ތ. ތިމަރަފުށި މަދަރުސާ ގޮއްވާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެކިތައް ސިއްރުނުކުރަން ކުރިމިނަލް ކޯޓުންކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފިއެވެ.
ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގައި އައިއީޑީއެއް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތަށް އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ގޮއްވާލަން އުޅުނީ އެރަށު މަދަރުސާއެވެ.
ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭ ފަދަ ކްލާސްތައް ހިންގައި، ރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތް ކޮށްފައިވާކަމަށް ވެސް ދައުލަތުން އެ މީހުންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވެއެވެ. އަދި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރޭވުމުގެ ކުށުގެ ދައުވާވެސް އެ މީހުނަށް ކުރެއެވެ.
އެ ފޯނުތަކާއި ކޮމްޕިއުޓަރުތަކުން ހަރުކަށި ފިކުރަށް ތާއީދު ކުރާ ލިޔެކިއުންތަކާއި ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާ ކަމަށާއި ހަނގުރާމައިގެ އުކުޅުތަކާއި ބޮން ހަދައި ތައްޔާރު ކުރުމާއި ގޮއްވާނެ ގޮތުގެ މެނުއަލްތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް ފެނިފައިވާ ކަމަށް ދައުވާގައިވެއެވެ. އަދި ތައުލީމީ މަރުކަޒު ގޮއްވާލަން ރާވައި ވާހަކަ ދައްކާފައި ހުރި ކަން ފޯނުގެ މެސެޖްތަކުން އެނގުނު ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.
- އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/އަސްރަފީވިލާ
- އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ
- އަލީ މުނީޒް، ތ. ތިމަރަފުށި/ކެނެރީގެ
- މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ
- އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ
- ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ
- އިބްރާހިމް ލޫތު، ނ. ކުޑަފަރީ/ރޯޒްމީޑް
- އަބްދުﷲ އިމާދު، ރ. މަޑުއްވަރީ/ބީޗް ހައުސް
އެ މައްސަލައިގެ ދައުވާލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުން ހުށަހަޅާ ހެކިތަކުގައި ހުރި ސިއްރު މައުލޫމާތުތައް އުނިކުރުމަށްފަހު ދިފާއުއަށް ދިނުމަށް ވަނީ އަމުރުކޮށްފައެވެ. އެއީ ދައުވާ ލިބޭ މީހުންގެ ކުށުން ދިފާއުވުމަށް ހުރަސް ނޭޅުމުގެ ގޮތުންކަމަށް އަމުރުގައި ބުންޏެވެ. ކުރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީއަކީ އަލީ އާދަމްއެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވަމުން ދައުލަތުން ވިދާޅުވީ، ދަށު ކޯޓުން ނިންމެވި ގާޒީ ވަނީ ހެކިންގެ ވަނަވަރާއި ހެކިވެރިންނަކީ ކޮން ބައެއްކަން އެނގޭނެފަދަ މައުލޫމާތު އުނި ކުރުމަށްފަހު، އެ ބަޔާންތައް ދިފާއަށް ހިއްސާކުރުމަށް ނިންމަވާފައެވެ. ނަމަވެސް އެ ބަޔާންތަކުގައި ހިމެނޭ ހެކިވެރިންގެ ވަނަވަރު އުނިކުރުމަކީ ހެކިންގެ ސިއްރުކަން ދެމެހެއްޓިގެންދާނެ ގޮތެއް ނޫންކަމަށް ދައުލަތުން ވިދާޅުވިއެވެ.
އެ ބަޔާންތަކުގެ މައުލޫމާތުތަކަކީ އޭގެ ޒާތުގައި ހެކިވެރިންގެ މައުލޫމާތުތައް އެނގޭނެފަދަ މައުލޫމާތުތަކެއް ކަމަށާއި އެފަދަ މައުލޫމާތުތައް ބަޔާނުން ސިއްރުކުރާނަމަ، މުޅި ބަޔާނުގެ ބޮޑު ބައެއް ސިއްރުކުރަން ޖެހޭނެކަމަށް ދައުލަތުން ވިދާޅުވިއެވެ.
އެ ހެކިތަކުގެ ތެރޭގައި އައިސިސްގެ ފަރާތުން ރާއްޖޭގައި އަމީރަކު ކަނޑައެޅިކަމަށް ބުނެ ފޮނުވާފައިވާ ސިޓީއެއް ހިމެނެއެވެ. އެ ސިޓީއާ ގުޅޭގޮތުން ދައުލަތުން ވިދާޅުވީ އެ ސިޓީގެ މައުލޫމާތުތައް އުނި ކުރުމަށްފަހުވެސް ދިފާއަށް ލިޔެކިޔުންތައް ހަވާލު ކުރުމަށް ދައުލަތުން ދެކޮޅު ކަމަށެވެ. ދައުލަތުން އެދުނީ އެ ލިޔުންތަކުގެ ތަރުޖަމާ ތައްޔާރުކުރި ފަރާތުގެ ނަން އުނިކުރުމަށްފަހު ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކާއެކު ކޯޓަށް ގޮސް ބެލޭނެގޮތަށް އެ ސިޓީ ރައްކާތެރި ކޮށްދެއްވުމަށެވެ.
އިސްތިއުނާފީ އަޑުއެހުމުގައި ސްކޫލް ގޮއްވާލަން އުޅުނު މައްސަލަ ތަހުގީގުކުރި ފުލުސް މީހާގެ ބަޔާން ވެސް ވަނީ ނަގައިފައެވެ. ފުލުސް މީހާ ބުނީ، އެ މައްސަލައިގެ އެންމެ ރަނގަޅު ގޮތަކީ ތަހުގީގު ބާޔަންތައް ވެސް ސިއްރު ކުރުން ކަމަށެވެ. އެހެން ނޫނީ ޓެރަރިޒަމް މައްސަލަތަކުގައި ފުލުހުން ބަޔާން ނަގަން ގެންގުޅޭ އުކުޅު ހާމަވާނެ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރުމުގަ އާއި ބަޔާން ނެގުމުގައި އަމަލުކޮށްފައިވަނީ ސިއްރުވެރިކޮށް އެފަދަ ކަންކަންކުރާ ގޮތަށްކަމަށް ފުލުސް މީހާ ބުންޏެވެ.
ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓުތައް ޝަރީއަތް މެދުވެރިކޮށް ދިފާއަށް ބެލުމުގެ ފުރުސަތު ދިނުމާމެދު އިއުތިރާޒު ނުކުރާކަމަށް ދައުލަތުން ވިދާޅުވިއެވެ. ނަމަވެސް އެ ރިޕޯޓުތައް ދިފާއަށް ހިއްސާކުރުމާ ދެކޮޅުކަމަށް ދައުލަތުން ވިދާޅުވިއެވެ.
މީގެ އިތުރުން އެ މައްސަލައިގެ ތަހުގީގު ތެރެއިން ހޯދާފައިވާ ސީޑިތަކެއް ވެސް ސިއްރު ނުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް ދައުލަތުން ހައި ކޯޓުގައި ވިދާޅުވީ، އެ ސީޑީތައް ދިފާއަށް ހިއްސާކުރުމުގެ ބަދަލުގައި ކޯޓުގައި ތިބެގެން ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.
ދައުލަތުގެ ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު ހައި ކޯޓުން ވަނީ ހެކި ސިއްރު ނުކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކަމަށް ކަނޑައަޅައިފައެވެ. ހައި ކޯޓުގެ އަމުރުގައި ބުނީ އައިސިސްގެ ފަރާތުން ރާއްޖޭގައި އަމީރަކު ކަނޑައެޅިކަމަށް ބުނެ ފޮނުވާފައިވާ ސިޓީ ރައްކާތެރިކުރުމުގެ އަމުރު ނެރެދޭން ޖެހޭ ކަމަށެވެ. އެއީ ހަނގުރާމަ އާއި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބިދެވޭފަދަ، މުޖުތަމައުގައި ފެތުރިގެންދިއުން ގާނޫނީގޮތުން ހުއްދަނުކުރެވޭނެ ތަކެތި ކަމަށެވެ.
ތަހުގީގީ ބަޔާންތަކާ ގުޅޭގޮތުން ހައި ކޯޓުން ވަނީ ކުރިމިނަލް ކޯޓުގެ އަމުރަށް ތާއިދުކޮށްފައެވެ. ދަށު ކޯޓުގެ އަމުރަށް ހައި ކޯޓުން ތާއިދުކުރީ ފުލުހުންގެ ތަހުގީގުގައި ބޭނުންކުރެވޭނެ ހާއްސަ އުކުޅުތަކަކީ ކޮބައިކަމާއި އެ އުކުޅުތައް ބޭނުންކުރެވޭނެ އުސޫލު ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 18 ވަނަ ބާބުގައި ބަޔާން ކޮށްފައިވުމުންނާއި ސިއްރުކުރަންޖެހޭފަދަ އުކުޅެއް ފުލުހުން ބޭނުން ކޮށްފައިވާކަން ތަހުގީގުކުރި ފަރާތުގެ ބަޔާނުން އެނގެން ނެތުމުންނެވެ.
ދައުވާލިބޭ މީހުންނާ ދެކޮޅަށް ބޭނުންކުރާ އިންޓެލިޖެންސް ރިޕޯޓުގެ މައުލޫމާތު އާންމުވެއްޖެނަމަ، ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ އިހުތިމާލު އޮތްމިންވަރުގެ މައްޗަށާއި މިބާވަތުގެ ތަހުގީގުތަކަށް ހުރަސް އެޅިދާނެކަމުގެ އިހުތިމާލު އޮތްކަމަށް ފެންނާތީ އެ ހެކިތައް ވެސް ސިއްރުކުރަން ޖެހޭކަމަށް ހައި ކޯޓުން އަމުރުކުރިއެވެ.
ދަޢުވާލިބޭ ފަރާތްތަކުގެ ފޯނުން ނަގާފައިވާ ހަރުކަށި ފިކުރާއި ޓެރަރިޒަމަށް ހިތްވަރުދޭ ޑޮކިއުމެންޓްތަކުގެ އެނަލިސިސް ރިޕޯޓުތަކާ މެދު ހައި ކޯޓުން ނިންމެވީ، ކުރިމިނަލް ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ހަމައެކަނި ކޯޓުގައި ތިބެގެން އެ ރިޕޯޓުތައް ދިފާއީ ވަކީލަށް ބެލުމުގެ ފުރުސަތު ދިނުމަށެވެ. އެގޮތަށް ނިންމީ އެ ރިޕޯޓުތައް މުޖުތަމައުގެ ތެރެއަށް ފެތުރިގެން ހިނގައިދާނެކަމުގެ އިހުތިމާލު އޮތުމުންނާއި ދައުވާލިބޭ ފަރާތްތަކަށް އެ ރިޕޯޓު ދިނުން ރައްކާތެރިކަމަކަށް ނުވާނެތީއެވެ.
މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޝުއައިބި ހުސެއިން ޒަކަރިއްޔާ، އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު