ރާއްޖޭގެ ތައުލީމީ މުގައްރަރު މުރާޖައާކޮށް، ގްރޭޑް 1 އިން 3 އަށް ދިވެހި، އިސްލާމް އަދި ހިސާބު ކިޔަވައިދޭ ވަގުތު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އަމީނިއްޔާ ސްކޫލުމުގެ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ މިހާރު ސްކޫލްތަކުގައި ބޭނުންކުރަމުންދާ 2015 ވަނަ އަހަރުގެ މުގައްރަރަށް މިހާތަނަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވާ ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ދަރިވަރުންގެ ނަތީޖާއަށް އައި ބަދަލުތަކަށާއި ޒަމާނީ ކުރިއެރުންތަކަށް ބަލާއިރު، މުގައްރަރު އަލުން ތަރުތީބުކުރުން މިހާރު ވަނީ މަޖުބޫރުވެފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
."އަޅުގަނޑުމެން މި ދަނީ ލިބުނު ނަތީޖާތަކުގެ މައްޗަށް ބަލާފައި ރިވިޝަންތަކެއް ހަދަމުން. އުއްމީދަކީ އަންނަ އަހަރު މި ބަދަލުތައް ތައާރަފުކުރުން،" ޝަފީއު ވިދާޅުވިއެވެ.
"މިހާރަށް ވުރެ ގިނަ ވަގުތު ދިވެހި މާއްދާ ކިޔަވަން. މިހާރަށް ވުރެ ގިނަ ވަގުތު އިސްލާމް މާއްދާ ކިޔަވަން. މިހާރަށް ވުރެ ގިނަ ވަގުތު ހިސާބު މާއްދާ ކިޔަވަން. އަދި ކުދިންގެ އެކިއެކި ބަސްތައް ދަސްކުރާ ވަގުތުވެސް އިތުރު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިދަނީ މަސައްކަތް ކުރަމުން،"
މިނިސްޓަރު ވިދާޅުވީ ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ސަބަބުން ކުދިންގެ ވިސްނުމަށް ކުރާ ނުފޫޒުތަކުން ސަލާމަތްކުރުމަށްޓަކައި، ބެލެނިވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭ ކަމަށެވެ. ކުދިންނަށް އަޅާލުމާއި ތަރުބިއްޔަތު ދިނުމުގައި ގޭތެރޭގެ މާހައުލަކީ އެންމެ މުހިއްމު ތަން ކަމަށާއި، ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމަށް ޝަފީއު ވިދާޅުވިއެވެ.
ދަރިވަރުންނަށް އެހީތެރިކަން ބޭނުންވާ ދަނޑިވަޅުތަކުގައި ބެލެނިވެރިންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، އެފަދަ ކަންކަން އިސްލާހުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
މުހައްމަދު އިޝާން
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ކޮމެންޓް