އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން މިއަދު ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން މޮޅުވެއްޖެއެވެ.
ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ފޮރެސްޓް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޔުނައިޓެޑުން ވަނީ ލީގުގެ ތިންވަނަ ޔަގީން ކޮށްފައެވެ. އެއީ ބާކީ މެޗެއް އޮއްވާ، 37 މެޗުނ 68 ޕޮއިންޓާއެކުގައެވެ. ފޮރެސްޓް މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ. އެއީ 37 މެޗުން 43 ޕޮއިންޓާއެކުގައެވެ.
މިއަދުގެ މެޗަކީ ބްރޫނޯ ފެނާންޑޭޒްއަށް ހާއްސަ މެޗަކަށެވެ. މެޗުގައި އެސިސްޓެއް ހަދާ، ފެނާންޑޭޒް ވަނީ މިސީޒަނުގެ ލީގުގައި 20 އެސިސްޓް ހަމަކޮށްފައެވެ. އެއާއެކު އޭނާ ވަނީ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހަދާފައިވާ ކެވިން ޑި ބްރޭނާއާއި ތިއެރީ އޮންރީގެ ރެކޯޑާ ހަމަކޮށްފައެވެ. ޔުނައިޓެޑަށް އަދި ބާކީ އެއް މެޗު އޮތް އިރު، އެ ރެކޯޑު މުގުރާލަން ފެނާންޑޭޒްއަށް ފުރުސަތު އެބައޮތެވެ. ޔުނައިޓެޑުން ލީގުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.
ޔުނައިޓެޑުން މެޗު ފެށީ ރަނގަޅަށެވެ. ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ލޫކް ޝޯ ގޯލް ޖަހައި، ލީޑު ނަގައިދިނެވެ. އެއީ 2024 ވަނަ އަހަރު ޖެނުއަރީއަށްފަހު ޔުނައިޓެޑުން ލީގުގައި ޖެހި އެންމެ އަވަސް ގޯލެވެ. އޭގެ އިރުކޮޅެއްފަހުން ބްރަޔަން އެމްބުއޭމޯ ފޮނުވާލި ހަމަލާ ދަނޑިއަށް އަމާޒުވެފައިވާ އިރު، އޭގެފަހުން ލިބުނު ހަމަލާ ދިޔައީ މާބޮޑަށްވެސް ބޭރަށެވެ.
އަނެއްކޮޅުން ފޮރެެސްޓްގެ މޯގަން ގިބްސް-ވައިޓް ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ގޯލްކީޕަރު ސެނޭ ލެމެންސް ދިފާއުކުރި އިރު، ހާފު ނިމުނީ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ފޮރެސްޓުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެލިއެޓް އެންޑަސަން ނަގައިދިން ހުރަހަކުން ގޯލް ޖަހައިދިނީ މޮރާޓޯ ބޮލުންނެވެ.
އެ ގޯލާއެކު މެޗު އެއްވަރުވި ނަމަވެސް، އޭގެ ދެ މިނެޓް ފަހުން ޔުނައިޓެޑުން އަނެއްކާވެސް ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ މަތެއަސް ކޫންޏާއެވެ. ކޫންޏާ ގޯލް ޖެހީ އެމްބުއޭމޯ ދުއްވާލި ބޯޅައިންނެވެ. އެ ގޯލަށް ގިނަ ބައެއްގެ ސުވާލު އުފެދިފައިވެއެވެ. އެމްބެއޭމޯ ބޯޅަ ކޮންޓްރޯލް ކުރި ވަގުތު އޭނާގެ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރުން ވަނީ މެޗު ރެފްރީއަށް ސްކްރީން ބަލަން އިޝާރާތް ކޮށްފައެވެ. ރެފްރީ ސްކްރީން ނުބަލާ ނިންމީ އެއީ ގަސްދުގައި އަތުން ޖެއްސީ ނޫން ކަމަށެވެ.
ޔުނައިޓެޑުން 76 ވަނަ މިނެޓުގައި ފަރަގު ބޮޑުކުރިއެވެ. ފެނާންޑޭޒްގެ ހުރަހަކުންއ އެ ގޯލްވެސް ޖެހީ އެމްބުއޭމޯއެވެ. އޭގެފަހުން 78 ވަނަ މިނެޓުގައި ގިބްސް-ވައިޓްގެ ގޯލުން ފޮރެސްޓް އިތުރު ހިތްވަރެއް ކުރި ނަމަވެސް، އެޓީމަށް ޕޮއިންޓެއް ލިބޭ ގޮތެއް ނުވިއެވެ.
ޔުނައިޓެޑްގެ ކޯޗު، މައިކަލް ކެރިކާއެކު މިހާތަނަށް 16 މެޗުން 11 މޮޅު ހޯދާފައިވާ އިރު، އޭނާ މަޑުކުރުވަން ދަނީ ފަހުގެ މަޝްވަރާތައް ކުރަމުންނެވެ. މިއަދުގެ މެޗުގެ ކުރިން ކަސެމީރޯ ވަނީ އޯލްޑް ޓްރެފޯޑަށް އަލްވަދާއު ކިޔައިފައެވެ. ސީޒަން ނިންމާލުމަށްފަހު ކްލަބު ދޫކޮށްލަން ނިންމާފައިވާ ކަސެމީރޯއަށް މިއަދުގެ މެޗަކީ ފަހު ހޯމް މެޗެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު