ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އެންގި އިރު، ޔާމީނާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައިކޯޓުން އަންގާފައިވާ އެންގުން ބަދަލުކުރަން ދައުލަތުން ހުށަހެޅި މައްސަލައިގެ ހުކުމްކުރަން އަންނަ މަހުގެ އެއްވަނަ ދުވަހަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
އެމައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 9:00އަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ދުވަހުއެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި، މަނީލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާ ކަމަށް 25 ޑިސެމްބަރު 2022 ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމް ޔާމީނާއި، ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިމިނަލް ކޯޓުގެ ނިންމުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް 18 އެޕްރީލް 2024 ގައި އެ ކޯޓުން ނިންމާފައިވެއެވެ.
ނަމަވެސް ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތް ކުރުމަށް އަންގާފައިވެއެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫން ކަމަށް ބަޔާންކޮށެވެ. ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައަކީ ހައިކޯޓުގެ އެ ނިންމުން ބަދަލު ކުރުމަށް ހުށަހެޅި މައްސަލައެކެވެ.
ސުޕްރީމް ކޯޓުގައި މީގެ ކުރީން ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު ވިދާޅުވެފައިވަނީ، ހައިކޯޓުގެ އެ އެންގުމަކީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ހިލާފަށް އެންގި އެންގުމެއް ކަމަށެވެ. ގާނޫނުއަސާސީގެ އެ މާއްދާއަކީ ކޯޓުތަކުގެ އިހުތިސޯސް ބަޔާންކުރާ މާއްދާއެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް
ކޮމެންޓް