އެމްޑީޕީ ހިމެނޭ މި ސަރުކާރުން ލަފާކުރާ ވަރުގެ ތާއީދެއް ނެތް ކަމަށް ވިދާޅުވެ، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އެމަނިކުފާނުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާ ދެމެދު ވާދަވެރިކަން އިތުރުވެ، ބަހުގެ ހަމަލާތަކެއް އަމާޒު ކުރަމުން ދަނިކޮށް އެމްޑީޕީގެ މެންބަރުން ތިއްބަވާ ގުރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ވެރިކަމަށް ތާއީދު ބޮޑު ކަމަށް ސަރުކާރުން ލަފާކުރިޔަސް ރައްޔިތުންގެ 50 ޕަސެންޓް ތާއީދު ހޯދަން އުނދަގޫވާނެ ކަމަށެވެ. އަދި ސަރުކާރަށް ވަރަށް ގިނަ ގޯސްތައް ހެދިއްޖެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓަށްވުރެ އިތުރަށް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް. މާ ގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް، އެއް ބަޔަކަށް ގަބޫލެއް ނުކުރެވޭ. ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި 50 ޕަސެންޓް ވޯޓު ނުލިބުމުން އެކަމާ ގުޅުވައި ރައީސް ނަޝީދު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުކޮށްފި ނަމަ އެމްޑީޕީ ވެރިކަމުގައި ދެން ނުތިބޭނެ ކަމަށް ވިދާޅުވެފައެވެ.
ނަޝީދު އެހެން ވިދާޅުވި އިރު، ސިޔާސީ ޕާޓީތަކުގެ ނިޒާމު އައި ފަހުން ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގައި އެމްޑީޕީއަށް އެކަނި 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ހޯދިފައެއް ނުވެއެވެ. އެގޮތުން 2018ގައި ޕީޕީއެމްގެ މައްޗަށް ކުރި ހޯދީވެސް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމް ހިމެނޭ ކޯލިޝަނަކުންނެވެ.
އިންތިހާބުގެ ވާހަކައަކާ ގުޅުވައި ނަޝީދު ދެން ފޮނުއްވި މެސެޖުގައި ވިދާޅުވީ މިއީ ވަރަށް ގިނަ ފައިސާ އަނބުރާ ދައްކަން ޖެހޭ ރިސްކު ބޮޑު އަހަރެއް ކަމަށެވެ. ނަމަވެސް އެއިން ކަމަކަށްވެސް ސަރުކާރުން ނުބަލާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު