އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލުން އަނެއްކާވެސް ޔުނައިޓެޑް ލަދު ގަންނަވާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ހަތަރު ގޯލު ޖަހައިގެން މޮޅުވެއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑުގައި ރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އިނގިރޭސި ފުޓުބޯޅަ ތާރީހުގައި އެންމެ ވާދަވެރި ދެ ކްލަބުގެ ގޮތުގައި ބެލެވިފައި އޮތް ލިވަޕޫލާއި ޔުނައިޓެޑުން މި ސީޒަންގެ ލީގުގައި ފުރަތަމަ ކުޅުނު މެޗުގައިވެސް ލިވަޕޫލުން ވަނީ ބޮޑު ތަފާތަކުން ޔުނައިޓެޑް ބަލިކޮށްފައެވެ. ޔުނައިޓެޑް ދަނޑުގައި ކުޅުނު އެ މެޗު ލިވަޕޫލުން ވަނީ 5-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެ މެޗުގައި މުހައްމަދު ސަލާހް ހެޓްރިކް ހެދި އިރު، ރޭގެ މެޗުގައި ސަލާހް ވަނީ ދެ ގޯލު ޖަހައިފައެވެ.

ރޭ ހޯދި މޮޅާއެކު ލިވަޕޫލް ވަނީ އަނެއްކާވެސް ލީގު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފައެވެ. ލިވަޕޫލާއި މެންޗެސްޓާ ސިޓީން ލީގު ރޭހުގައި ވަރުގަދަ ކުރިމަތިލުމަކަށް ގޮސްފައިވާ އިރު، ލިވަޕޫލުން އެއްވަނައިގައި އޮތީ 32 މެޗުން 76 ޕޮއިންޓު ހޯދައިގެންނެވެ. ސިޓީން މި ހަފުތާގައި ކުޅޭ މެޗުގައި ބްރައިޓަންއާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުން މިވަގުތު ކުޅެފައިވާ 31 މެޗުން ލިބިފައި ވަނީ 74 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވެ ޔުނައިޓެޑް އޮތީ ހަވަނައިގައެވެ. އެއީ 33 މެޗުން 54 ޕޮއިންޓާ އެކުގައެވެ.

މެޗަށް ޔުނައިޓެޑުން ނުކުތީ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ. އަންގާރަ ދުވަހު ރޮނާލްޑޯގެ ލޯބިވެރިޔާއަށް ލިބުނު އެއް މާބަނޑު ދެކުދިންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވުމާއެކު މިވަގުތު ރޮނާލްޑޯ ހުރީ އާއިލާއަށް ވަގުތު ދިނުމަށެވެ. ރޮނާލްޑޯގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ރޭގެ މެޗުގެ ހަތްވަނަ މިނެޓުގައި އެންފީލްޑް އެކީ ވަނީ ހާއްސަ އަތްތިލަބަޑިއެއް ޖަހައިފައެވެ. އަދި ލިވަޕޫލް ސަޕޯޓަރުން ވަނީ އެ ކްލަބުގެ ހާއްސަ ލަވަ، 'ޔޫ ވިލް ނެވާ ވޯކް އެލޯން' ގެ އަޑުން އެ ވަގުތު ދަނޑު ގުގުމާ ލައިފައެވެ.

ރޭގެ މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގައިފައެވެ. ޔުނައިޓެޑުގެ އަރިމަތިން ސަލާހް ވަދެ ގޯލުގެ ކުރި މައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ވައްދާލީ ލުއިސް ޑިއާޒްއެވެ. އެ ގޯލަކީ ޖެނުއަރީގައި ލިވަޕޫލާ ގުޅުނު ފަހުން ޑިއާޒް ޕްރިމިއާ ލީގުގައިވެސް ޖެހި ތިންވަނަ ގޯލެވެ. އަދި ޔުނައިޓެޑް ކޮޅަށް އޭނާ ޖެހި ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފު އެކީ އެކައްޗަކަށް ކޮންޓްރޯލްކޮށް ލިވަޕޫލުން ދިޔައީ އެޓޭކަކަށްފަހު އެޓޭކެއް އުފައްދަމުންނެވެ. ރީތި ޕާސްތަކެއް ޖަހައި، ސަޑިއޯ މާނޭ ތަނަވަސްކުރި ހިތްގައިމު ފުރުސަތުގައި ލިވަޕޫލްގެ ސަލާހް، މެޗުގެ 22 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑުން ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހި ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ކުރިތަން ފެނުނެވެ. ބަދަލަކަށް ނުކުތް ޖޭޑަން ސަންޗޯގެ ފަރާތުން ނުރައްކާ ފެނުނު ނަމަވެސް ލިވަޕޫލުގެ ގޯލަށް ބޯޅަ ވައްދާ ލެވޭ ގޮތެއް ނުވިއެވެ. ސަންޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާކަސް ރަޝްފޯޑާއި ޖެސޭ ލިންގާޑު ޖެހި ބޯޅަތައްވެސް މަތަކުރީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާއެވެ.

ޔުނައިޓެޑުން ކުރިއަށް ޖެހިލި ވަގުތު ބަލައި، ލިވަޕޫލުން ކައުންޓާ އެޓޭކުގައި ލީޑު އިތުރަށް ފުޅާކުރިއެވެ. އެ ގޯލު ޖެހީ ސަޑިއޯ މާނޭއެވެ. މެޗުގެ ހަތަރު ވަނަ ގޯލަކީ 85 ވަނަ މިނެޓުގައި ސަލާހް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބޯ މަތިން ގޯލު ތެރެއަށް އޮއްސާލި "ޗިޕް"އެކެވެ.

މި ސީޒަންގެ ހަތަރު މުބާރާތް ކާމިޔާބުކޮށް ތާރީހު ލިޔެލުމަށް ލިވަޕޫލަށް ފުރުސަތު އެބަ އޮތެވެ. އެޓީމުން މިހާތަނަށް ލީގު ކަޕް ކާމިޔާބުކޮށް، އެފްއޭ ކަޕްގެ ފައިނަލަށްވެސް ދަތުރު ކޮށްފައިވާ އިރު، ޗެމްޕިއަންސް ލީގުގައިވެސް ލިވަޕޫލް އޮތީ ސެމީ ފައިނަލުގައެވެ.