ޚަބަރު

އައްޑޫ ޕޮލިސް އެކެޑެމީ ރައީސް ސޯލިހު ހުޅުއްވައިދެއްވައިފި

ރިފާ ހަލީލު

އައްޑޫ ޕޮލިސް އެކަޑެމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް"ގެ ނަމުގައި އިންޑިއާގެ އެހީގައި ތަރައްގީކުރި މި އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ސަރުކާރުގެ އިސް ބައެއް ވެރިންވެސް ބައިވެރިވަޑައިގެންނެވި އެވެ. އޭގެ އިތުރުން އައްޑޫ ސިޓީ މޭޔަރާއި ކައުންސިލަރުންވެސް ވަނީ މި ރަސްމިއްޔާތުގައުި ބައިވެރިވެ ވަޑައިގެންފަ އެވެ.

ޕޮލިސް އެކެޑެމީ ހުޅުއްވައިދެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެތަނުގައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވައިފަ އެވެ.

އައްޑޫ ޕޮލިސް އެކަޑަމީގައި އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނެއެވެ.

އައްޑޫގައި ފުލުހުންގެ އެކަޑަމީ ނުވަތަ ޓްރެއިނިން ސްކޫލް އިމާރާތްކޮށްފައި ވަނީ ހިތަދޫ ސަރަހައްދީ ބަނދަރު ކުރިމަތީގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އޮފީސް ކައިރިން ފެށިގެން ބޮޑު ސަރަހަދެއްގަ އެވެ. އެ މަޝްރޫއު އިއުލާންކުރީ 2014 ވަނަ އަހަރުގެ އޭޕްރީލް ހަ ވަނަ ދުވަހު، އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ. އެތަނުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، 2017 ގަ އެވެ.