Close
ޚަބަރު

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރެއްވުމަށް ޔާމީން ކުރެންދުއަށް

މުހައްމަދު އިޝާން

ޅ. ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިދިޔަ ހޮނިހިރު ބޭއްވި ބައި-އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް ކާމިޔާބުކުރެއްވުމުން އެކަން ފާހަގަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެންދުއަށް ވަޑައިގެންފިއެވެ.

ރައީސް ޔާމީން ކުރެންދުއަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. އެރަށު ބަނދަރު ސަރަހައްދުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީޕީއެމަށް ކާމިޔާބުވުމުގެ އުފަލުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި އެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ މީގެ ކުރިން ކައުންސިލުގައި ދެ ދައުރު ފުރިހަމަކުރެއްވި އިސްމާއީލް މަދީހެވެ. އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވީ ކެންޑިޑޭޓް އަލީ ނަސީމެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން މަދީހު އިންތިހާބު ކާމިޔާބު ކުރެއްވީ 49 ވޯޓުގެ ތަފާތުންނެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ ރައީސަކަށް ހުންނެވި އެމްޑީޕީ މެމްބަރު އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.