މަސްކިރުމުގައި ހުރި ދަތިތައް އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގެ މެމްބަރުން ގއ. ކޫއްޑުއަށް ވަޑައިގެން އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ މެމްބަރުން ވަނީ ކޫއްޑުއަށް މަސް ކިރުމަށް ހުރި ދަތިތަކާއި އެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ބައްލަވައި އޮޅުންފިލުއްވައިފައެވެ. އިގުތިސޯދީ ކޮމިޓީގެ މެމްބަރުން ކޫއްޑުއަށް ވަޑައިގަތުމުން މަސްވެރިން ވަނީ މެމްބަރުންނަށާއި ކޫއްޑޫގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރާއި މަޖިލީހަށް ހައްލުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމަށާއި ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް ބުނެ މަސްވެރިން ވަނީ ގިނަ ޝަކުވާތަކެއްކޮށްފައެވެ.
މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގެ ރިޔާސަތުގައި އިންނަވަނީ ކޮމިޓީގެ ނައިބު މުގައްރިރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ. ބައްދަލުވުންތަކުގައި އެމްޑީޕީއާއި ޕީޕީއެމް އަދި ބައެއް އަމިއްލަ މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މަޖިލީހުގެ އިގުތިސޯދީ ކޮމިޓީގެ މެމްބަރުން ކޫއްޑޫގެ ހާލަތު އޮޅުންފިލުއްވާފައި މިވަނީ ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ ކެޕޭސިޓީ ނެތުމުން މަސްވެރިން އެކަމުގައި ދޭތެރެދޭތެރެއިން އިހުތިޖާޖު ކޮށްފައި ވަނިކޮށެވެ. އަދި ސަރުކާރުން މަސްވެރިންނަށްވީ ވައުދު ނުފުއްދާތީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސަރުކާރަށް ފާޑު ވިދާޅުވެފައިވަނިކޮށެވެ.
ރާއްޖޭގެ ދެކުނުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މަސް ކިރުވާ އަދަދު އިތުރުވެ މަސްކިރަން ކިޔޫގައި ތިބި ދޯނިތައް އިތުރުވުމުން މިފްކޯއިން މަސް ގަންނަ އަދަދު މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ވަނީ ލިމިޓްކޮށްފައެވެ.
އެކަމާ ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ މަސްވެރިން ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލުކޮށް މިމަހުގެ 12 ވަނަ ދުވަހު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކަށް ހުރަސް އެޅި ނަމަވެސް، ސަރުކާރުން ވަނީ އެކަމަށް ހައްލެއް ހޯދައިދީފައެވެ.
އެ މައްސަލަ ހައްލުކޮށްދީފައިވާކަން ހާމަކޮށް ސަރުކާރުން އޭރު ބުނީ މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން އިމްޕްލިމެންޓޭޝަން ޕްލޭނެއް ހަދާފައިވާ ކަމަށާއި މަސްވެރިންނަށް ކިޔޫ އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމުތައް ކޫއްޑޫގައި މިހާރު ހަޖަމައްސާފައިވާ ކަމަށެވެ. އަދި އެ ޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.