ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު އައްޑޫ ސިޓީ އަށް ވަޑައިގެންފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލައްވައި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ސޯލިހުގެ ދެކަނބަލުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް އިއްޔެ ފެއްޓެވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ފުވައްމުލަކަށެވެ.

ރައީސް ސޯލިހު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާނެއެވެ. އަދި އައްޑޫގައި ކުރިއަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ރައީސް ހުޅުވައިދެއްވާނެއެވެ.

ރައީސްގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.