ސުޕްރީމް ކޯޓް

ފުށިދިއްގާގެ ޑިޕޮސިޓު ފައިސާ ދައުލަތަށް ދޭން ކުރި ހުކުމް ތަންފީޒު ނުކުރުމަށް އަމުރުކޮށްފި

އިބްރާހިމް ޒަކީ

އދ. ފުށިދިއްގާ (ރަށްދިއްގާ) ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށް ފަހު ޑިޕޮސިޓްގެ ގޮތުގައި ދެއްކި 50،000 ޑޮލަރު (770،000އަށްވުރެ ގިނަ ރުފިޔާ) އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏެއް ކަމަށްވާ އެމްއެޗްއާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައި، އެ ފައިސާ ދައުލަތަށް ދައްކަން ހައި ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް، ކަމާބެހޭ އެއްމެހާ ފަރާތްތަކަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސައަކީ ފުށިދިއްގާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް 50 އަހަރަށް ކުއްޔަށް ހިފުމަށްޓަކައި އެޗްއެމްއެޗްއައި ކުންފުނީގެ ފަރާތުން އެ ރަށުގެ ހެޑްލީސް ގަތުމަށް ދައްކަން ޖެހޭ ޖުމްލަ ލީސް އެކުއިޒިޝަން ކޯސްޓަށްވާ ތިންމިލިއަން ޑޮލަރުގެ ތެރެއިން، ޑިޕޮސިޓުގެ ގޮތުގައި 50،000 ޑޮލަރު ދައުލަތަށް ދެއްކުމަށް އެ ކުންފުނިން ދޫކުރި ޗެކް އެމްއެމްޕީއާރްސީއާ ހަވާލުކޮށްފައި ވަނިކޮށް އެ ފައިސާ އެމްއެޗްއާރު ޓްރޭޑިން ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި އެމްއެޗްއާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުގައި ފުރަތަމަ ދައުވާ ކުރީ ޓޫރިޒަމް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ސިވިލްކޯޓުގައި އެދިފައި ވަނީ އެ 50،000 ޑޮލަރު ދައުލަތަށް އަނބުރާ ދިނުމަށް އެމްއެޗްއާރުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

އެ މައްސަަލަ ބަލައި 2018 ވަނަ އަަހަރު ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، ދައުވާ ލިބޭ އެމްއެޗްއާރުގެ ކިބައިން ޝަރީއަތް މެދުވެރިކޮށް ދައުވާކުރާ ފަރާތް، ދިވެހި ދައުލަތަށް އެ ފައިސާ ނަގައިދޭން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއްވިޔަސް ނެތް ކަމަށެވެ.

ސިވިލްކޯޓުގެ އެ ހުކުމް ދިވެހި ދައުލަތް، (ޓޫރިިޒަމް މިނިސްޓްރީ) އިން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު 24 ނޮވެމްބަރު 2021 ގައި ހައިކޯޓުން ވަނީ، ފުށިދިއްގާ (ރަށްދިއްގާ) ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށްފަހު ޑިޕޮސިޓްގެ ގޮތުގައި ދެއްކި 50،000 ޑޮލަރު ދައުލަތަށް ދެއްކުމަށް އެމްއެޗްއާރު ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައެވެ.

އެ މައްސަލައިގައި ހިމެނޭ އެޗްއެމްއެޗްއައިގެ ޗެކް އެމްއެމްޕީއާރްސީއަށް ލިބިފައިވާ ކަމުގައި ބުނެ ޕޭމަންޓް ވައުޗަރުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޒިޔަތެވެ. އެ ޗެކު ޖަމާކުރި އެމްއެޗްއާރު ޓްރޭޑިން އަކީ ޒިޔަތުގެ ބޮޑުބޭބެއެއްގެ އާއިލާގެ ކުންފުންޏެކެވެ.

ނަމަވެސް އެމްއެޗްއާރު ޓްރޭޑިންގެ ފަރާތުން މިހާރު މިމައްސަލަ މިވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެއާއެކު މި މައްސަލައިގައި ސުޕްރީމްކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ހުކުމް ތަންފީޒުކޮށްފިނަމަ އެ ކުންފުންޏަށް އިއާދަ ނުކުރެވޭ ގެއްލުން ލިބޭނެ ކަމަށްބުނެ ހައިކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށްވެސް ވަނީ އެދިފައެވެ.

އެހެންކަމުން އެ އސިްތިއުނާފީ މައްސަލައަށް ސުޕްރީމްކޯޓުން ގޮތެއް ކަނޑައަޅަންދެން ހައިކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ އަމުރު ކޮށްފައެވެ.