ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ގަދަ 16ގެ މެޗުތަކުން މޮޅުވެ، ހުޅުމާލެ، މާފަންނު، ކ. ގާފަރާއި ރ. ދުވާފަރުގެ އިތުރުން ތ. ތިމަރަފުށި، ގދ. ކުޑަހުވަދޫ އަދި ބ. އޭދަފުށިން މުބާރާތުގެ ކުއާޓާ ފައިނަލް ޔަގީން ކޮށްފިއެވެ.
ގަދަ 16 ގެ ހުރިހާ މެޗެއްވެސް ރޭ ކުޅެފައިވާ އިރު، ހުޅުމާލެއިން ވާދަކުރީ އދ. މާމިގިއްޔާ ދެކޮޅަށެވެ. އެ މެޗު ހުޅުމާލެއިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕެނަލްޓީ ޝޫޓްއައުޓްގައި މުހިއްމު ދެ ސޭވްކޮށް، މެޗުގައިވެސް ހުޅުމާލެ ހިފެހެއްޓުމުގައި މުހިއްމު ރޯލެއް އަދާކުރި ގޯލްކީޕަރު މުހައްމަދު ޒުހަލް އެވެ. މެޗުގައި ޒުހަލް ވަނީ މާމިގިލި ހުއްޓަވަން މޮޅު ސޭވްތަކެއް ކޮށްފައެވެ.
މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނެގީ ހުޅުމާލެއިންނެވެ. ހުޅުމާލޭގެ ގޯލުތައް އަލީ ނާހިލް އަހުމަދާއި ހުސައިން ރައުޝަން ޖަހައިދިން އިރު، މާމިގިލިން އެއްވަރުކުރީ ފަހު ނުވަ ވަރަކަށް މިނެޓްގައެވެ. އެ ދެ ގޯލުވެސް ޖެހީ ހިސާމް ސަލީމް (ކޮކީ)އެވެ. ރޭގެ މެޗުގައި ޓީމުގެ ކެޕްޓަން ބޭންޑްގައި ކޮކީ ކުޅުނީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަދި ކެޕްޓަން އިބްރާހީމް މައިސަން (މައި)، އަނިޔާގެ ސަބަބުން މެޗުގައި ނުކުޅޭތީއެވެ.
ޕެނަލްޓީގައި ހުޅުމާލެއިން މެޗު ކާމިޔާބުކުރީ 6-3 އިންނެވެ. މިއީ ހުޅުމާލެއިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ކ. ގާފަރުން ކުއާޓާ ޔަގީންކުރީ ގއ. ކޮނޑޭ ކަޓުވާލައިފައެވެ. ރޭ ކުޅުނު ގަދަ 16 ގެ މެޗުގައި ކޮނޑޭއިން ފުރަތަމަ ލީޑު ނެގި ނަމަވެސް ގާފަރުން ނަތީޖާ އަނބުރާލައި މެޗު ގެންދިޔައީ 2-1 އިން މޮޅުވެގެންނެވެ.
މެޗުގެ ކުރީކޮޅުގައި ކޮނޑޭގެ އިނާން އަހުމަދު (ބަޓޫކް) ގޯލު ޖަހައި ލީޑު ނެގި ނަމަވެސް އޭގެ ތިން މިނެޓު ފަހުން ސަނީމް ޝަމާއިލް ޖެހި ގޯލުން ގާފަރު ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ ފަހު ހާފުގައި ދެން ފެނުނީ އަލީ މާއިސް (މައްޓު)ގެ ތަފާތެވެ. މެޗުގެ 30 ވަނަ މިނެޓުގައި ގާފަރުގެ އެތައް ސަޕޯޓަރުންނެއް އުފަލުން ފޮޅުވާލީ މައްޓު ޖެހި ހިތްގައިމު ގޯލުންނެވެ. އެ ގޯލާއެކު ގާފަރުން ކުއާޓާވެސް ޔަގީން ކުރިއެވެ. މައްޓުއަކީ މެޗުގެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.
ފޯމުގައި އޮތް ދުވާފަރުން ރޭގެ މެޗުގައިވެސް ފަސް ބެލުމެއް ނެތެވެ. ތަފާތު މޮޅު ކުޅުމަކާއެކު ރޭ ދުވާފަރުން ސ. ފޭދޫ ބަލިކުރީ 7-0 ގެ ނަތީޖާއަކުންނެވެ. ދުވާފަރުގެ ގޯލުތައް ޖެހީ މުހައްމަދު ޖުމާން އަހުމަދާއި، އާދަމް އިލްޔަސައު، މުހައްމަދު އިސާމްގެ އިތުރުން މުސްލިމް މުހައްމަދާއި އަހުމަދު އީސަ އަދި އިސްމާއިލް އަހުމަދެވެ. މެޗުގައި އިސާމް ދެ ގޯލު ޖެހި އިރު، މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ.
މާފަންނުން ކުއާޓާ ޔަގީންކުރީ 2-0 ގެ ނަތީޖާއަކުން ދިއްގަރު ބަލިކޮށްގެންނެވެ. ރޭގެ މެޗުގައި މާފަންނުގެ ގޯލުތައް ޖެހީ މުހައްމަދު އިހްސާން ސައީދުގެ އިތުރުން އަލީ ނައުޝާދެވެ.
ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާ އިރު، ތ. ތިމަރަފުށިން ފަހަތުން އަރައި އއ. މަތިވެރި ބަލިކުރީ 6-2 ގެ ނަތީޖާއަކުންނެވެ. މާލެގަން 4-3 އިން ށ. ކަނޑިތީމް ބަލިކުރި އިރު، ފޯރިގަދަ މެޗުގައި ބ. އޭދަފުށިން ވަނީ 3-1 އިން ގދ. ވާދޫ ބަލިކޮށްފައެވެ. އޭގެ އިތުރުން ދެން ކުއާޓާ ޔަގީންކުރި ދ. ކުޑަހުވަދޫން ވަނީ ޕެނަލްޓީގައި ހއ. އިހަވަންދޫ ބަލިކޮށްފައެވެ.
ޖުމުލަ 91 ޓީމާއެކު ފެށި ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މާދަމާ ރޭގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
ކ. ގާފަރު - މާފަންނު
ހުޅުމާލެ - މާލެގަން
ރ. ދުވާފަރު - ތ. ތިމަރަފުށި
ދ. ކުޑަހުވަދޫ - ބ. އޭދަފުށި
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު