ޔޫއެފާ ޗެމްޕިއަންސް ލީގު

ބެންޒެމާއާއި ރެއާލްގެ ހިތްވަރު ގަދަ ނަމަވެސް ފުރަތަމަ މެޗު ސިޓީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގެ، ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.

ރޭ ކުޅުނު ފޯރިގަދަ މެޗުގައި ސިޓީން ރެއާލް ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ގިނަ ގޯލުތަކެއް ފެނިގެން ދިޔަ އިރު، ގޯލުތައްވެސް ތަފާތެވެ. މެޗު ޕްރެޝަރު ބޮޑުކޮށް ފެނުނު އިރު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގެ ޖަޒުބާތު މެޗުގައި ފުރިހަމައަށް ފެނިގެން ދިޔައެވެ.

ރޭގެ މެޗުގެ ދެށިގެން ދެމިނެޓުވެސް ނުވަނީސް ސިޓީން ލީޑު ނެގިއެވެ. އަރިމަތިން ރިޔާދު މަހަރޭޒް އޭރިއާ ތެރެއަށް ހިއްލައިލަދިން ބޯޅަ ބޮލުން ގޯލަށް ޖަހައި ލީޑު ނަގައިދިނީ ކެވިން ޑިބްރޭނާއެވެ. ޑިބްރޭނާގެ އެ ގޯލަކީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗެއްގައި މިހާތަނަށް ފެނުނު އެންމެ އަވަސް ގޯލެވެ.

އެ ގޯލާއެކު ވަރުގަދަކޮށް ފެށި ސިޓީން މެޗުގެ ކުރީކޮޅުގައި އެޓޭކަކަށްފަހު އެޓޭކެއް ކުރިއެވެ. ރެއާލްގެ ޑިފެންސަށް އޮބި ނޯވެގެން ގޮސް، މެޗުގެ 11 ވަނަ މިނެޓުގައި ސިޓީން ލީޑު ފުޅާވެސް ކުރިއެވެ. އެއީ ޑިބްރޭނާ ނެގި ހުރަހަކުން ގަބްރިއެލް ޖީސަސް ޖެހި ގޯލެކެވެ. ޖީސަސް އެ ގޯލު ޖެހީ ޑޭވިޑް އަލާބާ ފައިގައި ޖެހި ވެއްޓުނު ބޯޅައެއް ހޯދައިގެންނެވެ.

އެ ދެގޯލަށް ފަހުވެސް ދެން ލީޑު އިތުރަށް ފުޅާކުރަން ފަހި ފުރުސަތުތައް ލިބުނީ ސިޓީއަށެވެ. މަހަރޭޒް އާއި ފިލް ފޮޑެންގެ ހަމަލާތައް ނާކާމިޔާބުވި އިރު، އެ ހަމަލާތައް ނާކާމިޔާބުވުމުން ސިޓީ ކޯޗު ޕެޕް ގާޑިއޯލާ ފެނުނީ ހިތްހަމަ ނުޖެހިފައި ހުރި ތަނެވެ. އެ ފުރުސަތުތަކުގެ ބޭނުން ހިފަން މުހިއްމުވެފައި ސިޓީއަށް އޮތް އިރު، ރަނގަޅު ފުރުސަތުތައް ބޭކާރު ކޮށްލުމުގެ ނަތީޖާވެސް ގޯހެވެ.

ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާގެ ނުރައްކާ މެޗުގެ 33 ވަނަ މިނެޓުގައި އޭނާ ސާބިތު ކޮށްދިނެވެ. ފާލަންޑް މެންޑީ ނެގި ހުރަހެއް، އޭރިއާ ތެރޭގައި ހުރެ ހިއްގައިމުކޮށް ނިންމާލައި، ބެންޒެމާ ރެއާލްއަށް އުންމީދު ހޯދައިދިނެވެ. ރެއާލް ސެމީއަށް ކުރި ދަތުރުގައި ޕީއެސްޖީ އާއި ޗެލްސީ ކޮޅަށްވެސް ހެޓްރިކް ހެދި ބެންޒެމާ ސީޒަންގައި ޖެހި ގޯލުގެ އަދަދު 40 އަށް އެރުވި އިރު، އެ ގޯލަކީ ޗެމްޕިއަންސް ލީގުގެ މި ސީޒަންގައި ޖެހި 12 ވަނަ ގޯލެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައިވެސް ފުރަތަމަ ރަނުގެ ފުރުސަތު ލިބުނީ ސިޓީއަށެވެ. މަހަރޭޒްގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ރީބައުންސްގައި ފޮޑެން ޖެހި ބޯޅަ ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށް މަތަކުރީ ޑެނީ ކަވާހާލް އެވެ. އެ ފުރުސަތު ނާކާމިޔާބުވި ނަމަވެސް، މެޗުގެ 50 ވަނަ މިނެޓުގައި ސިޓީން ވަނީ ތިން ވަނަ ގޯލެއް ޖަހައިފައެވެ. އެއީ ބަދަލަކަށް ނުކުތް ސިޓީގެ ކެޕްޓަން ފެނާންޑީނިއޯ ނެގި ހުރަހަކުން ފޮޑެން ބޮލުން ޖެހި ގޯލެކެވެ.

ދެވަނަ ފަހަރަށް ދެގޯލުގެ ލީޑެއް ނަގައި ސިޓީން ކުޅުން މަޑުޖައްސާލި ނަމަވެސް ރެއާލްގެ ހިތްވަރު ބައްޔެއް ނުވިއެވެ. ސިޓީގެ ތިންވަނަ ގޯލަށް ދެމިނެޓުވެސް ނުވަނީސް ވިނީޝިއުސް ޖޫނިއާގެ ޖާދޫވީ "ސޯލޯ" ގޯލެއް ފެނިގެން ދިޔައެވެ. އަމިއްލަ ހާފުގެ މެދެއްހައި ހިސާބުން ފެނާންޑީނިއޯ ކައިރިން ހިތްގައިމު ގޮތަކަށް ނައްޓާލުމަށްފަހު، އެ ބޯޅަ ހިފައިގެން ބާރު ދުވެލީގައި ސިޓީ އޭރިއާ ތެރެއަށް ވަދެ ބޯޅަ ނިންމާލީ ސީދާ ގޯލުގެ ތިރީ ކަނަށެވެ.

ރެއާލްއިން ކައުންޓާގައި ގޯލުތައް ޖަހަމުން ދިޔަ އިރު، ސިޓީ ދިޔައީ ޕާސްގިނަކޮށް އެޓީމުގެ ކުޅުމުގައި މެޗު ކޮންޓްރޯލް ކުރަމުންނެވެ. އެޓީމުގެ ހަތަރު ވަނަ ގޯލުގެ މެޗުގެ 73 ވަަނަ މިނިޓްގައި ފެނިގެން ދިޔަ އިރު، އެ ގޯލަކީ ބެނާޑޯ ސިލްވާގެ ހިތްގައިމު ގޯލެކެވެ. ރެފްރީ ދިން ޕްލޭ އޮންއެއްގެ ފައިދާ ނަގައި، ރެއާލް ކޮޅަށް ބަނާޑޯ ޖެހި ހިތްގައިމު ގޯލު ވެގެން ދިޔައީ ސަޕްރައިޒިން ގޯލަކަށެވެ.

ދެންވެސް ފެނުނީ އުންމީދު ކަނޑާނުލައި ކުޅުނު ރެއާލްގެ ހިތްވަރެވެ. ކުރިއަށް ޖެހި އިތުރު ގޯލަކަށް ބުރަކޮށް މަސައްކަތްކުރި ރެއާލްއަށް 81 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުނެވެ. ރެއާލަށް ލިބުނު ޕެނަލްޓީއަކީ ސިޓީގެ އޭރިއާ ތެރެއިން ޑިފެންޑަރު އެމްރެކް ލަޕޯޓް އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ޖަހަން ނުކުތީ މިދިޔަ ހަފުތާ ލީގު މެޗުގައި ދެ ޕެނަލްޓީ ނާކާމިޔާބު ކޮށްލި ބެންޒެމާއެވެ. ހީކުރި ގޮތާއި ހިލާފަށް އެ ޕްރެޝަރުގެ ކަންފުޅެއްވެސް ނެތެވެ. ސިޓީގެ ގޯލްކީޕަރު ބޯ މަތިން ބެންޒެމާ ޖެހީ "ޕެނަންކާ" ޕެނަލްޓީއެކެވެ. ބެންޒެމާ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޖެހި ގޯލުގެ އަދަދު 13 އަށް އެރުވިއެވެ. އޭނާއަކީ މިވަގުތު ޗެމްޕިއަންސް ލީގުގެ ޓޮޕް ސްކޯރާއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގެ ފުރަތަމަ ލެގުގައި މާދަމާރޭ ލިވަޕޫލުން ނުކުންނާނީ ވިލަރެއާލާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އެންފީލްޑްގައެވެ. ސިޓީއާއި ރެއާލް ކުޅޭ ދެވަނަ ލެގު ސަންތިއޭގޯ ބާނަބޭއޫގައި އޮންނާނީ ހަތަރެއް މާޗު ވާ ބުދަ ދުވަހުގެ ރޭގައެވެ.