ޔޫއެފާ ޗެމްޕިއަންސް ލީގު

އިނގިރޭސި ގަދަ ދެބާރު، ސިޓީއާއި ލިވަޕޫލް ސެމީއަށް

އިނގިރޭސި ފުޓުބޯޅައިގައި މިވަގުތު އޮތް އެންމެ ވަރުގަދަ ދެޓީމު ކަމަށްވާ މެންޗެސްޓާ ސިޓީއާއި ލިވަޕޫލްވެސް ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބެންފީކާއާ 3-3 އިން އެއްވަރުވިއިރު، އެޓީމު ސެމީ ޔަގީންކުރީ އެގްރިގޭޓް 6-4 ގެ ނަތީޖާއަކުންނެވެ. ސިޓީން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ރޭ ކުޅުނު މެޗު 0-0 އިން އެއްވަރު ވެގެން ނިމުނު އިރު، ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި އޮތުމުން، އެޓީމަށް ވަނީ ސެމީ ޔަގީންވެފައެވެ.

ލިވަޕޫލަށް ރޭގެ މެޗަށް ނުކުތް އިރުވެސް އޮތީ ފަސޭހަ މަގެކެވެ. ބެނިފީކާ ދަނޑުގައި މިދިޔަ ހަފްތާ ކުޅުނު މެޗުން ލިވަޕޫލް 3-1 އިން މޮޅުވެފައި އޮތުމުން އެޓީމުން މެޗަށް ނުކުތީވެސް ފުރަތަމަ 11 އަށްވެސް ބަދަލުތަކެއް ގެނެސްގެންނެވެ.

ބަދަލުތަކަކާއެކު ނުކުތް ލިވަޕޫލުން މެޗުގެ 21 ވަނަ މިނިޓްގައި ލީޑު ނެގިއެވެ. އެޓީމަށް ފުރަތަމަ ގޯލު ޖަހައިދިނީ ފްރާންސްގެ ޑިފެންޑަރު އިބްރާހިމް ކޮނާޓޭއެވެ. ކޮނާޓޭގެ ގޯލަކީ ކޯނަރެއްގެ އެހީގައި ޖެހި ގޯލެކެވެ. ލިވަޕޫލުން ލީޑުނެގިތާ މާގިނައިރެއްނުވެ. މެޗުގައި ބެންފީކާ ފުރަތަމަ ފަހަރަށް އެއްވަރު ކުރީ 32 ވަނަ މިނިޓުގައި ގޮންކާލޯ ރާމޯސް ޖެހި ގޯލުންނެވެ.

ފުރަތަމަ ހާފު 1-1 ގެ ނަތީޖާއަކުން ނިމުނު އިރު، ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ލިވަޕޫލުން ވަނީ އަލުން ލީޑުނަގައިފައެވެ. ބެންފީކާގެ ކީޕަރު އޮޑީސިއަސް ވްލަޝޯޑިމޯސް ހެދި ގޯހެއްގެ ފައިދާނަގައި، ލިވަޕޫލްގެ ގޯލު ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. މެޗުގެ 65 ވަނަ މިނިޓްގައި ލިވަޕޫލްގެ ތިން ވަނަ ގޯލު ވެސް ޖެހީ ފިރްމީނޯއެވެ.

ލިވަޕޫލުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ބެންފީކާ އިން ވަނީ ހިތްވަރާއެކު ކުޅެ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.އެ ގޯލުތައް ޖަހައިދިނީ ރޯމަން ޔަރެމްޗުކާއި، ޑާވިން ނޫނޭޒްއެވެ.

ސިޓީއާއި އެތުލެޓިކޯ ރޭ ކުޅުނު މެޗު ފެނުނީ ފޯރިގަދަ ކޮށެވެ. ގޯލެއް ނުފެނުނު ނަމަވެސް މެޗުވީ ޝައުގުވެރި މެޗަކަށެވެ. މެޗަށް ނުކުތް އިރުވެސް ސިޓީގެ ޓާގެޓަކަށް އޮތީ ކޮޅަށް ގޯލެއް ނުވައްދާ މެޗު ނިންމާލުން ކަމަށްވާ އިރު، އެ ޓާސްކް ފުރިހަމަކުރީ ޕްރޮފެޝަނަލް ކުޅުމަކާ އެކުގައެވެ.

ސިޓީން ރޭގެ މެޗު 0-0 ގައި ހިފަހައްޓާލި ނަމަވެސް އެތުލެޓިކޯ ފެނުނީ ފުރަތަމަ ލެގުގެ މެޗަށްވުރެ މާ ބޮޑަށްވެސް ވަރުގަދަކޮށެވެ. އަމިއްލަ ސްޓޭޑިއަމްގައި ސަޕޯޓަރުންގެ ފޯރިއާއެކު ކުޅުނު އެތުލެޓިކޯގެ ހަމަލާތައްވެސް ރޭގެ މެޗުގައި ފެނުނެވެ. އެގޮތުން އެންޓޮއިން ގްރީޒްމަންއާއި ޖާއޯ ފެލިކްސް ރޮޑްރީގޯ ޑި ޕައުލް، އަދި އެންހޭލް ކޮރިއާގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. އޭގެ ތެރެއިން ގިނަ ހަމަލާތަކެއް މަތަކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ސިޓީގެ ގޯލްކީޕަރު އެންޑަސަންއެވެ.

ރޭގެ މެޗުގައި ސިޓީގެ އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ އިލްކޭ ގުންޑޮގަންގެ ފަރާތުންނެވެ. ފުރަތަމަ ހާފުގައި އޭނާ ފޮނުވާލި ހަމަލާ ގޯލަށް އަމާޒުވެފައިވެއެވެ.

ސިޓީއާއި އެތުލެޓިކޯ މެޗުގެ ފަހު ވަގުތު ކޮޅުގައި ކޮންމެވެސް ވަރެއްގެ ހަމަ ނުޖެހުންތަކެއްވެސް ހިނގާފައިވެއެވެ. އެތުލެޓިކޯއިން ވަރަށް ބޮޑަށް ސިޓީ ކުޅުންތެރިންނަށް މެޗު ތެރޭގައިވެސް ފައުލްތައް ކޮށް، ފިޒިކަލް ކުޅުމެއް ކުޅެފައިވާ އިރު، މެޗުގެ ފަހު މިނެޓު ކޮޅުގެ ތެރޭގައި އެތުލެޓިކޯގެ ބްރެޒިލްގެ ޑިފެންޑަރު ފިލީޕޭއަށް ވަނީ ރަތް ކާޑެއްވެސް ދައްކައިފައެވެ.

ސެމީ ފައިނަލުގައި ލިވަޕޫލް ކުޅެން ޖެހޭނީ ސްޕެއިނުގެ ވިޔަރެއާލާ ދެކޮޅަށެވެ. މެންޗެސްޓާ ސިޓީ ކުޅެން ޖެހޭނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ސެމީ ފައިނަލް ފުރަތަމަ ލެގުގެ މެޗުތައް މިމަހުގެ 26 އަދި 27 ވަނަ ދުވަހުގެ ރޭ އޮންނަ އިރު، ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ މޭ މަހުގެ ތިނެއް އަދި ހަތަރު ވަނަ ދުވަހުގައެވެ.