އައްޑޫ ސިޓީ ގަމުގައި 120 އެނދުގެ ހޮޓަލެއް އަޅަން، އެތަނުން ބިމެއް ގަން ރީޖަނަލް އެއާޕޯޓަށް ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
އައްޑޫ ރައްޔިތުންނާއެކު މިރޭ ބޭއްވި މާހެފުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އައްޑޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ހެރެތެރެ އާއި ސަންގްރިއްލާ ރިސޯޓު އެއްކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ހެރެތެރޭގެ އެއްބައި މިހާރު ހުޅުވި އޮޕަރޭޓްކުރަމުން އެބަ ގެންދޭ. ސަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވަރަށް ދަތި މައްސަލަތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވީ. އޭގެ ތަފްސީލަކަށް ނުދިޔަ ނަމަވެސް އަޅުގަނޑު ދަންނަވާނީ ގިނަ މަސައްކަތްތަކެއްކޮށް ލަސްތަކެއް ނުވެ ސަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގަން ރީޖަނަލް އެއާޕޯޓުގައި މިހާރު ހުރި ހޮޓަލެއް ކަމަށްވާ ދޫގަސް ހުރި އިމާރާތް ހުރި ތަނުގައި އިތުރު ހޮޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށާއި އެ މަސައްކަތް އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ނިމޭނެ ކަމަށެވެ. އެތަނުގައި އަޅަނީ 120 އެނދުގެ ހޮޓަލެކެވެ.
"ފުރިހަމަ ހޮޓަލަކަށްވެގެންދާނެ. އެތަން ބިނާކުރަނީ އެތަނުގައި ކޮންވެންޝަން ބޭއްވޭ ގޮތަށް އެހެން ވަސީލަތްތައް ގާއިމްކޮށްފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ހޮޓަލާއި އައްޑޫގައި އެއްކޮށް ނުހުޅުވި އޮތް ދެ ރިސޯޓު އަލުން ހުޅުވުމުން އައްޑޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ހަމަކޮށްދެއްވާނެ ކަމަށެވެ. އަދި ފޭދޫގައި މުޅިން އާ ސްކޫލެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް ހަތް މަހުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު