މެންޗެސްޓާ ޔުނައިޓެޑް

އާސެނަލްއާ ދެކޮޅަށް ރޮނާލްޑޯ ކުޅުން އެކަށީގެންވޭ، ޕޮގްބާއަށް އަނިޔާވެ ސީޒަން ނިމިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އަންނަ އާދީއްތަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅެން އޮތް މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނުން އެކަށީގެންވާ ކަމަށް ކޯޗު ރާފް ރަންގްނިކް ބުނެފިއެވެ.

އެންމެފަހުން ޔުނައިޓެޑުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އެއީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރޮނާލްޑޯގެ ލޯބިވެރިޔާއަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވުމާ ގުޅިގެން އާއިލާއަށް ވަގުތު ދިނުމަށެވެ. ރޮނާލްޑޯގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ލިވަޕޫލް ސަޕޯޓަރުންނާއެކު އެންފީލްޑް އެކީ ވަނީ ހާއްސަ އަތްތިލަބަޑިއެއް ޖަހައިފައެވެ. އަދި ލިވަޕޫލް ސަޕޯޓަރުން ވަނީ އެ ކްލަބުގެ ހާއްސަ ލަވަ، 'ޔޫ ވިލް ނެވާ ވޯކް އެލޯން' ގެ އަޑުން އެ ވަގުތު ދަނޑު ގުގުމާލައިފައެވެ. ރޮނާލްޑޯ ވަނީ ލިވަޕޫލްގެ "ކްލާސް އެކްޓް" އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް އެ ހަނދާން ނުނެތޭނެ ކަމަށް ބުނެފައެވެ.

ރޮނާލްޑޯގެ އާއިލާ މިވަގުތު ގޭގައި ތިބި އިރު، އޭނާ އިއްޔެ ވަނީ ހުރިހާ ކަމެއްވެސް ރަނގަޅަށް ދާ ކަމަށް ބުނެފައެވެ. އަދި އިއްޔެ ޔުނައިޓެޑުން ކުރި ތަމްރީނުތަކުގައިވެސް ރޮނާލްޑޯ ވަނީ ބައިވެރިވެފައެވެ.

"ރޮނާލްޑޯ ސްކޮޑުން ފެންނާނެ. އޭނާ ތަމްރީނުތައް ހަދަމުން ދަނީ. އެހެންވީމަ އާސެނަލްއާ ދެކޮޅަށް ކުޅޭތަން ފެނިދާނެ،" ރަންގްނިކް ބުންޏެވެ.

ޔުނައިޓެޑުން އާ ކޯޗު އެރިކް ޓެން ހާގު އިއްޔެ އިއުލާން ކޮށްފައިވާ އިރު، މިހާރު މަސައްކަތް ކުރަމުން އަންނަނީ މި ސީޒަންވެސް ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމަށެވެ. އެހެން ނަމަވެސް އެކަމަށް އެންމެ ބޮޑަށް ހުރަސް އެޅިގެންދަނީ ޓީމުގައި އަނިޔާގެ މައްސަލަތައް އިތުރުވުމުންނެވެ. އެންމެފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅުގައި ޕައުލް ޕޮގްބާގެ ފަލަމަސްގަނޑަށް އަނިޔާވެ، އޭނާ ބާލަން ޖެހުނު އިރު، ރަންގްނިކް ޕްރެސްގައި ބުނީ ޕޮގްބާއަށް ދެން މިސީޒަނުގައި ކުޅެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ރަންގްނިކް ބުނެފައިވަނީ ޕޮގްބާގެ ސްކޭންތައް ދައްކާ ގޮތުން އޭނާ ހަތަރު ހަފުތާއަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހޭ ކަމަށެވެ. ލީގުގެ ފަހު ހަފުތާއަކީ އަންނަ މަހުގެ ފަހު ހަފުތާ ކަމަށްވީ އިރު، އެހިސާބަށް ޕޮގްބާ ފިޓްވާނެ ކަމަކަށް ނުބެލެވެއެވެ.