މުޙައްމަދު އަސްލަމް

ހުޅުމާލޭން ދޫކުރާ 1000 ގޯއްޗާއި، ގުޅިފަޅާއި ގިރާވަރުފަޅުން ދޫކުރާ 4000 ގޯތީގެ މައުލޫމާތު މަޖިލީހަށް ދެއްވައިފި

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ 5000 ގޯތި ދޫކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭ މައުލުމާތު، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންއެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހަށް ދެއްވައިފިއެވެ.

އެ މައުލޫމާތު މިނިސްޓަރު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާމަކޮށްދެއްވީ، އެ މަސއްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބބުދުﷲ ލިޔުމުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 5000 ގޯތީގެ ތެރެއިން ހުޅުމާލޭން ދޫކުރުމަށް ހަމަޖެހިފައިވާ، 1000 ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅައި ޗާޓް ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ މަސައްތަކާއި، އެ ސަރަހައްދަށް ކަރަންޓް ލުމަށް އެޗްޑީސީ އާއި އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯއާއެކު މަޝްވަރާކޮށް، އެކަންތައް ކުރިއށްގެންދިއުމާބެހޭ ތާވަލެއް ހުށަހެޅުމަށް ވިދާޅުވެފައިވާ ކަމަށެވެ.

ހުޅުމާލެއިން ގޯދި ދޫކުރާނެ އުސޫލު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެކަމަށްޓަކައި ކަނޑައަޅާ އުސޫލާ އެއްގޮތަށް ގޯތި ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުޅުވާލެވޭނެ ކަމަށްވެސް މިނިސްޓްރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އަންނަ ޖޫންމަހުގެ ތެރޭގައި އެ މަސައްކަތްތައް ނިމޭނެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، ގުޅިފަޅުން ދޫކުރަން ހަމަޖެހިފައިވާ 2000 ގޯއްޗާބެހޭގޮތުން ލޭންޑްޔޫސްޕްލޭން ހަދައި ބިން ހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ލޯނު އެގްރިމެންޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ގިރާވަރު ފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ 2000 ގޯއްޗާބެގޭގޮތުން މިނިސްޓަރު ވިދާޅުވީ، އެތަނުގެ ބިންހިއްކުމަށްޓަކައި ކުރަންޖެހޭ ޕްލޭންތައް ކުރަމުން އަންނަ ކަމަށެވެ. އަދި އެޕްރޮޖެކްޓަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.