ޚަބަރު

ޝަރުއީ ދާއިރާ އިސްލާހުކުރަން ގާނޫނުތަކަށް ބަދަލު ގެނައުމަށް ރައީސް އޮފީހަށް ފޮނުވައިފި

މުހައްމަދު އިޝާން

ޝަރުއީ ދާއިރާ އިސްލާހުކުރަން ގާނޫނުތަކަށް ބަދަލު ގެނައުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މިއަދު ބުނީ، ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމަށްޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާ މައިގަނޑު އިސްލާހުތަކަކީ، ރާއްޖޭގައި ގާއިމުކުރެވިފައިވާ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށެވެ. އަދި ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދެއްގެ ސާކިޓްތަކެއް ގާއިމުކުރުމުގެ އިތުރުން މެޖިސްޓްރޭޓުން އައްޔަންކުރާނީ ކަނޑައެޅޭ ސާކިޓްތަކަކަށް ކަމުގައި ހަމަޖެއްސުމަށެވެ.

ކޯޓުތައް ހިންގުމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އެނޫންވެސް ބައެއް އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށް ހުށަހަޅާފައިވާނެ ކަމަށް އެޓާނީ އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރުމުގެ މައިގަނޑު ބޭނުމަކީ، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމުގެ އިތުރުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލު ކުރުން ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރުމުގެ މައިގަނޑު އަނެއް ބޭނުމަކީ، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމާއި، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތަކާއި މާލީ ބަޔާން ހުށަހެޅުމާ ގުޅޭ އުސޫލުތައް އިތުރަށް ތަފްސީލު ކުރުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ ބޮޑު އެއް ވައުދެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފޯމޭޝަން ނުވަތަ އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މީގެ ކުރިން ވެސް ވަނީ މަސައްކަތްކޮށްފައެވެ.