ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލަކު ދަރީންނޭވެ. ފުވައްމުލައް ދަސްކުރާށެވެ! މާޒީގެ ތެރެއިން ފުވައްމުލަކުގެ ވަދުމަސްވެރިކަން އަދި ދޯނިބަނުން

މުނީރު ހަސަން، ޏ. ފުވައްމުލައް

ނޯޓް: މިލިއުމުގައި ހުރިބައެއްބަސްބަހަކީ ރަސްމީ ބަހުރުވައިގައި ހުރިބަސްތަކެއްނޫނެވެ.

ފުވައްމުލަކުގެ މީހުން ބޭނުންކުރި ވަދު ދޯނީގައި ހުންނަނީ ހަ ފައްޔެވެ. އެއީ ދެ ކެޑެ ފަލި، ދެ ކާހައް ފަލި އަދި ދެ ބަނޑޮ ފައްޔެވެ. ރިޔަލަކަށް ގެންގުޅެނީ ހަތަރު ކަން ރިއަލެވެ. ވަދު ދޯނީގައި އެންމެ ގިނައިން މަހަށް ދާނީ އަށް މީހުންނެވެ. މިއީ ހަތް ރިޔަނާއި އަށް ރިޔަނާ ދެމެދު އުޅަނދުފަހަރެވެ. މި ދޯނިފަހަރުގައި ތަފާތު އެކިއެކި މަސްވެރިކަން ކުރާނެއެވެ. އޭގެ ތެރޭގައި ވަދު މަސްވެރިކަމާއި، ފަރުމަސްވެރިކަމުގެ އިތުރުން "ވަރުމައްތެ މަސްވެރިކަން" ނިވައިދަށަށް ދިޔުމާއި "ދަށޯ ފަށިދެމުން" ފަދަ މަސްވެރިކަން ހިމެނެއެވެ.

ރާއްޖޭގައި އޮންނަނީ ދެ މޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. ނަމަވެސް ފުވައްމުލަކުގެ މަސްވެރިން ހުޅަނގު މޫސުމުގެ ބައެއް ނަކަތްތައް ހިމަނައިގެން އިތުރު ދެ މޫސުން ކިޔާނެއެވެ. އެއީ އަދަ މޫސުމާއި ކޮޑައިރުވައެވެ. އަދަ މޫސުން ކިޔަނީ އަދަ، ފުނޯސް، ފުސް، އަހުލިހަ، އަދި މާ މި ނަކަތްތައް ހިމެނޭ ދުވަސްވަރަށެވެ. މި ދުވަސްވަރު ވައި ޖެހެނީ އަރާމުރިގާއި ދެކުނާއި ދެމެދުންނެވެ. ކޮޑައިރުވައި ކިޔަނީ ވިހާ، ނޮރަ، ދޮށަ، މުލަ، މި ނަކަތްތަކަށެވެ. މި ދުވަސްވަރު ވައި ޖެހޭނީ އައްޔޫގު އީރާނުންނެވެ. ކަނޑުގައި އޮންނާނީ ހުޅަނގު އޮއެވެ. މިއީ ރަށުގެ މަސްވެރިންނަށް މަސްވެރިކަން ކުރަން އެންމެ ފަސޭހަ އެއް ދުވަސްވަރެވެ. ނެރެގަނޑު އޮޅުން ނިކުމެ ރިޔަލުގައި މަސްވެރިކަން ކުރެވޭނެއެވެ. ރަށުގެ ހުޅަގުފަރާތާއި އުތުރު ފަރާތުންވެސް ރަށަށް ވަދެ ނިކުމެ ހެދޭނެއެވެ. މީގެ ކުރިން އަނބަލުން ފެށިގެން ރަށުގެ އުތުރު ކޮޅުން ވަށާލާފައި މަސްކަނޑާ ހަމަޔަށް މަސްވެރިން ކިޔާ ބައެއް ނަންތައް އަޅުގަނޑު ވާނީ އެހެން މަޟުމޫނެއްގައި ގެނެސްދީފައެވެ.

1983 ގައި ފުވައްމުލަކުގެ ދޯނިފަހަރުގައި އެއް ޕިސްޓަނުގެ އިންޖީނު އެޅުމުން ވަދު ދޯނިފަހަރުގެ މަސްވެރިކަން ކުރުން މަދުވި ނަމަވެސް މުޅިން ނުހުއްޓި ދުވަސްކޮޅެއް ދިޔައެވެ. އެންމެފަހުން ވަދު ދޯނީގެ މަސްވެރިކަން ކުރީ 1995 ވަނަ އަހަރުގައެވެ. މިސްރުގަނދަކޯޅިގޭ އަހުމަދު މުހަންމަދު ބުނި ގޮތުގައި އޭނާގެ ބައްޕަ މިސްރުގަނދަކޯޅިގޭ އަލްމަރުޙޫމް މުހަންމަދުފުތުގެ ވަދު ދޯނީގައި އެންމެފަހުން މަހަށް ދިޔައީ 1995 ގައެވެ. ފިޔާތޮށިގޭ ހުސައިން އަބުދުﷲ ދިދީ ކިޔައިދެއްވި ގޮތުގައި ވަދު ދޯނިފަހަރުގެ މަސްވެރިކަން ހުއްޓުނީ 1983 އާއި 1995 އާ ދެމެދުގައެވެ. ހުސޭން އަބުދުﷲ ދީދީ އަކީ ވަދުދޯނިން ފެށިގެން އިންޖީނު ދޯނިފަހަރު ގައިވެސް މަސްވެރިކަމުގެ މަސައްކަތް ކުރެއްވި އަދި މިހާރުވެސް ކުރައްވާ ބެއިފުޅެކެވެ. މަސްވެރިކަން ހުއްޓުމަށްފަހު އެ ދޯނިތައް ބޭނުންކުރީ މާލެއިން އަންނަ ބޯޓުފަހަރުން މުދާ ބޭލުމަށެވެ.

އަދަ މޫސުން

އަދަ މޫސުމުގައި މަހަށް ދާން އަނބުލު އޮޅުން ނިކުމެގެން ދާނީ ރަށުގެ ފެހުންކޮޅުގައި އޮންނަ ފަރުގެ ކޮޅަށެވެ. އެތާގައި ހަތަރުކަން ރިޔަލުގައި މަސްވެރިކަން ކުރެއެވެ. ރީތިކޮށް މަސްކަނޑުގައި ދެ ކަންޏަށް ދުއްވޭނެއެވެ. މިދާއިރު ރަށުން ފާހަގަކުރާ ދިމަދިމާ ކިޔައިދޭނަމެވެ. މި ގޮތުން ފުރަތަމަ ކިޔަނީ އާރި ކެޑެ މިއީ ފޯކައިދޫ ކޮއަ ކެނޑި އާރެވެ. ދެން ކިޔަނީ ކެޑޭރެ މިސްކިތްފަންނު، ރަސްގެފަންނު، ސަދަތަނިފަންނު ފަސްދިނުމުން ދެން ކިޔަނީ މަލްފެން ދޮންދިއަގެފަންނު، އަދި ގަލްގަނޑިފަންނު، ހިނާޑިއެފަންނު، ބޮޑު ފަންނު، ރަށިކެޑެ ކޭބާލް، އަދި ފަން ދޮން ރުކެވެ. މި ހިސާބަކީ ބައެއް މޫސުމުގައި "ބޫތާ" ދަމާ ހިސާބެކެވެ. ބައެއް ފަހަރު ބިޅިފޭށި ޖެހިދާނެއެވެ. އިރުކޮޅަކުން ނިކުމެދާނެއެވެ. {ބޫތާ އަކީދެކޮޅަށް އޮއިދަމާ ތަނަށްކިޔާނަމެކެވެ.}ރަށިކެޑެ ކޭބާލް ފަސްދީ ކުރިޔަށް ދާއިރު ދެން ފެންނާނީ ބިޅިފޭށެވެ. ބިޅިފޭށިން ދިގުމަގު ކޮޅާ ހަމަޔަށް ކިޔަނީ ދިއަރެހިފާޑެވެ. ދިއަރެހިފާޑުން ފެށިގެން ރާޒަވާ ކޮޅާ ދެމެދަށް ކިޔަނީ ރުއްގަޑުދޮރެވެ. ރުއްގަޑު ދޮރުން ފެށިގެން ފުނާޑު އާރު އޮންނަ ހިސާބު ފެނުމުން ކިޔަނީ ވަންކޮލެވެ. ވަންކޮލަށްވުރެ ދަށަށް ދުއްވާލުމުން އަރުއްފަންނު ހިސާބު ފެންނާނެއެވެ. އެ ހިސާބަށް ކިޔަނީ މެދެވެލިއެވެ. މެދެވެލި ފަސްދީ ކުރިއަރާއިރު ހުޅަނގު ފަރާތު ބިއްތަރުން އުއްސަންފައި މުލި ފެނުމުން ކިޔަނީ ބަރަބަރައެވެ. ބަރަބަރައިން ހުޅަނގު ބިތުން ނެރެގަނޑު މުލި ފެނުމުން ކިޔަނީ ބަރަބަރަތޫނޑެވެ. ބަރަބަރަތޫނޑު ދިގުވެ ވަކިން އުސްކޮށް އޮންނަ ރުއްގަނޑެއް ފެނުމުން ކިޔަނީ ފަޅަގަނޑޮ ތޫނޑެވެ. މި ހިސާބަށް ދެވޭއިރު އުޅަނދު އޮންނާނީ ރަށުގެ ދެކުނު ހުރަހުން ނެއްޓި ހުޅަނގު ބިތައް ވެއްޓިފައެވެ. ރަށުގެ ކޮންމެ ކޮޅަކުން ދިޔަ ނަމަވެސް ރަށުގެ ފެހުން ކޮޅުން ހޭހަން ކިޔަނީ ކުރީގައި ކިޔައިދިން ގޮތަށެވެ. މި މޫސުމުގައި ރަށުގެ މީހުން ބޭރެވެލާ ކިޔާ ވިލާގަނޑެއް ބައެއް ފަހަރު އުތުރު ފަރާތުން އާދެއެވެ. ވިލާގަނޑު އަންނަކަން އޭރުގެ މޮޅު ކެޔޮޅުން ދަނެއެވެ. އެހެންކަމުން ރަށަށް އަނބުރާލާފައި ފައްޔާއި ރިޔަލުގައި ދެވުނުހާ އަވަހަކަށް ރަށު ކެޑުން ވަންނަން އަންނާނެއެވެ. ރަށިކެޑެ ކިޔަނީ ކެޑެމޫލެ ފަރު ހުސްވެ ރަށު ފަރު ފެށޭ ހިސާބަށެވެ.

ކޮޑައިރުވައި

މި ދުވަސްވަރު ރަށުގެ ވަށައިގެން މަސްވެރިކަން ކުރާނެއެވެ. ރަށުގެ ވަރިންމަ ކޮޅަށް ކިޔަނީ ކެޑެވަރިއެވެ. ކެޑެވަރީގައި ވެސް މި ދުވަސްވަރު މަސްވެރިކަން ކުރެއެވެ. މިތާގައި މަސްވެރިކަން ކުރާއިރު ބޭނުންކުރާ ހޭހަންތައް ވެސް މީގެ ކުރީގެ މަޒުމޫނުގައި ކިޔައިދިން ގޮތާ ތަފާތެއް ނުވާނެއެވެ.

އަތަހިތަ ހުޅަނގު

ފުވައްމުލަކުގެ ކުރީގެ މަސްވެރިން ކިޔާ ގޮތުން އަތަހިތަ ހުޅަނގު ނިމެނީ ނޮރަ ނަކަތާ ހަމައިންނެވެ. މި މޫސުމުގައި ރަށުގެ ހޭހަން ކިޔާ އިތުރު ގޮތެއް މިތާގައި ކިޔައި ދޭނަމެވެ. މި މޫސުމުގައި ރަށުގެ ބަހުރުވައިން ދަށޮބޭރެ ތިބޭއިރު ރަސްމީ ބަހުން އަށްސަރަނގަ ކިޔާ ތަރިތަކެއް ފެނެއެވެ. ރަށުގެ މީހުން ކިޔަނީ ހައްސަރަނގައެވެ. މި ތަރިތަކާ އެންމެ ވައްތަރުވާނީ އަރުމާޒު އޮޑިއެއްގެ ހުންގާނު ދޫންޏާ އެކު އޮންނަ ސިފައެވެ. މި ދެންނެވި ތަރިތަކުން ހޭހަން ކިޔައިގެން ދިމާވާނީ ހައްސަރަންގަ ގާތްގަނޑަކަށް ރަށުގެ އުސްމިނަށްވުރެ އުސް ވުމުގެ ކުރިންނެވެ. މި ތަރިތައް މައްޗަށް އަރާ ވަރަކަށް ތަރިތަކުގެ ބައްޓަމަށް ބަދަލު އަންނާނެއެވެ. ތަރިތައް ގެއްލޭއިރު ތަރިތަކުގެ މައްޗަށް ހުރި ފަރާތް ތިރިއަށް ބަދަލު ވެދެއެވެ. މި ތަރިތައް ބަންޑުން އޮންނައިރު ތަރިތަކުގެ ބަނޑު ދަށުގައި ބޮނޑިއަކަށް އޮންނަ ތަރިތަކެއް ހުރެއެވެ. އެ ތަރިތަކުން ވެސް ރަށުގެ މުސްކުޅި ކެޔޮޅުން ހޭހަން ކިޔާނެއެވެ. އައްސަރަނގައިގެ ފުރަތަމަ ތަރި ހުންނާނީ ހުންގާނު ދޫނީގެ ކޮޅުގައެވެ. މި ތަރި ރަށުގެ ކޮޅުގައި ހުންނައިރު ދޯނި އޮންނާނީ މާޑި މާރުއްގަޑު ހިސާބުގައެވެ. ދެވަނަ ތަރި ރަށުން ކެނޑޭއިރު މާޑިއެފަޅަ ފެންނަން ހުންނާނެއެވެ. ތިންވަނަ ތަރި ރަށުން ކެނޑޭއިރު އޮންނާނީ ފަތްކޮޑީގައެވެ. ހަތަރުވަނަ ތަރިއަކީ ޅޮހޮގައި އޮންނައިރު ރަށާ ހަމަވާ ތަރިއެވެ. ފަސްވަނަ ތަރިއަކީ ދަށިއަޑި ކިޔާ ހޭހަނުގައި ހުންނަ ތަރިއެވެ. ހަވަނަ ތަރިއާއި ހަތްވަނަ ތަރިއަކީ އެއް ދިމާލަކަށް ހުންނަ ދެތަރިއެވެ. އެއީ ގަންބިތުގައި އޮންނައިރު ރަށުގެ ކޮޅުގައި ހުންނަ ތަރިއެވެ. ކުރީގައި ދެންނެވި ފަދައިން އައްސިދަ ހުޅަނގު ނުވަތަ އިރުވައި މޫސުމުގައި މި ތަރިތަކުން މި ގޮތަށް ރަށުގެ ހޭހަން ދިމަލެއް ނުވާނެއެވެ. ސަބަބަކީ ތަރިތައް އަރާ މިސްރާބު ތަފާތުވާނެތީއެވެ.

އައްސިދަ ހުޅަނގު

މި ހުޅަނގު ކިޔަނީ އައްސިދަ، ބުރުނު، ކެތި، ރޯނު، މިއަހެލި، އަދަ، ފުނޯސް، އަހުލިހަ، މާ ނަކަތާ ހަމައަށެވެ. މި ހުޅަނގުގައި އައްސަރަންގައިން ހޭހަން ދިމާ ނުވިޔަސް ކުރިން ކިޔައިދިން ގޮތަށް އެހެން ހުރިހާ ކަމެއް ދިމާވާނެއެވެ. ރަށުގެ ދެއަކެޑެތައް ވެސް ދިމާވާނެއެވެ.

ވަދު ދޯނިފަހަރުގެ މަސްވެރިކަން، ދަށޯފަށުގައި ދެމުން

ދަށޯފަށަކީ ރަށުގެ ވަރިންމަކޮޅުގައި ހޭފަށަށްވުރެ ކުޑަކޮށް އެއްގަމުގައި އޮންނަ އައްޔަނިގަލާއި ރަށުގެ އެއްގަމުގައި ހުންނަ އެއްފަޅަކިޔާ ރުކާއި ނުވަތަ ދެފަޅަކިޔާ ދެ ރުކަށްވުރެ ކުރިއަށް އޮއި ބާރުކަމުން ނުދެވޭ ދުވަސް ދުވަހު އެ ހިސާބުން ފެށިގެން ފުޅެހި އޮއިވަރު ހުސްވާ ހިސާބާ ދެމެދު ކުރާ މަސްވެރިކަމެވެ. މިގޮތަށް ދިމާވަނީ ރަނގަޅަށް ހުޅަނގުޖަހާ ކަނޑުގައި ހުޅަނގުގެ އޮއި ބާރުވެ ފުޅަނގި އަރާ ދުވަސްވަރުގައެވެ. އާންމުކޮށް ބުރުނަ ހުސް ކެތީގެ ތެރޭގައެވެ. އޮއި ބާރުކަން އަންގަން ބުނާ ބަހެއް ވެސް އޮވެއެވެ. ކެއްތެ ކަޅޮފޮއިގައި އެއްފަޅައިން ނޭރޭ ވަރުގެ އޮއި ކަނޑުގައި އެބައޮތެވެ މިހެންނެވެ. މި ދުވަސްވަރު ވަރުގަދަ ފަޅުވެރިންގެ ހަ މީހުން ހަ ފަލީގައި ގައިގައި ހުރި ބާރެއް ހުސްވާވަރަށް ފަލި ޖަހާއިރު ވެސް އޮއި ކަނޑާ ނޭރުމުން އަނބުރާލަމުން ވަދު ނަނުގެ ބުޅީގައި އަޅައި ތައްޔާރުކޮށްފައިވާ ފުޅަގި ކަނޑަށް ވައްޓާލާނެއެވެ. ވަދު ވައްޓާލުމުން ފަލިތައް ޖެހުން މަޑުކޮށްލައެވެ. އެ ހިސާބުގައި އޮންނަ ބާރު އޮއިވަރާއެކު ދޯނި ދަމަމުން ދާއިރު ބޭރު އޮއިވަރަށް ވަދެވޭ އިރު ދެތިން ހަތަރު ކަންނެލި ބޭނޭ ދުވަސް އަންނަނީ ވަރަށް ގިނައިންނެވެ. ބޭރު އޮއިވަރުގައި ޖެހުމުން އަނބުރާލާފައި ކަދީދާ ރުއްގަޑާ ދިމާލުން ނުވަތަ ގަލްގޯންޏާ ދިމާލުން ރަށުގެ ފަރު އަތުލާނެއެވެ. ހިތްވަރުގަދަ ބައެއް މީހުން ދެ ފަހަރު ތިން ފަހަރު ވެސް މި ގޮތަށް މަސްކަނޑަށް ދާން ދިމާކުރެއެވެ.

ނިވައިދަށަށް ދިއުން

ނިވައިދަށަކީ ހުޅަނގު މޫސުމުގައި ކަނޑު ގަދަ ވުމުން މަހަށް ނުދެވޭ ދުވަސްދުވަހު ލޮނު އަޅާފައި ހުންނަ ފުޅަނގި ނުވަތަ އެ ދުވަހު ރަށަށް އަރާ ތާޒާ ފުޅަނގި ހިފައިގެން ރަށުގެ އުތުރު ފަރާތަށް މަހަށް ނިކުތުމަށް ކިޔާ ނަމެކެވެ. މި ގޮތަށް ނިކުމެ އާންމުކޮށް އަޑިޔަށް ފައްތަނީއެވެ. މި ފަދަ ދުވަސްދުވަހު ބާނާ މަހުގެ ތެރޭގައި މިޔަރާއި ހިބަރު އަދި ކަންނެލި ހިމެނެއެވެ.

ހަވީރު ވަދާ ދިއުން

ހަވީރު ވަދާ ދަނީ ހުޅަނގު ޖަހައި މަޑުވަމުން އަންނަ ދުވަސްވަރު ރަނގަޅު މަސްވެރިކަން އުފެދުމުންނެވެ. މަހަށް ދާން ފުޅަނގި ނަގަން ދޯނީގެ ވެރިފަރާތުންނާއި މަހަށް ދާ އަށް މީހުން ވެސް ހަރަކާތްތެރިވާނެއެވެ. މަދުވެގެން ފަންސާހަކަށް ފުޅަނގިއަކީ އެންމެ ހިތްހަމަޖެހޭ އަދަދެވެ. ހަވީރު ވަދާ ގޮސް އާންމުކޮށް މަސްވެރިކަން ކުރާނީ ނެރެގަނޑު މަތީގައެވެ. ހަވީރު ވަދާ ދާން ލަސްވެގެން މެންދުރު ފަހު ތިނެއްގެ ކުރިން ނިކުންނާނެއެވެ. ރަށަށް އަންނަން ފައްސާ ކުރާނީ އިރު އޮއްސުމުންނެވެ.

ނަގަނަމަގޮ

ހުޅަނގު މޫސުމުގައި އޮއި މަޑުވެ ކިރިޔާ މަހަށް ދެވޭ ވަރު ވުމުން ހެނދުނު ތެދުވެގެން މަހަށް ދާނެއެވެ. ރަށުގެ ވަރިންމަ ކޮޅުން ވަށާލާފައި އައިސް ކުރިން ކިޔައިދިން ގޮތަށް އައްޔަނިގަލާއި އެއްފަޅަ އާއި ދެފަޅަ ދިގުމަގުކޮޅު ފަސްދީ ގެންމިސްކިތް ފަންނާއި އޮމާގަޑު ފަސްދީ މަސްކަނޑަށް ނިކުތުމަށް ފަސޭހައީ ނަގަނަމަގަށް ވަދެގެނެވެ. ނަމަވެސް މި ތަނަކީ ވަރަށް ގަދަ ރާޅުބާނި ބޮޑު ތަނެކެވެ. މި ތަން އޮންނަނީ ރަށުގެ ހުރަސް ފަރޮގަނޑުގެ ބޭރުން ހޭފަށުން ފެށިގެން ރަށުގެ ފަރަށް ރާޅު ބިންދާ ހިސާބާ ދޭތެރޭގައެވެ. އޮއި މަޑު ދުވަސްދުވަހު ނަގަނަމަގު ބުރިމަތިން އެ ތަނަށް ނުވަދެ ވެސް ދޯނިފަހަރު މަސްކަނޑަށް ދެއެވެ. މިއީ ވަރަށް ގިނައިރު ފަލި ޖަހައިގެން ވަރަށް އުދަނގުލުން ކުރެވޭ ކަމެކެވެ. މި ގޮތަށް ދާން މަސައްކަތް ކުރަނީ ރަށުގެ ދެކުނު ކޮޅުގެ ކެއުޅުންގެ ތެރެއިން ތަންކޮޅެއް ތަޖުރިބާ ނުހުންނަ ކެޔޮޅުންނެވެ. ބައެއް ކެޔޮޅުން ނަގަނަމަގަށް ވަންނަމުން ދަޑިމަގު ކެއުޅުން ހަދާފައި އޮންނަ މަގެއް މިތާގައި އޮވެއޭ ވެސް ކިޔާނެއެވެ. އެހެން ކިޔަނީ އެ ހިސާބުގައި އޮންނަ ތަނަކަށް ވާތީ އެ ތަނަށް އެބައިމީހުން ތަންކޮޅެއް ފަރިތަ ވީމައެވެ. ނަގަނަމަގަށް ވަނުމުގެ ކިން ފަލިތަންޑު ލެއްވުމަށް މެއްކުގައި ބަނދެފައި ހުރި ތަކެތި ރަނގަޅުކޮށް ވަރުގަދަ ކުރާނެއެވެ. ފުވައްމުލަކު މީހުން ކިޔަނީ "ޅާނބޮ" މި ގޮތަށެވެ. މިއީ ވަރަށް ރީތިކޮށް ބާޑިގައި ވަށްކޮށް ގަތާފައި ހުންނަ އެއްޗެކެވެ. ބައެއް ފަހަރު ރުކުގެ ބޮންތި ފަން އަވީ ލައި ފޮލޮ ހާފައި {މިލާފައި} ހުންނަފަންވަތުގައި މިއެއްޗެހިހަދައެވެ. ބޭނުންކުރާ ފަންވަތުގައި ހުންނަ އިލޮށި ނުނަގާނެއެވެ.

ޅާނބުގެ އިތުރަށް ވަބައިން ކިޔާ އެއްޗެއް ވެސް ހުންނާނެ އެވެ. އަދި މެއްކުގައި ބޮލުބައިން އަޅައި މަސްވެރިކަން ކުރާ އާލާތާއި ރޮދު ފަދަ ތަކެތި ރަނގަޅަށް ދޯނީގެ ތަލުތެރޭގައި ފަށްފަށާއެކު ބަނދެ ހައްޔަރު ކުރާނެއެވެ. ނަގަނަމަގަށް ވަނުމަށް އޮމާންގަޑާއި ނަގަނަމަގު ގުޅޭ ހިސާބުން ދޯނި މަޑުމަޑުން ބޭރު ކުރާނެއެވެ. މި ހިސާބުގައި ހުންނަ ރާޅުގެ މިސްރާބު ހުންނަ ގޮތުން ނަގަނަމަގަށް ނުވަދެވެނީސް ދޯނި ފެތޭ ދުވަސް އާދެއެވެ. މި ގޮތަށް ދޯނި ފެތިގެން ދަނބުގޭ އެޅަ މީހާ ވަނީ 1951 މ ގައި ނިޔާވެފައެވެ. މި ސަރަހައްދަކީ އާންމުކޮށް ހުޅަނގު މޫސުމުގައި ދޯނިފަހަރު ފެތި ބަންޑުން ޖަހާލާ ސަރަހައްދެއް ނަމަވެސް މިނޫން މީހަކު ނިޔާވިކަން އެނގޭކަށް ނެތެވެ. އަޅުގަނޑު ވެސް ދެ ފަހަރެއްގެ މަތިން ނަގަނަމަގަށް ފެތުން ތަޖުރިބާ ކުރީމެވެ. އެއީ 1976 އަދި 1978 ގައެވެ. ނަގަނަމަގަށް ވަންނަމުން ކެޔޮޅު ހުންގާނުގައި ފައި އަޅުވައިގެން ތެދުވެއްޖެނަމަ ފަޅުވެރިން ދަންނަން ޖެހޭ މުހިންމު ކަމަކީ ދުވަހަކީ ގަދަ ދުވަހެއް ކަމެވެ. އަދި ދޯނި އުފުލޭ ވަރަށް ފަލި ޖަހަން ޖެހޭނެ ކަމާއި ޚާއްސަކޮށް އަށްދޮށް ފަރާތު ފަލިން އިތުރު ބާރެއް ލާން ވާނެ ކަމެވެ. ވާތް ފަރާތު ފަލިތަކުން ދޯނީގެ ކައިރިއަށް އަންނަ ގޮއް ފަކުލުގައި އަޅުވައި އެ ފަކޫ މައްޗަށް ދޯނި އަރުވާއިރު އައްދޮށް ފަރާތް ކައްވައިގެން ނުދާ ވަރަށް އެ ފަރާތުގެ ތިން ފަލި ފެނުގައި އަޅުވައި ހިފަހައްޓަން ވާނެ ކަމެވެ. އަދި ދޯންޏާއެކު މީހުން އަރިއަޅައިގެން ނުދާ ވަރަށް ފައްފަށުގައި ފައިން ހިފަހައްޓާނެ ކަމެވެ. މިހާރު މި އޮތީ ނަގަނަމަގު ބުރި މައްޗަށް ނުކުމެވިފައެވެ. ދޯނި ނަގަނަމަގަށް އަނބުރާލާއިރު އޮންނާނީ ހުރަސް ފަރުގަނޑުގެ ފެހުން ކޮޅުގައި އޮންނަ ރަށު ބަހުން ކިރިބާނަ އޮޅު ތަންހެއު ތަނާ ދިމާލަށެވެ. ރަށު ފަރަށް އަންނަ ރާޅާ އެކު އިތުރު ބާރަކާ އެކު ވަދެގެން ގޮސް ކިރިބާނަ އޮޅާއި ހަމަވާއިރު ދޯނި އޮންނާނީ ރަށު ފަރަށް ބިންދާ ރާޅުބުރިމަތީގައެވެ. އެ ހިސާބުން ނަގަމަގުގެ ރާޅުބާނިތައް ކުޑަ ވެދެއެވެ. އަދި ދޯނި ބޭރަށް އަނބުރާލުމަށްފަހު ކެޔޮޅު އިށީގެ ފަށަވަރު ފަޅާލާށޭ ބުނާނެއެވެ. އެ ހިސާބުން ރަށުގެ މަސްވެރިން ކިޔާ ތަފާތު ދެއަކެޑެ ތަކަށް ނުކުންނާނެއެވެ. މަޑު ދުވަސްދުވަހު ބޭރުގެ ދެއަކެޑެ ތަކެވެ. ގަދަ ނަމަ އެއަށްވުރެ އަށްދޮށެވެ. މީގެ ކުރިން އަޅުގަނޑު ވާނީ މި ދެންނެވި ދެއަކެޑެތަކަށް ކިޔާ ނަންތައް ކިޔައިދީފައެވެ.

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.

(ނުނިމޭ)