ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރު ނިމި، ޒޯން ބުރުގެ ކުޅުން ރޭ ފަށައިފިއެވެ.
މުބާރާތުގެ ޒޯން ބުރުގެ ހަ މެޗު ރޭ ކުޅެފައިވާ އިރު، ރޭ ކުޅެފައި ވަނީ ޒޯން އެކެއްގެ ދެ ގްރޫޕުގެ ދެމެޗާއި، ޒޯން ހަތަރެއްގެ ދެމެޗުގެ އިތުރުން ޒޯން ތިނެއްގެ ދެމެޗެވެ. ރޭގެ މެޗުތައް ކާމިޔާބުކޮށް ޒޯން ބުރުގެ ފުރަތަމަ މޮޅުތައް ހޯދީ ށ. ކަނޑިތީމާއި، ހދ. ނާވައިދޫ އަދި އދ. އޮމަދޫއެވެ. ރޭ ކުޅުނު ތިން މެޗެއް އެއްވަރު ވެގެން ނިމުނު އިރު، ޒޯން ތިނެއްގައި ކުޅުނު ދެމެޗުވެސް ވީ އެއްވަރެވެ.
ޒޯން އެކެއްގައި ޖުމުލަ ހަ ޓީމު ވާދަކުރާ އިރު، އެ ޒޯނުގެ މެޗުތައް ކުރިއަށް ދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެ ޒޯނުގެ ޗެމްޕިއަން ކަނޑައަޅަން ވަކިން ފައިނަލް މެޗެއްވެސް ކުޅޭނެއެވެ. އެހެން ނަމަވެސް ދެން ހުރި ޒޯންތަކުގެ ޗެމްޕިއަން ޓީމު ކަނޑައަޅާނީ ލީގު ބުރުންނެވެ. ލީގު ބުރު ނިމޭ އިރު، އެއްވަނަ އާއި ދެވަނަ ގަދަ 16 އަށް ދާނެއެވެ.
ޒޯން އެކެއްގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި ށ. އަތޮޅު ޗެމްޕިއަން ކަނޑިތީމުން ވަނީ 5-0 އިން ހއ. އަތޮޅުގެ ރަނަރަޕް ހޯރަފުށި ބަލިކޮށްފައެވެ. ކަނޑިތީމުން ޒޯނާ ހަމައަށްވެސް ދިޔައީ ގިނަ ގޯލުތަކެއް ޖަހައިގެން، ކޮޅަށް އެންމެ ގޯލެއްވެސް ވައްދާ ނުލައެވެ.
ރޭގެ މެޗުގައި ކަނޑިތީމުގެ ގޯލުތައް ޖަހައިދިނީ އަހުމަދު ޒަމީމް، ކެޕްޓަން އިބްރާހީމް ނަދާދުގެ އިތުރުން އަހުމަދު ރިޒާން އަދި މުހައްމަދު ޝާންއެވެ. ރިޒާން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ޒޯން އެކެއްގެ ގްރޫޕް ބީގައި ހދ. ނާވައިދޫން ށ. މިލަންދޫ ބަލިކުރީ 6-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނާވައިދޫގެ އަބްދުﷲ ވިސާމް ހަތަރު ގޯލު ޖަހައިދިން އިރު، މުހައްމަދު ނާސިދު އަދި އިރުފާން މުހައްމަދު ވަނީ އެޓީމަށް ގޯލުތައް ޖަހައިދީފައެވެ. މިލަންދޫގެ ގޯލުތައް ޖެހީ ހަސަން ނާސިހް އާދަމް އަދި އިބްރާހީމް ޒާހީއެވެ.
ޒޯން ތިނެއްގައި ރޭ ކުޅުނު މެޗުތަކަށް ބަލާ އިރު، ފުރަތަމަ މެޗުގައި އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރިއާއި ކ. އަތޮޅުގެ ރަނަރަޕް ކާށިދޫ ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެ އަތޮޅުގައި ޅ. އަތޮޅުގެ ޗެމްޕިއަން ހިންނަވަރުން ކ. އަތޮޅުގެ ޗެމްޕިއަން ގާފަރާ އެއްވަރުކުރީ 3-3 ގެ ނަތީޖާއަކުންނެވެ.
ގާފަރުން ހިންނަވަރާ ދެކޮޅަށް ކުޅުނު މެޗުގައި ގާފަރުގެ ގައިސާން އަބޫބަކުރު މާހިރު ހެޓްރިކް ހެދި އިރު، ހިންނަވަރުގެ ގޯލުތައް ޖަހައިދިނީ އަހުމަދު އަވީން މުހައްމަދު އަދި އަބްދުﷲ ނަފާޒެވެ. އަވީން ވަނީ މެޗުގައި ދެ ގޯލު ޖަހައިދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ގާފަރުގެ ގައިސާންއެވެ.
ޒޯން ތިނެއްގައި މަތިވެރިއާއި ކާށިދޫ ކުޅުނު މެޗު ފޯރިގަދަކޮށް ފެނުނު އިރު، މަތިވެރިން ވަނީ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދައި ލީޑު ނަގައެވެ. އަރުޝަދު އަބްދުލް ލަތީފްގެ ގޯލާއެކު މަތިވެރިން ލީޑު ނަގައިގެން ހާފު ނިންމާލައި، ދެވަނަ ހާފުގެ ކުރީކޮޅުގައި އިސްމާއީލް ނަސީމް (ބޯވަ) ޖެހި ގޯލާއެކު އެޓީމުން ލީޑު ފުޅާވެސް ކުރިއެވެ.
މަތިވެރިއަށް މެޗުގެ ލީޑު ގެއްލުނީ ފަހު ދެ މިނެޓުގައި ކާށިދޫން ޖެހި ދެ ގޯލުންނެވެ. ކާށިދޫގެ ފުރަތަމަ ގޯލު މެޗުގެ 39 ވަނަ މިނެޓުގައި ޝައްފާން ހަލީމް ޖަހައިދިން އިރު، ފަހު ސިކުންތު ކޮޅުގައި އިލްވާން މުހައްމަދު ދެވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
ޒޯން ތިނެއްގައި ހިމެނޭ ހަތަރު ޓީމު ރޭގައި ކުޅުނު އިރު، އެ ހަތަރު ޓީމަށްވެސް ލިބުނީ ޕޮއިންޓެކެވެ.
ޒޯން ހަތަރެއްގައި ހަތަރު ޓީމު ވާދަކުރާ އިރު، އދ. އަތޮޅުގެ ޗެމްޕިއަން މާމިގިލިން، މ. އަތޮޅުގެ ރަނަރަޕް ދިއްގަރާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. މެޗު ފޯރިގަދަކޮށް ފެނުނު އިރު، މެޗުގެ 10 މިނެޓުވެސް ނުހިނގަނީސް މާމިގިލިން ވަނީ ތިން ގޯލު ޖަހައިފައެވެ. ހިސާމް ސަލީމް (ކޮކީ) ދެ ގޯލުގެ ޖެހުމުގެ އިތުރުން ދެން އެޓީމަށް ގޯލު ޖަހައިދިނީ ހައިޝަމް އަރީފެވެ.
ދިއްގަރުން ފުރަތަމަ ހާފުގައި ގޯލެއް ޖަހައި އުންމީދު ހޯދި އިރު، އެޓީމުގެ އަނެއް ދެ ގޯލު ފެނުނީ ފަހު ހާފުގައެވެ. ދިއްގަރުގެ އަހުމަދު މިދުހަތު މަހުމޫދު ދެ ގޯލު ޖެހި އިރު، އެއްވަރުކުރި ގޯލު މެޗު ނިމިނިމި އޮއްވާ ޖަހައިދިނީ ކެޕްޓަން އިބްރާހީމް ރިއްފަތެވެ.
އދ. އޮމަދޫން ޒޯން ހަތަރެއްގައި ފުރަތަމަ މޮޅު ހޯދީ، 3-2 އިން ދިއްގަރު ބަލިކޮށްގެންނެވެ. މެޗުގައި އޮމަދޫގެ އަލީ އަޒުމީ ދެ ގޯލު ޖެހި އިރު، އަނެއް ގޯލު ޖަހައިދިނީ އަހުމަދު އަހުސަމްއެވެ. މެޗުގައި މުލަކުގެ މުހިއްމު ކުޅުންތެރިޔާ ޔަސްފާދު ހަބީބު (މުލަކޭ) ކުޅެފައެއް ނުވެއެވެ. އޭނާ މެޗުގައި ނުކުޅުނީ ފުރަތަމަ ޑިވިޝަންގެ ކްލަބު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ލީގު މެޗު ރޭ އޮތުމުންނެވެ.
މުލަކުގެ ގޯލުތައް މެޗުގައި ޖަހައިދިނީ އާދަން ޝަހީމްއާއި ސުޖާން ހުސައިނެވެ.
ޖުމުލަ 91 ޓީމާއެކު ފެށި މުބާރާތުގެ ޒޯން ބުރުގައި ޓީމުތައް ވާދަކުރާނީ އަށް ޒޯނަކަށެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދާނެއެވެ. ޒޯން ބުރުގެ މެޗުތައް ރޭ ފަށާފައިވާ އިރު، ނިމޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ޒޯން ބުރުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ.
20:15 ރ. ދުވާފަރު - ބ. އޭދަފުށި (ޒޯން 2)
20:15 ލ. ގަން - ގދ. ވާދޫ (ޒޯން 6)
21:15 ސ. ފޭދޫ - މާލެގެން (ޒޯން 7)
21:15 ގއ. ކޮނޑޭ - ގއ. މާމެންދޫ (ޒޯން 6)
22:15 ތ. ތިމަރަފުށި - ތ. އޮމަދޫ (ޒޯން 5)
22:15 ދ. ކުޑަހުވަދޫ - ފ. ބިލެއްދޫ (ޒޯން 5)