޭގެ އިތުރުން ޓީމޯ ވާނާގެ ހަމަލާއެއްގެ އިތުރުން އެންގޯލޯ ކަންޓޭ ޖެހި ބޯޅައެއްވެސް މަތަކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ ޑެހެއާއެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ރަނގަޅު ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު، ދެވަނަ ހާފަށް ނުކުމެވެސް ޗެލްސީ ފެނުނީ ވަރުގަދަކޮށެވެ. ކަނާތް ފަޅިން އަރިމަތިން ކުޅެމުން ދިޔަ ރީސް ޖޭމްސްގެ ނުރައްކާ ފުލުފުލުގައި ފެނިގެން ދިޔަ އިރު، އޭނާ ކުރިއަށް ޖެހި ގޯލަށް ފޮނުވާލި ދެ ބޯޅައެއް ބްލޮކްވެސް ވިއެވެ. އަދި އޭރިއާ ތެރެއަށް ނަގައިދިން ކޮންމެ ހުރަހެއްވެސް ފެނުނީ ނުރައްކާކޮށެވެ.

ޗެލްސީން ލީޑު ނެގީ މެޗުގެ 60 ވަނަ މިނެޓުގައެވެ. ޖޭމްސްގެ ހުރަސް ހަވާޓްސް ބޮލުން ޖައްސާލުމުން ފަހިވީ މާކަސް އެލޯންސޯއެވެ. އެލޯންސޯ އެއް ފަހަރުން އެ ބޯޅަ ވައްދާލީ ގޯލުގެ ކަނަށެވެ. އެ ގޯލަށް ދެ މިނެޓުވެސް ނުވަނީސް ޔުނައިޓެޑުން ކުރިއަށް ޖެހި ނަތީޖާ ހަމަހަމަ ކުރިއެވެ. މެދުތެރެއިން ނެމެންޖާ މަޓިޗް ޗިޕް ކޮށްލި ބޯޅަ، އޭރިއާ ތެރެއިން ކޮންޓްރޯލްކޮށް ޗެލްސީ ގޯލަށް ބާރު ސްޕީޑުގައި ވައްދާލީ ރޮނާލްޑޯއެވެ.

މެޗުގެ ނަތީޖާ ހަމަހަމަވުމުން ޔުނައިޓެޑް އަނެއްކާވެސް ފަހަތަށް ޖެހުނު އިރު، ގޯލެއް ޖެހުމާ ގާތަށް ޖެހިލީ ޗެލްސީންނެވެ. ޖޭމްސްގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، މޭސަން މައުންޓާއި ކްރިސްޓިއަން ޕުލިސިޗަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.