ރަހީނުކުރުމަށްފަހު އަނިޔާވެރި ގޮތަކަށް މަރާލައި ފޮށިގަނޑަކަށް ލައި، މޫދަށް އެއްލާލާފައި އޮތްވައި ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ ޖަލަށް ބަދަލުނުކުރެވޭނެ ކަމަށް ހައި ކޯޓުން ދެ ވަނަ ފަހަރަށް ހުކުމްކޮށްފިއެވެ.

އެ މައްސަލައަކީ ތުހުމަތުކުރެވޭ ކުޑަކުއްޖާ އާއި އިތުރު މީހަކު ވެގެން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް، އެ ކުއްޖާގެ ނުރުހުމުގައި އެ ކުއްޖާ ތަނެއްގައި ހިފަހައްޓައި، އެ ކުއްޖާއަށް އަނިޔާކޮށް މަރާލައި، އެ ކުއްޖާގެ ހަށިގަނޑު ފޮށްޓަކަށްލައި، މޫދަށް ފައްތާލާފައިވާ މައްސަލައެވެ.

ތުހުމަތުކުރެވޭ ކުޑަކުއްޖާ ޖުވެނައިލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން އަމުރުކުރީ އެ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރުމަށެވެ. އެގޮތަށް އަމުރުކުރީ ކުޑަކުދިން ބަންދުކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައި ވުމުންނެވެ.

އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ހައްލުކޮށް ހޯމް މިނިސްޓްރީން ވަނީ ކ. ހިންމަފުށީގައި ޑިޓެންޝަން ސެންޓަރެއް ހުޅުވައިފައެވެ. ދައުލަތުން ވަނީ އެ ކުއްޖާ ޑިޓެންޝަން ސެންޓަރަށް ބަދަލުކޮށްދިނުމަށް ހައި ކޯޓުގައި އެދިފައެވެ.

ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ކަނޑައެޅީ އެ ކުއްޖާ ހިންމަފުށީ ޑިޓެންޝަން ސެންޓަރަށް ބަދަލު ނުކުރުމަށެވެ. ހައި ކޯޓުން އެގޮތަށް ކަނޑައެޅީ އެ ކުއްޖާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބެމުންދާތީއެވެ. ހައި ކޯޓުގެ އެ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ވަނީ މިމަހުގެ ދެވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު ގޭ ބަންދުކުރަން އެންގުމުގެ ބާރު ފަނޑިޔާރަށް އޮތަސް، އެއީ އެއްވެސް ގައިދެއް ނެތި އޮންނަ ބާރެއް ނޫން ކަމަށެވެ. އަދި ކުއްޖާ ބަންދުކުރާނެ ތަނެއް ނިންމަން ޖެހޭނީ ވަށައިގެންވާ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ، ތުހުމަތުކުރެވޭ ކުއްޖާ ކޯހެއްގައި ބައިވެރިވެގެން ކިޔަވަމުން ދިޔަޔަސް، އެއީ ގޭ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

މީގެ އިތުރުން ހުކުމުގައި ބުނެފައިވަނީ، ކުއްޖާ ގެއަށް ބަދަލުކުރި ކުރުން ރަނގަޅު ކަމަށް ހައި ކޯޓުން ނިންމީ އެފަދަ މައްސަލަތަކުގައި ބަލަންޖެހޭ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމަށްފަހު ނޫން ކަމަށްވާތީ އެ ނިންމުން ބާތިލުކުރާ ކަމަށެވެ. އެކަަމަކު އެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނެރުނު އަމުރުގެ މުއްދަތު މިހާރު ހަމަވެފައި އަދި އެ ކުއްޖާ ގޭ ބަންދުކުރުމުގެ އިިތުރު އަމުރުތަކެއް މިހާރު ނެރެފައިވާތީ ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޖުވެނައިލް ކޯޓުގެ އަމުރު މިހާރު ބާތިލުކުރެވެން ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ނުވަތަ ދައުލަތުން ވަނީ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމަން ޖުވެނައިލް ކޯޓަށް ހުށަހަޅައިފައެވެ. ޖުވެނައިލް ކޯޓުން އެ ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިއަދު ހުކުމްކުރީ އެ ކުއްޖާ ޖަލަށް ބަދަލުކުރެވެން ނެތް ކަމަށެވެ. އެގޮތަށް ހުކުމްކުރީ ދައުވާލިބޭ ކުއްޖާގެ ފަރާތުން އެ މައްސަލައިގެ ހެކިވެރިންގެ ގޮތުގައި ތިބި ކުދިންނަށް ނުފޫޒު ފޯރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމުންނެވެ.

ހުކުމުގައި ބުނީ، ދައުވާލިބޭ ކުއްޖާ ބަންދުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ތަނެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި އެ ތަން އަދި ތައްޔާރު ވެސް ނުވާ ކަމަށް އެ ކުއްޖާގެ ފަރާތުން ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި ތައުލީމު ހާސިލު ކުރުމަކީ އަސާސީ ހައްގެއް ކަމަށާއި ކުއްޖާ ތައުލީމު އުގެނުމަށް ފުރިހަމައަށް މަސައްކަތްކުރާ ކަމަށެވެ. އެއްވެސް އިތުރު ކުށަކަށް އަރައިގަންނަން ކުއްޖާ މަސައްކަތް ކޮށްފައިނުވާ ކަމަށާއި އެކަމުން ދޭހަވަނީ އެ ކުއްޖާ އިސްލާހުވާކަން ބޭނުންވާކަން ކަމަށެވެ.

ޖުވެނައިލް ކޯޓުން އެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރީ ހަރުކަށި ޝަރުތުތަކެއް ކުރުމަށްފަހު ކަމަށާއި އެޝަރުތުތަކާ ކުއްޖާ ހިލާފުވެފައިނުވާ ކަމަށެވެ. އެހެންކަމުން އެ ކުއްޖާ ޖަލަށް ބަދަލުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އިސްފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އިސްފަނޑިޔާރު ހާތިފް ހިލްމީއެވެ.