ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތެއް މާދަމާއަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ރައީސް ޔާމީންގެ ޝަރީއަތް ތައާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:30 ގައެވެ.
އެންމެ ފަހުން އެ މައްސަލައިގައި އަޑުހެމެއް ބާއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެ ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާތަކުން ދިފާއުވުމަށް ބޭނުންވާ ހެކި ހުށަހެޅުމަށް ރައީސް ޔާމީނަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ. އެއީ އިބްތިދާއީ އަޑުއެހުމެއް ކަމަށްވުމުން އެ ޝަރީއަތުގައި ވަނީ ރައީސް ޔާމީނަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވިދާނެތޯ ވެސް ބަލައިފައެވެ.
އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހެކި ހާމަކޮށްފައިވާ އިރު، ވަކި ވަކިން ހެކި ހުށަހެޅުމުގެ ބަދަލުގައި ދައުލަތުގެ ވަކީލް ވިދާޅުވެފައިވަނީ، ދަައުވާ ފޯމާއެކު ހުށަހެޅި ލިޔުންތަކުގައި ހެކި ފާހަގަކޮށްފައިވާނެ ކަމަށާއި އެއީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅަން ބޭނުންވާ ހެކިތައް ކަމަށެވެ. ނަަމަވެސް ރައީސް ޔާމީންގެ ފަރާތުން ވަނީ، ބައެއް ލިޔެކިއުންތައް ލިބިފައިނުވާ ކަމަށް ވިދާޅުވެ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް ޔާމީން އެގޮތަށް އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ ހެކި ހުށަހެޅުއްވުމަށް އިތުރު ވަގުތު ދެއްވުމަށެވެ.
އެހެންކަމުން މާދަމާ އޮންނަ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި ހުށަހަޅާ ހެކި ހާމަކުރުން އޮންނާނެއެވެ. އަދި ރައީސް ޔާމީންއަށް ކުރާ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްތޯ ވެސް ކަނޑައެޅުން އޮންނާނެއެވެ.
އާރަށް ކުއްޔަށް ދިން މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ރިސޯޓެއް ގޮތުގައި ތަރައްގީކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
އާރަށު މައްސަލައިގެ އިތުރުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު