ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ، މުބާރާތުން ކަޓައިފިއެވެ.
ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސްޕެއިންގައި ދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރު ވެފައި އޮތުމުން، ޔުނައިޓެޑް ކެޓީ އެގްރިގޭޓް 2-1 ގެ ނަތީޖާއަކުން ބަލިވެގެންނެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ކުރިއަށް ޖެހި ހަމަލާތައް އުފެއްދީ ޔުނައިޓެޑުންނެވެ. އެންތަނީ އެލަންގާ ކުޑަ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާގެ އިތުރުން، ބްރޫނޯ ފެނާންޑޭޒް ބާރު ހަމަލާވެސް މަތަކުރީ އެތުލެޓިކޯގެ ކުޅަދާނަ ގޯލްކީޕަރު ޔާން އޮބްލަކެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެތުލެޓިކޯއިން ކުޅުން ރަނގަޅުކޮށް، 41 ވަނަ މިނިޓްގައި ލީޑު ނެގިއެވެ. އެންޓޮއިން ގްރީޒްމަން ނެގި ހުރަހަކުން ގޯލު ޖެހީ ރެނާން ލޮޑީ ބޮލުންނެވެ.
ދެ ވަނަ ހާފުގައި ގޯލެއް ޖެހޭތޯ ޔުނައިޓެޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނެވެ. އެކަމަކު، އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އެތުލެޓިކޯ ގޯލުގައި މޮޅަށް ކުޅުނު އޮބްލަކެވެ.
ޗެމްޕިއަންސް ލީގުން ކެޓުމާއެކު ޔުނައިޓެޑުން މި ސީޒަންވެސް ނިިންމާލަން ޖެހިފައިމިވަނީ ހުސްއަތާ އެވެ. ޔުނައިޓެޑް އެންމެ ފަހުން ތަށްޓެއް ހޯދީ މީގެ ފަސް އަހަރު ކުރިން 2017 ވަނަ އަހަރުއެވެ.
ރޭ ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16ގެ އަނެއް މެޗުގައި ބެނިފީކާއިން ވަނީ 1-0 އިން އަޔެކްސް ބަލިކޮށް، ކުއާޓާ ޔަގީން ކޮށްފައެވެ. ފުރަތަމަ ލެގު 2-2 އިން އެއްވަރު ވެފައި އޮތް އިރު، ރޭ ޕޯޗުގަލްގައި ކުޅުނު މެޗުން ހޯދި ހަނި މޮޅާއެކު ބެނިފީކާއަށް ވަނީ ކުއާޓާގެ ފުރުސަތު ލިބިފައެވެ.