ކުޅިވަރު

މެސީ އަނބުރާ ގެންދިޔުމުގެ ވިސްނުމެއް ނެތް: ލަޕޯޓާ

ގިނަ ދުވަސްތަކެއް ބާސެލޯނާގައި ހޭދަކުރުމަށްފަހު މި ސީޒަނަށް ކްލަބު ދޫކޮށްލި ކްލަބުގެ ލެޖެންޑް ލިއޮނަލް މެސީ އަނބުރާ ކްލަބަށް ގެންދިޔުމުގެ ވިސްނުމެއް ނެތް ކަމަށް ކްލަބުގެ ރައީސް ޖޯއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ބާސާ ދޫކޮށް މި ސީޒަނަށް މެސީ ދިޔައީ ފްރާންސްގެ ޕީއެސްޖީ އަށެވެ. ކްލަބު ދޫކޮށްލަން މެސީ ނިންމީ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އޭނާގެ އާ ކޮންޓްރެކްޓުގައި ސޮއި ނުކުރެވިގެންނެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. ބާސާއިން ރަސްމީކޮށް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި، ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށެވެ.

މެސީ ބާސާއާ ވަކިވެ ދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. މިހާރު އުމުރުން 34 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބު ކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލައިލައިފައެވެ.

މެސީ ބާސާ ދޫކޮށް ގޮސް ޕީއެސްޖީގައި މިހާރު ހޭދަކުރަމުން އަންނަ ފުރަތަމަ ސީޒަން ދަނީ އެންމެ ރަނގަޅުކޮށެއް ނޫނެވެ. ހާއްސަކޮށް ރެއާލް މެޑްރިޑް އަތް ދަށުވެ ޕީއެސްޖީ ޗެމްޕިއަންސް ލީގުން ކެޓުންވީ ސަޕޯޓަރުންވެސް މާޔޫސްވި ކަމަށެވެ. އެކަމުގެ ރުޅި ސަޕޯޓަރުން އެންމެ ބޮޑަށް ބޭލީވެސް މެސީއަށެވެ. ސަޕޯޓަރުން މެސީއަށް "ބޫ" ވެސް ކޮށްފައިވާ އިރު، އެފަދަ ގޮތަކަށް މެސީއާ މެދު ޕީއެސްޖީ ސަޕޯޓަރުން ކަންކަން ކުރުމުން ބާސާ ސަޕޯޓަރުން ވަނީ މެސީ އަނބުރާ ބާސާއަށް ގެންދިޔުމަށް ގޮވާލައިފައެވެ.

އެހެން ނަމަވެސް އެކަން ކުރަން އަދި ބޭނުން ނުވާ ކަމަށް ލަޕޯޓާ ވަނީ ފާހަގަ ފާހަގަކުރައްވައިފައެވެ.

"މެސީގެ ފަރާތުންވެސް، މެސީގެ އެޖެންޓް (ބައްޕަ) ގެ ފަރާތުންވެސް އެނބުރި ދާން ބޭނުން ވެގެން އެކަމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވޭ. ހަގީގަތަކީ ބާސާއިން މެސީ އަނބުރާ ގެންދަން އެއްވެސް މަސައްކަތެއް ނުކުރާކަން،" ލަޕޯޓާ ވިދާޅުވިއެވެ.

އިއްޔެގެ ޕްރެސްގައި ލަޕޯޓާ ވަނީ ކްލަބުގެ ޓްރާންސްފާ ތަކަށް ހާއްސަކޮށް ވާހަކަ ދައްކަވައިފައެވެ. ކިލިއަން އެމްބާޕޭއާއި އާލިންގް ހާލަންޑްގެ ވާހަކަ ލަޕޯޓާ ވަކިން ހާއްސަކޮށް ފާހަގަކުރައްވައިފައިވާ އިރު، އޭނާ ވިދާޅުވީ ކްލަބަށް ގެއްލުމުގައި އެފަދަ ބޮޑު އެއްވެސް ޓްރާންސްފާއެއް ނުނިންމަވާނެ ކަމަށެވެ.

ލަޕޯޓާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ސީޒަނަށް މިހާރުވެސް ބާސާއިން ދެ ޓްރާންސްފާއެއް ނިންމާފައިވާ ކަމަށާއި، އެ ދެ ޓްރާންސްފާގެ ތަފްސީލު ހާމަކުރެއްވެން ނެތް ނަމަވެސް، އޭގެން އެއް ކުޅުންތެރިޔަކީ މިޑްފީލްޑަރެއްކަން، އަދި އަނެއް ކުޅުންތެރިޔަކީ ސެންޓާ ބެކެއްކަން ވިދާޅުވެވެން އެބައޮތް ކަމަށެވެ.

ލަޕޯޓާ އެފަދަ ގޮތަކަށް ފާހަގަކުރައްވައިފައިވާ އިރު، އިތުބާރު ނޫސްތަކުން ބުނެފައިވާ ގޮތުގައި ބާސާއިން ސޮއި ހޯދައިފައިވާ ދެކުޅުންތެރިންނަކީ އޭސީ މިލާންގެ އައިވޮރީ ކޯސްޓް މިޑްފީލްޑަރު ފްރޭކް ކެސޭއާއި ޗެލްސީގެ ޑެންމާކު ޑިފެންޑަރު އަންދްރޭއާސް ކްރިސްޓިއަންސަންއެވެ.