ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗުތަކަށް މެންޗެސްޓާ ސިޓީ ކޯޗު ޕެޕް ގާޑިއޯލާ، މާ ގަދައަށް ޓެކްޓިކަލީ ވިސްނަން ހަދައިގެން މުހިއްމު މެޗުތައް އަތުން ކެހިގެންދާ ކަމަށް ބުނާ ބުނުމަށް އޭނާ ރައްދު ދީފިއެވެ.
ގާޑިއޯލާއަށް އެފަދަ ފާޑުކިޔުންތައް އަމާޒުވެފައިވަނީ ސިޓީއާ ހަވާލުވެ މިހާތަނަށް ހޭދަވި ގިނަ އަހަރުތަކުގައިވެސް އެޓީމާއެކު އޭނާއަށް ޗެމްޕިއަންސް ލީގު ހޯދިފައި ނެތުމުންނެވެ. ގާޑިއޯލާއާއެކު ސިޓީން ޑޮމެސްޓިކް ގިނަ މުބާރާތްތަކެއް ހޯދައިފައިވީ ނަމަވެސް އޭނާއަށް އަދިވެސް ޗެމްޕިއަންސް ލީގެއްގެ ރަން މެޑަލް އަޅާލުމަށް ފުރުސަތު ލިބިފައެއް ނުވެއެވެ. އެންމެ ގާތަށް ޖެހިލީވެސް މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީން ޗެލްސީއާ ދެކޮޅަށް ނުކުތް އިރު، އެ މެޗުގައި ގާޑިއޯލާ "އޯވާ ތިންކް" ކުރި ކަމަށްބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
މިދިޔަ އަހަރު މުޅި ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ކާމިޔާބީ ހޯދި މެޗުތަކުގައި ގާޑިއޯލާ ހޯލްޑިން މިޑްފީލްޑަރުން ބޭނުންކޮށްގެން ކުޅުނު ނަމަވެސް، ޗެމްޕިއަންސް ލީގު ފައިނަލަށް ނުކުތީ ހޯލްޑިން މިޑްފީލްޑަރެއް ނުލައެވެ. މެޗު 1-0 އިން ޗެލްސީ ކާމިޔާބުކުރި އިރު، ޓެކްޓިކަލީ އެ ގެނައި ބަދަލު ފެއިލްވިތަން ފެނިގެން ދިޔައެވެ.
"ޗެމްޕިއަންސް ލީގު މެޗުތަކުގައި އަހަރެން އަބަދުވެސް އޯވާ ތިންކް ކުރާނެ. އަހަރެން އަބަދުވެސް އާ ޓެކްޓިކްސް އުފައްދާނެ، އާ އައިޑިއާސް ގެންނާނެ. މާދަމާވެސް ފެންނާނެ އާ ކަމެއް،" އެތުލެޓިކޯއާ ދެކޮޅަށް މިރޭ ކުޅެން އޮތް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް މެޗުގެ ކުރިން ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ އެ ޖަވާބު ދީފައިވަނީ 'ސަމާސާ ރާގަކަށް، ޖޯކެއްގެ ގޮތުގަ'އެވެ. ގާޑިއޯލާ ބުނީ އޭނާ "އޯވާ ތިންކް" ކޮށްގެން ޗެމްޕިއަންސް ލީގުގައި މިހާތަނަށް ނެރެފައިވާ ނަތީޖާތައް ރަނގަޅުވާނެ ކަމަށާއި، އަބަދު އެއްގޮތަކަށް ކުޅުމަކީ ފޫހިވާ ކަމެއް ކަމަށެވެ.
ގާޑިއޯލާ ބުނީ "ސްޓުޕިޑް" ޓެކްޓިކްސްތަކާއެކު މެޗުތަކަށް ނުކުމެ މޮޅުވީމަ ހިތްހަމަޖެހުން ލިބޭ ކަމަށާއި، ބަލިވީމާ އެކަމުގެ ޒިންމާ ނަގާނެ ކަމަށެވެ. އަދި ސަމާސާއަކަށް ހިނިގަނޑަކާއެކު ގާޑިއޯލާ ބުނީ "އެތުލެޓިކޯ ކައިރީ ކުޅޭނީ 12 ކުޅުންތެރިން އަރުވައިގެން،" ކަމަށެވެ.