"ފެއަރީ ޓޭލްސް"އަކީ ހިޔާލީ ވާހަކަތަކެކެވެ. ސިންދްރެއްލާއާއި ސްނޯ ވައިޓް ފަދަ ކެރެކްޓާތަކަކީ އަހަރެމެން ދަންނަ ޒަމާންވީ ފެއަރީ ޓޭލް ކެރެކްޓާތަކެކެވެ. އެ ހުރިހާ ވާހަކަތަކެއްގައިވެސް ދިމާވީ ދާދި އެއް ގޮތެކެވެ. ފެށުމުގައި އެ ކެރެކްޓާތަކަށް ދިމާވާނީ ދަތި ހާލަތެއް ނަމަވެސް ވާހަކަ ނިމިގެންދާނީ އެ ކެރެކްޓާތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަމުގައެވެ. ފެއަރީ ޓޭލްއަކީ އެއީއެވެ.
ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަންގެ ޓޭލް ފެށުނީ ޔޫރޯ 2020 ގައެވެ. ޑެންމާކުން ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑުމައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. އިމަޖެންސީގައި މެޗު މެދުކަނޑާލައި ގިނަ ކަންތައްތަކެއް ހިނގައި ދިޔައެވެ. އެކަމުގެ ސަބަބުން ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފުސާނީ އަސަރުތަކެއް ކޮށްފައިވެއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ޔަގީންކަން ލިބުމުންނެވެ.
އެރޭގެ މަންޒަރުތަކާއެކު އެރިކްސަން އެނބުރި ފުޓުބޯޅައަށް އަންނާނެތޯ ގިނަ ބަޔަކަށް ސުވާލު އުފެއްދުނެވެ. ކިރިޔަ ކިރިޔާ ސަލާމަތްވި އެރިކްސަން ރިޓަޔާކުރާނެ ކަމަށް އޭރު ބެލެވުނު ނަމަވެސް އޭނާ ހިތްވަރު ދޫނުކޮށް ފުޓުބޯޅައަށް އެނބުރި އަންނަން ނިންމިއެވެ.
ހިތަށް އައިސީޑީއެއް ލައްވައި، 29 އަހަރުގެ އެރިކްސަން މިދިޔަ އޯގަސްޓް މަހު އެނބުރި އޭރުގެ ކްލަބު އިޓަލީގެ އިންޓަ މިލާނަށް ދިޔަ ނަމަވެސް، އިޓަލީ ލީގުގެ އުސޫލުތައް އޮންނަ ގޮތުން އެރިކްސަންއަށް އިންޓައަށް ކުޅެވޭނެ ގޮތެއް ނުވިއެވެ. މާޔޫސް ކަމެކެވެ. އެ ހިސާބުން އެރިކްސަންގެ އެއްބަސްވުން އިންޓައިން އުވާލާފައިވާ އިރު، އޭނާ ވަނީ ފިޓްނަސް ހިފެހެއްޓުމަށް ކެރިއަރުގެ އެންމެ ފުރަތަމަ ކުޅުނު ކްލަބު، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ)ގެ އިތުރުން އަޔެކްސްގައިވެސް ތަމްރީނުތަކުގައި ބައިވެރިވެފައެވެ.
ހާލަތު ބަދަލުކުރުމަށް ފިޓްނަސްވެސް ރަނގަޅުކޮށް، އެރިކްސަން އަލުން ދަނޑުމައްޗަށް ނުކުތީ މިދިޔަ މަހުގެ ތެރޭގައި ކުޅުނު ޕްރިމިއާ ލީގުގެ މެޗެއްގައެވެ. ޖެނުއަރީ މަހުގެ ޓްރާންސްފާގައި އެރިކްސަން ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ބަދަލުވެ ކުޅެން ފަށާފައިވާ އިރު، އެއީ އެރިކްސަންއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
ޕްރިމިއާ ލީގުގައި އެރިކްސަން ކުޅެން ފެށުމާއެކު ޑެންމާކުން އޭނާ ގައުމީ ސްކޮޑަށް އަލުން ނެގިއެވެ. ރޭ ނެދަލޭންޑްސްއާ ދެކޮޅަށް ޑެންމާކުން ކުޅުނު މެޗުގެ ފުރަތަމަ 11 ގައި އެރިކްސަން ނުހިމެނުނު ނަމަވެސް ގިނަ ބަޔަކު އިންތިޒާރުވެސް ކުރީ އޭނާ ދަނޑު މައްޗަށް ނުކުންނާނެ ވަގުތަކަށެވެ. އުމުރުން 30 އަހަރުގެ އެރިކްސަން ދަނޑުމައްޗަށް ނުކުތީ 46 ވަނަ މިނެޓުގައެވެ. މެޗުގެ 48 ވަނަ މިނެޓުގައި ފައިގައި ޖެހުނު ފުރަތަމަ ބޯޅައާއެކު ގޯލުވެސް ޖެހިއެވެ. ކާޑިއެކް އެރެސްޓެއްގައި ދަނޑުމައްޗަށް ވެއްޓުނުތާ 287 ދުވަހަށްފަހު އެނބުރި އައިސް އެ ޖެހި ގޯލުގެ ޖަޒުބާތުގައި މުޅި ދުނިޔެވެސް ޖެހުނެވެ. މުޅި ދަނޑު އެކީ، ނެދަލޭންޑްސް ސަޕޯޓަރުންނާއެކު އެރިކްސަންއަށް ދިނީ ލޯތްބާއި އިހުތިރާމެވެ.
"އަހަރެން މިހުރީ އުފަލުން ބުނާނެ އެއްޗެއް ނޭނގިފައި. ވަރަށް އުފާވޭ އެކަހަލަ ފުރުސަތެއް ލިބުނީމަ. ފުރިހަމަ އެނބުރި އައުމެއް މިއީ. މެޗުގެ ނަތީޖާ ނޫން އެހެން ހުރިހާ ކަމަކާ މިހުރީ އުފަލުން. އަހަރެން އުފުލަން ޖެހުނު އުނދަގޫތަކުގެ ތެރެއިން މިރޭގެ މެޗަށް ނުކުމެވުން އެއީ އުފަލެއް. ގަތަރު ވޯލްޑް ކަޕްގައި ކުޅެން އުންމީދުކުރަން. އެކަމަކު އެ މުބާރާތަށް އަދި ވަރަށް ދުވަސް އެބައޮތް. އެހެންވީމަ ވާ ގޮތެއް ބަލަން ޖެހޭނީ،" ރޭގެ މެޗަށްފަހު އެރިކްސަން ބުންޏެވެ.
މާ ކުރިން ވޯލްޑް ކަޕަށް ކޮލިފައިވެފައި އޮތް ޑެންމާކު ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ނެދަލޭންޑްސް ކައިރީ ބަލިވީ 4-2 އިންނެވެ. އެ ނަތީޖާއަށް ސަމާލުކަން ކުޑަވި މެޗުގައި ސަމާލުކަން ހުއްޓުނީ އެރިކްސަންއަށެވެ. އެރިކްސަންގެ އިތުރުން ޑެންމާކުގެ އަނެއް ގޯލު ޖަހައިދިނީ ޔެނިކް ވެސްޓަގާޑެވެ. ނެދަލޭންޑްސްގެ ގޯލުތައް ޖަހައިދިނީ ސްޓީވަން ބާގްވިންއާއި ނެތަން އަކޭ އަދި މެމްފިސް ޑިޕޭއެވެ. މެޗުގައި ބާގްވިން ދެ ގޯލު ޖެހިއެވެ.