ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރެގެން މ. ވޭވަށު ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާސްތަކެއް ބާތިލް ކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެންމެ ބާތިލްކޮށްފިއެވެ.

މި މައްސަލައަކީ ވޭވަށު ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު، އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. މައްސަލަ ހުށަހަޅަން ޖެހުނީ، ވޯޓު ފޮށި އަލުން ހުޅުވައިގެން ބެލިއިރު، ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާހެއް ސައްހަ ވޯޓުގެ ގޮތުގައި އީސީން ބަލައިގަތުމުންނެވެ.

އީސީގެ އެ ނިންމުމުގެ ސަބަބުން އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަން ނައީމަށް ދެ ވޯޓުގެ ތަފާތުން ކުރި ލިބިު ނަމަވެސް، ނަޒީހު ވަނީ އެ ކަރުދާސްތަކަކީ ވަކިކޮށް ދެނެގަނެވޭނެ ފަދަ ފާހަގަތަކެއް ހުރި ބާތިލު އެއްޗެއް ކަމަށް ބުނެފައެވެ.

ހައިކޯޓުގެ އަގުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ، ވޯޓު ކަރުދާހެއްގައި ހުންނަ ފާހަގައަކީ މަތިމަތިން ބަލައިލުމުންވެސް ދެނެގަނެވޭ ފަދަ ފާހަގައެއް ނަމަ، އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމެއް ކަމަށެވެ. އެހެންކަމުން، އެ ތިން ވޯޓަކީ ބާތިލު ވޯޓުތަކެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު ތަފާތުވިއެވެ. އެ ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތުގައި ކަރުދާހުގައި ހުރި ދެލިތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވެއެވެ.

މި މައްސަލައިގައި ހިމެނޭ ތިން ވޯޓު އުނިކުރުމަށްފަހު އިންތިހާބުގެ ނަތީޖާ އަލުން އިއުލާންކުރަން އީސީއަށް ހައިކޯޓުން އަމުރުކުރިއެވެ. އެގޮތަށް އަމަލު ކުރުމުން އިންތިހާބު ކާމިޔާބު ކުރިކަމަށް ނިންމަންޖެހުނީ، އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ޕީއެންސީގެ ކެނޑިޑޭޓް ނަޒީހެވެ.

އެ ކަމާގުޅިގެން އަހުޝަން ނައީމުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، މި މައްސަލައިގެ ހުކުމް އިއްވަވަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ، އިންތިހާބު ތަކުގެ އާއްމު ގާނޫނުގެ 56 ވަނަ މާއްދާއަށް ބަލާއިރު ވޯޓު ކަރުދާހުގައި، އެމީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައި ނުވާ ލިއުމެއް ލިޔެފައިވާ، ނުވަތަ ކުރެހުމެއް ކުރަހާފައިވާ ކޮންމެ ވޯޓަކީ ބާތިލު ވޯޓެއްކަން އެނގޭ ކަމަށެވެ.

ނަމަވެސް އީސީން ވޯޓު ކަރުދާސް ޗާޕް ކުރާއިރު ލިޔެފައިވާ ލިއުންތަކާއި ކުރަހާފައިވާ، ނުވަތަ ކުރެހިފައިވާ ކުރެހުން ތަކަކީ، އެ ވޯޓު ބާތިލް ވޯޓެއްގެ ގޮތުގައި ގުނޭނެ ސަބަބެއްކަމަށް ގަބޫލެއް ނުކުރެވެއެވެ.

މި މައްސަލައިގައި ހިމެނޭ ވޯޓު ކަރުދާސްތަކުގައި، ވޯޓު ލުމުގެ ގޮތުން ޖަހާފައިވާ ރަނގަޅު ފާހަގައިގެ އިތުރުން ވޯޓު ކަރުދާހުގައި ހުރި ތިކިތަކީ ވޯޓު ކަރުދާސް ޗާޕް ކުުރުމުގައި ޖެހިފައިވާ ތިކިތަކެއްކަަމަށް އީސީން ބުނެފައިވާއިރު ވޯޓު ކަރުދާސް ޗާޕްކުރި ނޮވެލްޓީ ޕްރިންޓާސްއިން ވެސް އެފަދައިން ބުނެ، ކޯޓަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށްވެސްް ވިދާޅުވިއެވެ.

ނަމަވެސް ސުވާލު އުފެދިފައިވާ ވޯޓު ކަރުދާސްތަކުގައި ވަނީ ވޯޓުދިން ފަރާތުން ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން ކޮންމެވެސް ގޮތަކުން ޖަހާފައިވާ ފާހަގަތަކެއްކަމަށް މި މައްސަލަ ހައިކޯޓަށް ހުށަހެޅި ނަޒީހުގެ ފަރާތުން ބުނެފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"އިންތިހާބުތަކާބެހޭ އާއްމު ގަވާއިދުގައި ބަޔާންކޮށްފައި ވަނީ، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވޯޓު ލުމަށްޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު، ނޫކުލައިގެ ދެލިހުރި އާދައިގެ ގަލަމެއް ފިޔަވައި އެހެން އެއްޗެއް ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެ ކަމަށާއި، ފޯނާއި އަތްދަބަހާއި އަޑު ނުވަތަ މަންޒަރު ރެކޯޑް ކުރެވޭ ފަދަ ތަކެއްޗާއި ފައިލް ފަދަ، ކެނޑިޑޭޓުންގެ ހައްގުތަަކަށް އުނިކަމެއް ލިބިދާނެކަމަށް ބެލެވޭފަދަ އެއްވެސްް ވަސީލަތެއް ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެއްކަމަށް،" ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ވޯޓު ކަރުދާހުގެ ފޮޓޯއަށް ބަލާއިރު ފޮޓޯތަކުގައިވާ ތިން ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ޖަހާފައި ވަނީ ނޫކުލައިން ކަމަށާއި، އެ ވޯޓު ކަރުދާސްތަކުގައި ހުރިކަމަށް ބުނާ ތިކިތައް ނުވަތަ ފާހަގަތައް ހުރީ ކަޅު ކުލައިން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ ކަޅު ކުލައިގެ ގަލަންފަދަ އެއްޗެއް ވައްދައިގެން އެކަމުގެ ޝަކުވާއެއް އެއްވެސް ފަރާތަކުން ކޮށްފައިވާކަން އެނގެން ނެތްކަމަށްވެސް ވިދާޅުވިއެވެ.

"އެހެންކަމުން މި މައްސަލައިގައި ވާހަކަ ދެކެވޭ ތިން ވޯޓު ކަރުދާސްކޮޅުގައި ހުރި ތިިކިތަކަކީ ނުވަތަ ފާހަގައަކީ ވޯޓުލާ މީހާ އަމިއްލައަށް، ގަސްތުގައި ކޮށްފައިވާ ކަމެއްކަމުގެ ނަތީޖާ ކަމަށް ގަބޫލު ނުކުރެވޭ އިރު، ނަޒީހުގެ ފަރާތުން ބުނެފައިވާ ފަދައިން ސުވާލު އުފެދިފައިވާ ވޯޓު ކަރުދާސްތަކުގައި ވޯޓުދިން ފަރާތުން ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން ކޮންމެސް ގޮތަކުން ގަސްތުގައި ޖަހާފައިވާ ފާހަގަތަކެއްކަަމަށް ބުނެވޭފަދަ ހެތްކެއް ދެއްކިފައިނެތް،" ފަނޑިޔާރު ވިދާޅުވިއެވެ.

ވޯޓު ކަރުދާސްތަކުގެ ފޮޓޯތަަކަކީ އަލުން ވޯޓު ގުނަމުން ދިޔައިރު ނަގާފައިވާ ފޮޓޯތަކެއް ކަމަށާއި، އެ ފޮޓޯތަކަކީ އަސްލާ އެއްގޮތް ފޮޓޯތަކެއްކަން ގާނޫނީ ގޮތުން ކަށަވަރުވާ ފޮޓޯތަކެއް ނޫންކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައި ހައިކޯޓުން ބަލައި ނިންމާފައިވަނީ އެ ފޮޓޯތަކަށް ރިއާޔަތްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ހައިކޯޓުގެ ޝަރީއަތުގައި ސިޓީއުރަ ކަނޑައި ވޯޓު ކަރުދާހުގެ އަސްލު ޝަރީއަތަށް ހުށަހެޅުމުގެ ފުރުސަތަަކަށް އިސީން އެދިފައިވާ ކަމަށާއި، އެކަމަށް ކޯޓުގެ ލިއުމެއް، ނުވަތަ އަމުރެއް ދިނުމަށް އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ހައިކޯޓުން އެކަމަށް އިޖާބަދީފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ވޯޓު ކަރުދާސްތަކުގައި ފެންނަންހުރި ތިކިތައް ނުވަތަ ފާހަގަތަކާމެދު ސުވާލު އުފެދިފައިވާ ހާލަތުގައި އެކަން ޔަގީންކޮށް، އިތުރަށް ކަަށަވަރު ކުރެވޭނީ އެ ވޯޓު ކަރުދާސްތަކުގެ އަސްލު ހައިކޯޓަށް ގެނެސް ޝަރީއަތުން އޭގެ އަސްލު ބަލައި ދިރާސާކޮށްގެންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެއާ ހިލާފަށް ސުވާލު އުފެދިފައިވާ، އަސްލާ އެއްގޮތްކަަން ކަށަވަރުނުވާ ފޮޓޯތަކަށް ބަަލައިގެން އަސްލު ވޯޓު ކަރުދަސްތަކުގައި އޭގެ ސިއްރުކަން ގެއްލޭ ފަދަ ތިކިތަކެއް ހުރިކަމަށް ޝަރުއީ އަދި ގާނޫނީ ގޮތުން ބެލިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން ފަނޑިޔާރު ވިދާޅުވީ، އެ ވޯޓުކަރުދާސް ބާތިލްކަމަށް ހައިކޯޓުން ނިންމާފައި ވަނީ ރަނގަޅު ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މައްސަލަ ޖެހުނު ތިން ވޯޓު ކަރުދާސް ބާތިލްކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމަކީ، އެ މައްސަަ ހައިކޯޓަށް ހުށަހެޅި ފަރާތުން، އެދިފައިނުވާ ފަރުވާއެއް ދިނުންކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ، "ވޭވަށް ކައުންސިލް މެންބަރުކަމަށް" ވާދަކުރި ކެނޑިޑޭޓުންގެ މެދުގައި ބޭއްވި އިންތިހާބުގެ ނަތީޖާ ބާތިލުކޮށް އިންތިހާބު އަލުން ބޭއްވުމަށް، އީސީގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް ހަސްމަކު އެދުނު ފަރުވާއާ ތަފާތު ފަރުވާއެއް ނުވަތަ އެދުނު ފަރުވާގެ އިތުރުން އެހެން ފަރުވާއެއް ދޭން ކަނޑައަޅައިގެން ނުވާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ދައުވާގައި އެދޭ ބަދަލުގެ ތެރެއިން ހަސްމުން ދޭން އެއްބަސްވެފައިވާ ވަރަށްވުރެ ކުޑަ މިންވަރެއްގެ ބަދަލު ނަގައިދިނުމަށް ކަނޑައަޅައިގެން ނުވާނެކަމަށް، މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. ޝަރީއަތުގައި ނޭދޭ ފަރުވާއެއް ފޯރުކޮށް ދިނުމަކީ ފަނޑިޔާރަށް ލިބިދޭ އިހުތިޔާރެއް ނޫންކަަމަށް ސުޕްރީމްކޯޓުން މީގެކުރިން ކަނޑައަޅާފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެން ކަމުން ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ، ހައިކޯޓުގެ ހުކުމް ގާނޫނީ އުސޫލުތަކާ އެއްގޮތް ނުވާތީ އެ ހުކުމް ބާތިލް ކަމަށެވެ.