ކަރިމް ބެންޒެމާ

ސަޕޯޓަރުންނާއެކު އަމިއްލަ ދަނޑުގެ ޖާދޫ ފެންނާނެ: ބެންޒެމާ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅޭ ދެވަނަ ލެގުން މޮޅުވެ، ނަތީޖާ އަނބުރާލުމުގެ އުންމީދު ފުރިހަމައަށް އެބައޮތް ކަމަށް ކެޕްޓަން ކަރިމް ބެންޒެމާ ބުނެފިއެވެ.

ސިޓީއާއި ރެއާލްއިން ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު، ސިޓީން އަމިއްލަ ދަނޑުގައި ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ރެއާލްގެ ބެންޒެމާ ދެ ގޯލު ޖަހައިފައިވެއެވެ. އެ ދެ ގޯލާއެކު މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބެންޒެމާ ޖެހި ގޯލުގެ އަދަދު ވަނީ 13 އަށް އަރައިފައެވެ. އޭނާއަކީ މިވަގުތު، މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

ރޭގެ މެޗުގައި ޖެހި ގޯލުތަކާއެކު ބެންޒެމާ މި ސީޒަންގައި ކުޅުނު 41 މެޗުން އޭނާ ވަނީ 41 ގޯލު ހަމަކޮށްފައެވެ. ބެންޒެމާ ވެފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށްފަހު ރެއާލް ޖާޒީގައި 40 ގޯލު އެއް ސީޒަނެއްގައި ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

"ދެން އޮތީ ސަންތިއޭގޯ ބާނަބޭއޫގެ މެޗު. އެ މެޗަށް ބޭނުންވަނީ ސަޕޯޓަރުން. މީގެ ކުރިއަށްވުރެވެސް ބޮޑަށް މިހާރު ސަޕޯޓަރުން އެބަ ބޭނުންވޭ. އެ ސަޕޯޓަރުންނާއެކު ޖާދުވީ ކަމެއް ފެނިގެން ދާނެ. އެއީ މޮޅުވުން،" ރޭގެ މެޗަށްފަހު އުންމީދުގައި ހުރި ބެންޒެމާ ބުންޏެވެ.

ރޭގެ މެޗުގައި ބެންޒެމާ ޖެހި ފުރަތަމަ ގޯލަކީ ހިތްގައިމު ގޯލެކެވެ. އަދި ދެވަނަ ގޯލަކީ ޕެނަލްޓީއެކެވެ. ރޭގެ މެޗުގައި ސިޓީ ކައިރިން ބެންޒެމާ ޖެހީ "ޕެނަންކާ" ޕެނަލްޓީއެކެވެ. އެ ޕެނަލްޓީއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މިދިޔަ ހަފުތާ ތެރޭގައި ރެއާލްއިން ލީގުގައި ކުޅުނު މެޗުގައި ބެންޒެމާގެ އަތުން ދެ ޕެނަލްޓީ ނާކާމިޔާބު ވެފައި އޮތުމުންނެވެ.

"އަހަރެން އަބަދުވެސް ގަބޫލުކުރަން ޕެނަލްޓީ ނާކާމިޔާބުވާނީ ޕެނަލްޓީ ޖަހާ މީހުން އަތުން ކަމަށް ބުނާ ބުނުމަށް. އަހަރެންގެ މެންޓާލިޓީއަކީ އެއީ. އަހަރެންގެ ކޮންފިޑެންސް ވަރަށް މަތީގައި ހުރީ. އެހެންވީމަ އެކަހަލަ ގޮތަކަށް ޕެނަލްޓީ ޖެހީ. ވަރަށް ކާމިޔާބުކޮށް ދިިޔައީވެސް. ޔަގީންކަން އޮތް،" ބެންޒެމާ ބުންޏެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި އެކަނިވެސް ބެންޒެމާ ވަނީ ދެ ހެޓްރިކް ހަދާފައެވެ. އެއީ ޗެލްސީއާއި ޕީއެސްޖީ ކޮޅަށެވެ.

ރެއާލްއާއި ސިޓީ ކުޅޭ ދެވަނަ ލެގު ބާނަބޭއޫގައި އޮންނާނީ އަންނަ މަހު ހަތަރުވަނަ ދުވަހުގެ ރޭގައެވެ.