ސަރުކާރުގެ ސްކޫލުތަކުގައި އޭލެވެލަށް ކިޔެވުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަންނަ ބުދަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އުމުރުން 16 އަހަރު ފުރި 17 އަހަރު ނުފުރޭ ދަރިވަރުންނަށް ވަދެވޭނެ ހުށަހެޅޭނެ ކަމަށެވެ. އަދި އުމުރު ހަމަވި ނަމަވެސް ގްރޭޑް 10 ނިންމައި، ގްރޭޑް 11 އަށް ވަނުމަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އޭލެވެލް ކިޔެވޭނެ ޝަރުތުތަކުގެ ގޮތުގައި ބަލާނީ އޯލެވެލް އިމްތިހާނާއި ބީޓެކްގެ ނަތީޖާއަށް ކަމަށެވެ. އެގޮތުން ދެ އިމްތިހާނުގެ ތެރެއިން އެއް އިމްތިހާނުން ތިން މާއްދާ އިން ނުވަތަ ފަސް މާއްދާއާ ހަމައަށް ފާސްވާ ދަރިވަރުންނަށް ކުރިމަތިލެވޭނެ ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން ވަނީ އޭލެވެލް އިމްތިހާނު ހަދާ ކުދިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ އަހަރު ކްރައިޓީރިއާއަށް ބަދަލުތަކެއް ވެސް ގެނެސްފައެވެ.

އެގޮތުން އެކަޑެމިކް ސްޓްރީމާއި ސްކޫލްގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިއުކޭޝަނާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމްތަކުގެ ނަތީޖާއަށް ބަލައި އޭލެވެލްއަށް ވަދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.