ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފަށް ހިންގާފައިވާ ކަންކަން ޕްރިމިއާ ލީގުން ބަލަމުންދާ ކަމަށް ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑާ ސްޕީގެލްއިން ބުނެފިއެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި ޕްރިމިއާ ލީގުން ބަލަމުންދަނީ 18 އަހަރު ނުވާ ކުޅުންތެރިންގެ ސޮއި ހޯދުމަށް ސިޓީން އުސޫލުން ބޭރުން ހުށަހަޅާފައިވާ ފައިސާގެ ކަންތައްތަކެއްގެ އިތުރުން އޮޅުވާލައިފައިވާ ސްޕޮންސާޝިޕް އެގްރީމަންޓްތަކަކާއި، ސިއްރުން ދީފައިވާ މުސާރަތަކެއްގެވެސް މައްސަލައެވެ. ޕްރިމިއާ ލީގުން ބަލަމުންދާ މައްސަލަ އަދި ނިމިފައި ނުވި ނަމަވެސް، ސްޕީގެލް ނޫހުން ވަނީ، އެ ނޫހުން ޔޫރޮޕިއަން އިންވެސްޓިގޭޓިވް ކޮލަބްރޭޝަންސް ޖާނަޒިލަމް ނެޓްވޯކާ ގުޅިގެން ސިޓީގެ މައްޗަށް ކުރި ތަހުގީގީ ނޫސްވެރިކަމުގެ ރިޕޯޓުތައް ހާމަކޮށްފައެވެ.
ސްޕީގެލް ނޫހޫން ބުނެފައިވާ ގޮތުގައި 18 އަހަރު ނުވާ ކުދިންގެ ސޮއި ހޯދުމަށް ސިޓީން ވަނީ ފައިސާގެ ނުފޫޒު ބޭނުންކޮށް، އެ ކުދިންގެ އާއިލާތަކަށްވެސް ޕްރެޝަރު ކޮށްފައެވެ. އެއީ އެފްއެފްޕީގެ އުސޫލުތަކާ މުޅިން ހިލާފު ކަމެކެވެ. ކްލަބުގެ ސްޕޮންސަރަކީ އަބޫދާބީ ކަމަށް މީގެ ކުރިންވެސް ސިޓީން ބުނެފައިވާ އިރު، އަބޫ ދާބީ ބޭނުންކޮށް ޔޫއޭއީގެ ސަރުކާރުން އެ ކްލަބަށް ހަރަދު ނުކުރާ ކަމަށް ކުރިން ސިޓީން ވަނީ ކޯޓުގައިވެސް ބުނެފައެވެ.
އެހެން ނަމަވެސް ސްޕީގެލްގެ ރިޕޯޓުގައިވާ ގޮތުން ސިޓީގެ ހަރަދުތަކަށް އެންމެ ބޮޑަށް ފައިސާ ފޯރުކޮށްދެމުންދަނީ ކްލަބުވެ ވެރިޔާ ޝެއިޚް މަންސޫރު ބިން ޒައިދު އަލް ނަހްޔާނެވެ. އޭނާގެ އަމިއްލަ ހައިސިއްޔަތުން ސިޓީއަށް ހަރަދުކުރާ ކުރުން އެއީ އެފްއެފްޕީގެ އުސޫލާ ހިލާފު ކަމެކެވެ. އެއީ އޭނާއަކީ އަބޫ ދާބީގެ ވެރިކަން ކުރާ ޝާހީ އާއިލާއަށް ނިސްބަތްވާ މީހަކަށް ވާތީއެވެ.
ސްޕީގެލް ނޫހުން ހާމަކޮށްފައިވާ ތަފްސީލުތަކުގެ ތެރޭގައި ކުރީގެ ކޯޗު ރޮބާޓޯ މަންޗީނީގެ އެއްބަސްވުން ބާތިލުކުރަން އާދަޔާ ހިލާފަށް ބޮޑު އަދަދެއްގެ ފައިސާ ދީފައިވާ ކަމަށްވެސް ވެއެވެ. އެފަދަ ގޮތަކަށް ކުރީގެ ކޯޗަށް ފައިސާ ދީފައިވުމުން އެއީ ނުހައްގު ނުފޫޒެއް ކަމަށް ބެލެވޭ ކަމަށްވެސް ނޫހުގެ ލިޔުންތަކުގައި ބުނެފައިވެއެވެ.
މީގެ ކުރިންވެސް އެފްއެފްޕީ އުސޫލުތަކާ ހިލާފުވެ ސިޓީއަށް ފިޔަވަޅު އަޅާފައިވެއެވެ. 2020 ވަނަ އަހަރު ސިޓީ ޔޫރަޕްގެ މުބާރާތްތަކުން ދެ އަހަރަށް ސަސްޕެންޑް ކުރަން ޔޫއެފާއިން ނިންނި ނަމަވެސް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.
އެފަހަރު ސިޓީއަށް ސަސްޕެންޝަން އައީ ސްޕޮންސާޝިޕް އެގްރީމަންޓްތަކެއްގެ ފައިސާގެ އަދަދުތައް ބަދަލުކުރި ކަމުގެ މައްސަލަތަކެއްގައެވެ. ކްލަބަށް ވަންނަ ފައިސާ އޮޅުވާލުމަށް ސިޓީން ވަނީ ބޮޑެތި އަދަދުތަކެއް ޖަހައި އެއްބަސްވުންތަކެއް އޮޅުވާލައިފައި ކަމަށް އޭރު ޔޫއެފާއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ސީއޭއެސްއިން ނިންމީ އެފަދަ މައްސަލަތަކެއްގައި ބޭނުންވާ ވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ.
ސިޓީން އެފަހަރު ބުނެފައި ވަނީ ސިޓީގެ މައްޗަށް ތަފާތު ތުހުމަތުތައްކޮށް، ކްލަބާ މެދު ނަފުރަތު އުފައްދަނީ އަގުވައްޓާލަން ކަމަށެވެ. އަދި ކްލަބުގެ ކާމިޔާބީއަކީ ނަހަމަ އެއްވެސް ކަމެއްގެ ތެރެއިން ހޯދި ކާމިޔާބީތަކެއް ކަމަށް ބުނެވެން ނޯންނާނެ ކަމަށްވެސް ސިޓީން އޭރު ބުނެފައިވެއެވެ.
ދެހާސް ވިހިވަނަ އަހަރުގެ ނިންމުން ނިންމީ ސިޓީއާ އެއްކޮޅަށް ނަމަވެސް، އޭގެ ފަހުންވެސް ޕްރިމިއާ ލީގުން ސިޓީގެ ތަހުގީގު ހުއްޓައިނުލާ ކަމަށް ސްޕީގެލް މެގަޒިންއިން ބުނެފައިވެއެވެ. އަދިވެސް ޕްރިމިއާ ލީގުގެ ތަހުގީގު ކުރިއަށްދާ އިރު، އެ މައްސަލައިގައި ކްލަބާއި ޕްރިމިއާ ލީގުންވެސް ވާހަކަދައްކަން އިންކާރު ކޮށްފައިވެއެވެ. އެއީ ހިނގަމުންދާ ތަހުގީގުގެ މިނިވަންކަން ކަށަވަރުކުރުމަށް ކަމަށް ޕްރިމިއާ ލީގުން ވަނީ ބީބީސީ ސްޕޯޓްސްއަށް ބުނެފައެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ