ޚަބަރު

ފެނާއި ނަރުދަމާގެ ގާނޫނާ ހިލާފުވެއްޖެ ނަމަ އެއްމިލިއަން ރުފިޔާއާއި ހަމަޔަށް ޖޫރިމަނާކުރަން ފާސްކޮށްފި

އިބްރާހިމް ޒަކީ

ފެނާއި ނަރުދަމާގެ ގާނޫނާ ހިލާފުވާ ފަރާތްތަކާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވާ ފަރާތްތައް، 5،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ކަނޑައަޅައި، ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި، 48 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ސަރުކާރުގެ ފަރާތުން، ކުޅުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވި މި ބިލުގައި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް ބޭނުންކުރާ ސާމާނު ޓެސްޓްކޮށް ސެޓިފައި ކުރާނެ ގަވާއިދުތައް އެކުލަވައިލުމަށް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމުތައް ފަރުމާ ކުރުމާއި، ގާއިމް ކުރުމާއި، އެ ނިޒާމުތަކުން ހިދުމަތް ދިނުމާބެހޭ ގަވާއިދުތައް، ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން އެކުލަވައިލުމަށް ވެސް ވަނީ ހިމަނއިފައެވެ.