ތައުލީމީ ދާއިރާ

ޓިއުޝަނަކީ އަމިއްލަ ޒިންމާއެއް! ޓީޗަރުވެސް ބެލެނިވެރިޔާވެސް ނަމަކަށް ކަމެއްކުރުން ހުއްޓާލަން ޖެހޭ!

މަރިޔަމް ޝަފާ އިބްރާހިމް

6

"ވަރަށް ގިނަ ޓީޗަރުން ބޮޑެތި އަގުތަކުގައި ގެނެވުނު. އެކަމަކު ކޮންމެ ފަހަރަކުވެސް ކުރިމަތިލާން ޖެހެނީ ހަމަ އެއް ޝަކުވާއަކާ. ކޮންމެވެސް ކަމަކާ ދިމާވެގެން ޓީޗަރަށް ނާދެވި ހުއްޓާލަން ޖެހޭނީ. ކުއްޖާއަށް ލިބޭ ވަކި ކުރިއެރުމެއް ނެތްތާނގައި ލިބޭ ގެއްލުމަކަށް މިކަން ވާން ފެށީ. ދެން ވެސް ކީއްކުރާނީ. ދަރިފުޅަށް ސުކޫލުން ދޭ ފިލާވަޅު ފަހުމުކޮށްދޭން ޓީޗަރުން ގެންނަން މަޖުބޫރު އެބަވޭ."

މިޝަކުވާ އަޑުއަހައި އަހައި މުދައްރިސުންގެ ސިކުނޑިއަށް އަސަރު ކުރާވަރު މިވަނީ ވެފައެވެ. އެއްބަޔަކު ކުރާ މިފަދަ ކަންކަމުން އެންމެނަށް އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހުމަކީ އަބަދުވެސް ކަން އޮންނަ އުސޫލެވެ. ދެރަކަމަކީ މިފަދަ ކަންކަން ކުރާ މީހުންނަށް މިއީ އެސްފިޔަޖަހާލުންހާ އަވަސް، އުޅާހަކަށް ދެމިލުންހާ ފަސޭހަކަަމަކަށް މިފަދަ ކަންތައް ހަދާލާ ކަމެވެ.

ކޮންމެ ބެލެނިވެރިޔަކުވެސް އަދި ކޮންމެ މަޔަކުވެސް، ބަފަޔަކުވެސް ފައިސާތަކެއް ހަރަދުކޮށްފައި ދަރީންނަށް ތައުލީމުހޯދައިދޭން މަސައްކަތް ކުރަނީ އޭނާ ކުރަން ޖެހޭ އަދި ކުރަން ބޭނުންވާ އެތައް ކަމެއް ގުރުބާން ކުރުމަށްފަހުގައެވެ. މަހު މުސާރަ އަތަށް އެރުމާއެކު އެންމެ ފުރަތަމަ ހޭދަ ކުރާ ކަންތައްތަކުގެ ތާވަލުގައިވެސް އެންމެ ކުރީގައި އޮންނަނީ ކުއްޖާ ނުވަތަ ކުދިންގެ ޓިއުޝަން ފީ އެވެ. މިއީ ހޭދަކުރަން ޖެހޭ އެތައް ކަމެއްގެ ކުރިއަށް ލިސްޓުގައި ހިމަނާފައިވާ ކަމެކެވެ. މިފައިސާގެ ބޭނުން ކުރާ މީހުންނަށް އެވަރު އިހުސާސް ނުވަނީ ކިއްވެގެން ކަމެއް ނޭނގެއެވެ. އެނގެން ބޭނުން ނުވަނީ ކަމެއް ނުވަތަ އެނގުމުގެ މާބޮޑު ބޭނުމެއް ނޯންނަނީ ކަމެއް ނޫނީ އެވަރަށް ކަންތަކާ ނުވިސްނާތީކަމެއް ނޫނީ އެހެން މިވެނި ކޮންކަމަކާހެދި ކަމެއް ބުނާކަށް ނެނގެވެ. އެކަމަކު ތިމާ އަނެއްމީހާގެ ފިޔަވަޅުގައި ފިޔަވަޅު އަޅާފައި އޭނާގެ އިހުސާސްތައް އަމިއްލައަށް ދެނެގަނުގަންނަހާ ހިނދެއްގައި އަނެކާ އުފުލާ ވޭނެއް ނޭނގޭނެއެވެ. ދުލުން ބުނެލަން ކޮންމެ ވާހަކައެއްވެސް ވަރަށް ފަސޭހަވާނެއެވެ. އެކަމަކު އެބުނާ އެެއްޗެއް އިހުސާސް ނުކުރާ މީހަކަށް އެއީ ކިހާ ވަރެއްގެ ކޮން ކަމެއްކަން ފަހުމު ވުމަކީ ފަސޭހަކަމެއް ނޫނެވެ. މަށަށް އެނގެއޭ ނުވަތަ ވިސްނެއޭ އިހުސާސް ކުރެވެއޭ ދުލުން ބުނެވިދާނެއެވެ. އެކަމަކު އެއީ ބުނާހާ ފަސޭހައިން އިހުސާސް ވާ ކަމެއް ނޫނެވެ.

ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް ކިޔަވައި ނުދެވިދާނެ، އުނގަންނައިދިނުމަކީ ވަރަށް ތަފާތު ހުނަރެއް!

މިކަމާ ބެހޭ ގޮތުން ބައެއް ބެލެނިވެރިންނާ ވާހަކަދައްކައިލުމުން ލިބެނީ ދާދި އެއް ކަހަލަ ޖަވާބުތަކެކެވެ. ސަތޭކައަކުން އަށްޑިހަ ޕަސެންޓަކީ ކުއްޖާއަށް ނުވަތަ ކުދިންނަށް ޓިއުޝަން ދިނުމަށް ހޭދަކުރާ ފައިސާޔާ އެކަށީގެންވާ ވަރަށް ކުއްޖާއަށް ޓިއުޝަނުން ކުރިއެރުމެއް ނުލިބޭ ކަމުގެ ޝަކުވާ ކުރި މީހުންނެވެ. ކޮންމެ ކަމެއްގެ ވެސް ދެކޮޅު އޮންނާނެ ފަދައިން މިކަމުގެވެސް ދެކޮޅު އެބައޮތް ކަމަށް ބެލެނިވެރިން ބުނެފައިވެއެވެ. ރަނގަޅު ޓީޗަރުންނާވެސް ބައްދަލުވާކަމަށާއި ބައެއްފަހަރު ވަރަށް ރަނގަޅު ޓީޗަރުން ލިބިފައިމެ ގެއްލިގެންދާކަމަށްވެސް ބުނެފައިވެއެވެ. ސަނަދުފެންވަރުގެ ސެޓްފިކެޓެއް ނެތަސް ވަރަށް މޮޅަށް އެހާމެ ފުރިހަމައަށް ކުދިންނަށް ކިޔަވައިދޭ، އުނގަންނައިދޭ ޓީޗަރުން ތިބޭކަމަށާއި ވަރަށް މޮޅު ސަނަދުތަކެއް އޮތުމާއެކުވެސް ރަނގަޅަށް ކިޔަވައިދޭން ނޭނގޭ ޓީޗަރުން ތިބި ކަމަށްވެސް ބައެއް ބެލެނިވެރީން ބުނެފައިވެއެވެ.

"ޓީޗަރުންނެއް ނޫން ގޯހީ. އަސްލު އެހާ ފަސޭހައިން ޓީޗަރަކަށްވެވޭތީ މައްސަލައަކީ. ހަގީގަތުގައި ކިޔަވައިދިނުމަކީ އުނގަންނައިދިނުމަކީ ވަރަށް ތަފާތު ހުނަރެއް. އެއީ ހުރިހާ ގޮތަކުންވެސް ކުއްޖާ ދެނެގަނެގެން ކުރެވޭ ކަމެއް. މޮޅު ސެޓްފިކެޓެއް އޮތަކަސް މޮޅު އެދުރަކަށް ނުވެވޭނެ. އަމުދުން މިހާރު އިންޓަނެޓުން ފާޑުފާޑުގެ ޕީޑީއެފްތައް ވަރަށް ފަސޭހައިން ލިބެން ހުރޭ، އެހެންވީމަ ދުވާލަކަށް އެތައް ޓީޗަރުންނެއް އުފެދޭ."

ކަންތައް ގޯހުންގޯހަށް ގޮސް ދެން ހަދާނެ ގޮތެއް ނެތް ހިސާބަށް ދިޔައިމަ ކޮންމެ ބަޔަކުވެސް އެވާހަކަ މައުޟޫއަކަށް ނަގައިގެން އެއަށް ބަހުސް ކުރުމަކީ އަބަދުވެސް ކަންހިނގާ އުސޫލެވެ. އިހަށް އޮތް ދިވެހިރާއްޖޭގައި މިއަދު ބޭނުން މިޖެހޭ ވަރަށް ގޭގައި ކިޔަވައިދޭނެ ނުވަތަ ގޭގެއަށް ގޮސް ކިޔަވައިދޭނެ މީހުން ބޭނުމެއް ނުވެއެވެ. އެހެން އޭރު ނުވާ ސަބަބަކީ ކޮބައިހެއްޔެވެ؟ އޭރު ދަރިން ގޭގައި ތިބެ ސުކޫލުން ދޭ ފިލާވަޅުތައްދަސްކޮށް ހަދާނެއެވެ. ގަދަބާރުން ބުނެ ކިޔާނެ މީހަކު ގާތުގައި ހުންނާކަށް ނުޖެހެއެވެ.

މިހާރުގެ ހާލަތު ތަފާތެވެ. ކުއްޖާ އަމިއްލަ އާއިލާގެ މީހަކު ކިޔާ އެއްވެސް އެއްޗެއް ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. 'ޓީޗަރު' ބުނީމަ ނޫނީ އެއީ ރަނގަޅު ވާހަކައަކަށް ނުވެއެވެ. ހަމައެގޮތަށް ގޭގައި ތިބޭ މީހުން ބުނީމަ ފިލާވަޅު ދަސްކޮށް ހަދާކަށް ބޭނުމެއް ނުވެއެވެ. އެމީހުންނަކަށް ކުދިން ފޮތްތަކުގެ ތެރެއަށް ގެންދެވޭކަށް ނޯވެއެވެ. ނަތީޖާއަކަށް ވަނީ ޓިއުޝަން ދޭން މީހަކު ގެންނަން މަޖުބޫރު ވުމެވެ. ހަމައެގޮތަށް މީގެ ކުރިން ކުދިން ގޭގައި ބައިތިއްބާފައި ފިޅާވަޅު ދަސްކޮށް ހަދަން ބުނެފައި ވަޒީފާއަށްވެސް ދެވެއެވެ. އެކަމަކު މިހާރު އެހެން ހެދޭކަށް ނޯވެއެވެ. ޓިއުޝަނަށް ލާފައި ނޫނީ ވަޒީފާއަކަށް ނުދެވެއެވެ.

މިކަމުގެ ފެށުން އައީ ކުދިން ގެއިން ބޭރުގައި ބެއިިތިއްބުމުގެ އާދަ ބައެއް ބެލެނިވެރިން ގެންގުޅެން ފެށީމައެވެ. ކަނޑައެޅިގެން ވަކި ތަނަކަށް ދާގަޑީގައި ކުއްޖާ ބަލަހައްޓާނެ ތަނަކަށް ޓިއުޝަން ދޭ ތަންތަން ހެދުމަކީ ބައެއް މީހުންނަށް ވިސްނައިނުލައި ކުރެވުނު ކަމެކެވެ. ހަމަމިގޮތަށް ބައެއް ކުދިންގެ ހޯމްވޯކް ހެދުވުމަށް ކުއްޔަށް ހިފާ ބަޔަކަށްވެސް ޓީޗަރުން ވެފައިވެއެވެ. މިކަންތައް އާންމުވެގެން ދިޔައީ، އެންމެ ބޮޑަށް މިކަންތައް ގިނަވެގެން ދިޔައީ ދާދިފަހުން ލޮކްޑައުން ތެރޭގައެވެ. ކުދިން އޮންލައިންކޮށް ކިޔަވަން ޖެހުމުން ބައެއް ކުދިން ކިޔެވުމާ ދުރުވެ ގޭގެ މަސައްކަތްތައް، ފިލާވަޅުތައް ހުންނަނީ ނުނިންމައި ގިނަވެފައެވެ. އެތައް ބައިވަރު ފިލާވަޅުތައް މަތިމައްޗަށް ބޯވެގެން ދިއުމުން އެކަމާ ބެލެނިވެރިން ހަދާނެ ގޮތެއް ނެތި އެމަސައްކަތް ކުރުވުމަށް ޓީޗަރުން ހޯދާފައިވެއެވެ.

"ބެލެނިވެރިން ބުނޭ ހެވޭ ކިތަންމެ ބޮޑު އަގެއް ދޭން ޖެހުނަސް، ހުރިހާ ހޯމްވޯކްތަކެއް ނިންމުވާށޭ ބޭނުންވަނީ، އަނެއްހެން އިތުރަށް މާބޮޑަށް ބުނެނުދިނަސް ދަރިފުޅު ވަރަށް މޮޅުވާނެއޭ. މައްސަލައަކީ ލިޔަންވީމަ ފޫހިވާތީއޭ، އެހެންވެ ޓީޗަރާއި ދެމީހުންވެގެން ހޯމްވޯކްތައް ނިންމާލެވޭނެ ނޫންހޭ. ކުލާސް ޓީޗަރ އޮތީ އަންގާފައޭ މިއަންނަ އާދީއްތައަށް ހުރިހާ ހޯމްވޯކްތައް ނުނިންމައިފިއްޔާ ބެޖެއް ފުލީއެޗީވްޑް ނުދެވޭނެއޭ." މިއީ ޓީޗަރަކު އޭނާގެ ދުލުން ފާޅުކުރި ހަގީގަތެކެވެ.

ބައެއް ފަހަރު ކަންތައް ދިމާވާ ގޮތުން ޓީޗަރުންނަށް ހުތުރު ބަސް ނޫނި ހައްގުނުވާ މީހުންނާ ދިމާއަށް ބަސް އަންނަ ގޮތް ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މިފަދަ ކަންކަމުގައި އިހުމާލުވާ ގިނަ ފަރާތްތަކެއް ވެއެވެ. ބައެއް ފަހަރު ޓިއުޝަން ކުލާސްތައް ހުޅުވާފައި އެތަނަށް މުވައްޒަފުން ހޯދައި ވަރަށް މޮޅަށް އިޝްތިހާރު ކުރާނެއެވެ. މިފަދަ އެތައް ކަންތަކެއްކޮށްފައި ބެލެނިވެރިންގެ އަތުން ފައިސާތަކެއް ނަގައި ދަރިވަރުން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަންދީ އަވާމެންދުރެއްހެން ކިޔަވައިވެސްދޭނެއެވެ. ދެން ކުއްލިއަކަށް ތަން ބަންދުކޮށްލާނީ އެންގުމެއްވެސް ނެތި އެމަހުގެ ފީނެގުމާއެކު ކަހަލަ ގޮތަކަށެވެ. މިފަދަ ކަންތައް ދިމާވެ، ކުދިންގެ ބެލެނިވެރިން މާޔޫސްވެ ހަދާނެ ގޮތެއް ނޭނގިގެން އުޅެން ޖެހޭ ހިސާބަށް ކަންތައްދާ ފަހަރުވެސް މަދެއް ނޫނެވެ.

ހަމައެކަނި ފައިސާ ހޯދުމުގެ ނިޔަތުގައި މިވަރުގެ ކަމެއް ކުރާކަށް ނުވާނެ، ހަވާލުވެވެނީ ވަރަށް ބޮޑު އަމާނާތަކާ!

ގްރޭޑް ހަތެއް، އަށެއް، އަދި ނުވައެއްގެ ކުދިންގެ ބެލެނިވެރިންތަކެކެވެ. ޓިއުޝަނަށް ފޮނުވާތާ އެތައް ދުވަހެއްވީފަހުން ނެގި ޓާމް ޓެސްޓުގެ ނަތީޖާގެ ވާހަކަ ދެއްކީ ރޮވޭ ހާލުގައެވެ. ކުދިންގެ ޓިއުޝަނަށް މިސެންޓަރުން ޓެސްޓާ ދިމާވީމަ އިތުރު ކުލާސްތަކެއް ގެންދަނީކަމަށް އެންގީއެވެ. އޭރު އެމަހުގެ ފީ އޮތީ ދައްކައި ނިމިފައެވެ. އެކަމަކު ޓެސްޓަށް ތައްޔާރު ކުރަން ބޭނުންވާތީ އެކުލާހުގައި ބައިވެރި ކުރީއެވެ. ދެ ބެލެނިވެރިއަކު ބުނިގޮތުގައި ހަގު ކުދިން ޓިއުޝަނަށް ނުފޮނުވައި ދޮށީ ކުދިންގެ އިތުރު ކުލާހަށް ފީ ދެއްކީއެވެ.

މަހުގެ ފަހަތަށް ގޮސްފައި އޮތުމުން ވަރަށް ދަތިވިނަމަވެސް އެންމެންވެސް މިކަމަށް ކޮންމެވެސް ގޮތަކުން ފައިސާ ހޯދައި ކުދިން އިތުރުގަޑިއަށް ފޮނުވިއެވެ. އިމްތިހާނުގެ ނަތީޖާ ވަރަށް ކާމިޔާބު ވާނެކަމުގެ ނުހަނު ފޮނި އުއްމީދުގައި ތިބި ބެލެނިވެރިންގެ ކަރުގައި ޅިޔަ އެޅުނުކަހަލައެވެ. ޓެސްޓު ޕޭޕަރު ލިބުމުން ކަކުލުހުޅުން ދޫވާވަރުވިއެވެ. މިޓިއުޝަން ސެންޓަރަށް ދާ ހުރިހާ ކުދިންގެ ބެލެނިވެރިން އެއްވަގުތެއްގައި އެއްތާކުން ބައްދަލުވާތީ މިކަން ވަރަށް ސާފުކޮށް އެނގުނެވެ. ޓީޗަރު ދިނީ ވަރަށް މޮޅު ޖަވާބެކެވެ. އެއްކުއްޖަކާ ބެހޭ ގޮތުން ބުނެލީ "ކިޔަވަން ނޫޅެންޏާ އަހަރެމެން ކޮންމެ އެއްޗެކޭ ކިޔަސް ވާނެގޮތެއްނުތީ!" މިހެންނެވެ.

އަނެއްފަހަރު ދެން އާލާކޮށްދިން އުއްމީދަކީ ޕޭޕަރުން ލިބޭ ވަރަށްވުރެ ރިޕޯޓުފޯމުން ލިބޭވަރު ބޮޑުވާނެ ކަމަށެވެ. އަނެއް މަހަށް ފެށުނު ދުވަހަށް ވުމުން ފެށޭ މަހަށް ފީވެސް ދެއްކި ބެލެނިވެރިން ގިނައެވެ. ކޮންމެއަކަސް ރިޕޯޓުވެސް ލިބިއްޖެއެވެ. އެކުލާހަށް ޓިއުޝަނަށް ދިޔަކުދިންގެ ތެރެއިން ހަމަ އެންމެ ދެތިންކުއްޖަކު ފިޔަވައި ހުރިހާ ކުދިން ހުރިހާ މާއްދާއަކުން ފެއިލިވީއެވެ. އެރޭ ހުރިހާ ބެލެނިވެރިން ކުދިން ގޮވައިގެން ދިޔަތަނުން އެކަކު އަނެކަކާ މިއެންމެން ބައްދަލުވެ ވާހަކަ ދެކެވުނެވެ. ކުލާސް ހުޅުވަންދެން ތިބެތިބެ ބައިގަޑިއިރުވީއިރުވެސް ކުލާހެއް ނުހުޅުވައެވެ. ތަނުގެ ވެރިފަރާތަކީ ކިޔަވައިދޭވެސް ފަރާތެވެ. ދެން އިތުރަށް އެތަނުގައި މަސައްކަތް ކުރަމުން ދިޔައީ ކުޑަކުދިންގެ ޓީޗަރެއްކަމަށްވެއެވެ. އެހިސާބުން އެތަން ބަންދުކޮށްލީއެވެ. ބާރަވަރަކަށް ދަރިވަރުން އެއްފަހަރާ ފެއިލިވުމުން މާނަކޮށްދެނީ ކޮންކަމެއްބާވައެވެ؟

ކޮންމެއަކަސް މިފަދަ ކިތަންމެ ކަމެއް މިއަދު މުޖުތަމައުގެ ތައުލީމީ ދާއިރާގެ ތެރޭގައި ހިނގަމުން އެބަދެއެވެ. ޓިއުޝަންތަކާ ބެހޭ ގޮތުން އެޑިއުކޭޝަނުން ނެރެފައިވާ ގަވާއިދުތައް ހަރުކަށި ނަަމަވެސް ރަނގަޅުކަމަށް ދެކޭ މީހުން ގިނައެވެ. އެގޮތުންވެސް ޓީޗަރުން ފެންވަރު ރަނގަޅު ހަރުދަނާ ގޮތަކަށް ބަދަލުވެއްޖެނަމަ އެކަމުން ވާނެ ފައިދާތައް ގިނައެވެ. އެކި ގޮތްގޮތަށް ކުދިންނަށް ކިޔަވައިދިނުމަށް ބެލެނިވެރިން ކުރާ ހޭދައާއި ވާ ގުރުބާނީގެ އަގު ވަޒަން ކުރަން ޖެހޭ އެންމެ މުހިންމު ބަޔަކީ ދަރިވަރުންނެވެ. ތިމާމެނަށްޓަކައި ތިމާމެންގެ އާއިލާއިން އެތައްކަމެއް ފަހަތަށް ޖައްސާލުމަށްފަހު ކިޔެވުމަށް ކުރަމުން އަންނަ ހަރަދުތަކުގެ އަގު ވަޒަންކޮށް އެމީހުނަށް ރީތި، ރަނގަޅު ނަތީޖާއެއް ގެެނެސްދިނުމަކީ ދަރިވަރުންގެ މައްޗަށް އޮތް ވާޖިބެއްމެއެވެ.

ހަމައެހެންމެ، ފައިސާ ހޯދުމުގެ ނިޔަތުގައި ކަމެއްކުރީމޭ ބުނުމަށް، ހަމައެކަނި ނަމަކަށް، މިހާބޮޑު ޒިންމާއެއް ބޮލުގައި ނާޅާށެވެ. ތިމާއާއި ހަވާލުވެވެނީ ވަރަށް ބޮޑު އަމާނާތެއްކަން ދަންނާށެވެ. ޓީޗަރުންނަށް ބޭނުންވެގެން ބަޔަކު އާދޭސް ކުރިއަސް، އެފަދަ މަޖުބޫރު ބައެއްގެ ނާޖާއިޒު ފައިދާ ނުނަގާށެވެ! ތިމާއަށް ނުއުފުލޭވަރުގެ ޒިންމާއަކާ ހަވާލުނުވާށެވެ! އަދި ދަރިވަރުންނާ ބެހޭ ގޮތުން ބެލެނިވެރިންނަށް ދޮގު ތަސައްލީ ނުދޭށެވެ! އޭގެ ސަބަބުން ލިބިދާނެ ގެއްލުން އިހުސާސްވެސް ނުކުރެވޭނެއެވެ. މުޖުތަމައުގެ މަސްލަހަތު އޮތީ ޓީޗަރުން ތެދުނިޔަތަކާއެކު މަސައްކަތްކޮށްގެންނެވެ. ޓިއުޝަނަކީ ތިމާ އަމިއްލައަށް ކޮނޑުގައި އަޅާ އަމިއްލައަށް ހަވާލުވާ ޒިންމާއެކެވެ. ބުރަ މަސްއޫލިއްޔަތެކެވެ. ބެލެނިވެރިން ކުރަމުން މިއަންނަ ޝަކުވާއަށް ނިމުމެއް ގެނެވޭނީ ހިތްވަރުކޮށްފައި ތިމާގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްގެންނެވެ. ތިމާ ކަމެއް ކުރީމޭ ބުނާ އުސޫލުން މިފަދަ ބޮޑުޒިންމާތަކުގައި އަމަލު ބަހައްޓައިފިނަމަ ގައުމުގެ މުސްތަގުބަލު އޮންނާނީ އަނދިރީގެ ތެރެއަށް ގެނބިފައެވެ. އެހެންކަމުން ފިޔަވަޅު އެޅުމުގެ ކުރިން ރަނގަޅަށް ވިސްނާލާށެވެ.

ހަމަ އެހެންމެ އެންމެ ރަނގަޅު، ޓީޗަރު، އެންމެ ރަނގަޅު ޓިއުޝަން ސެންޓަރު ދެނެގަތުމަށް ޓަކައި ބެލެނިވެރީންނަށް ވެސް ކުރެވިދާނެ ބައެއް ކަންކަން ހުންނާނެ އެވެ. ހަމަ ތާކު ތަނެއް ތަނެއް ހުޅުވާއިރަށް ކުދީން ފޮނުވުމުގެ ބަދަލުގައި، އެތަނެއްގައި ތިބޭ ޓީޗަރުން ދެނެގަތުމަށް އަމިއްލަ ހޯމްވޯކެއް ހެދުމާއި ދަރިފުޅު ވަކި ޓީޗަރެއް ކައިރިޔަށް ފޮނުވާ ނަމަ އެމީހެއްގެ ހޯމްވޯކް ވެސް އަމިއްލަޔަށް ހެދުމަކީ ނަތީޖާ ނެރުމަށް މުހިންމު ކަމަކަށް ވާނެ އެވެ. އެހެން ނޫނީ ޓީޗަރަށް ވެސް އަދި ބެލެނިވެރިޔާއަށް ވެސް ކުރެވޭނީ ނަމެއްގައި ކަމެކެވެ. އެކަމުގައި ނަތީޖާއެއް ނޯންނާނެ އެވެ.