ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ ފުވައްމުލަކާއި އައްޑޫގެ ރައްޔިތުންނަށް އެ ދެކަނބަލުންގެ ފަރާތުން މާހެފުން ދެއްވައިފައެވެ. އެ ދެ ސިޓީގައި ބޭއްވި މާހެފުމުގައި ރައީސް ވަނީ ދެ ސިޓީގެ ތަރައްގީއަށް ކުރިއަށް ރޭވިފައި ހުރި އަދި މިހާރު ކުރިއަށްދާ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވައިފައެވެ.

ރައީސް ވަނީ އެ ދެ ސިޓީގެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި މި ދެ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްގީކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ. އެ ޕޮލިސް އެކަޑަމީއަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވިފައިވާ ފެސިލިޓީއެކެވެ. އަދި އެފެސިލިޓީގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ތަމްރީންތަކަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އައްޑޫ ސިޓީގެ މަރަދޫ ބަނދަރާއި މަރަދޫފޭދޫ ބަނދަރުގެ އިތުރުން މީދޫ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވައިފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ ވަނީ މަރަދޫ ސްކޫލްގައި އަލަށް އިމާރާތްކުރި 12 ކްލާސްރޫމް އިމާރާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައެވެ.

ދެކުނުގެ ދެ ސިޓީއަށް ކުރެއްވި އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަނލުން ވަނީ އެ ދެ ސިޓީގައި ކުރިއަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިއަށްދާގޮތް ބައްލެއްވުމުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައިފައެވެ.