ޚަބަރު

އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދަށް ދައުވަތު ދީފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް، ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަަބްދުއްރަހީމް އަބްދުﷲ ދެއްވައިފިއެވެ.

އަދުރޭ، ނަޝީދަށް ދައުވަތުދެއްވާފައި މިވަނީ އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިނުވުމަށް ޕީޕީއެމްގެ މެމްބަރުންނަށް ނަޝީދު ގޮވާލައްވައި ޓްވީޓް ކުރެއްވުމުންނެވެ.

އެކަމަށް ރައްދުދެއްވައި އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ގެންދިއުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ދެކޮޅަށް ނަޝީދުވެސް ތެދުވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ނަޝީދަށް: މަނިކުފާނުވެސް ހިއްސާވާ، ރައީސް ސޯލިހުގެ ސަރުކާރުން ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލައި އަވަށްޓެރި އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް ގައުމު ގެންދިއުމަށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ފާޅުގައި ތެދުވެ ވަޑައިގެން ދެއްވުމަށްނުހަނު އިހުލާސްތެރިކަމާއެކު ދަންނަވަން،" އަދުރޭ ވިދާޅުވިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން، އިންޑިއާއާ ދެކޮޅަށް ހިންގަވާ ހަރަކާތަކީ ރައްޔިތުންގެ ތާއީދުނެތް، އަދި ދިވެހިންނަށް އޭގެ ގެއްލުން ލިބޭނެ ހަރަކާތެއް ކަމަށެވެ.

"ޕީޕީއެމްގެ މެމްބަރުން ކިބައިން ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަނޑު އެދެނީ ގައުމަށްޓަކައި އިދިކޮޅު ހަރަކާތުގައި ބައިވެރިވެނުލެއްވުމަށް،" ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.

ނަޝީދު ވަނީ މީގެ ކުރިންވެސް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެހަރަކާތުގެ ސަބަބުން ދެގައުމުގެ ގުޅުމަށް ބުރޫ އަރައި ރާއްޖެއަށް ގެއްލުން ވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން އިސްވެހުންނަވައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް މާލޭގެ އިތުރުން އަތޮޅު ތެރޭގައި މިހާރު އަންނަނީ ހިންގަމުންނެވެ. އެގޮތުން އދ. މަހިބަދޫގައި މިއަދު ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީން ވަނީ މިހާރު އެރަށަށް ވަޑައިގެންފައެވެ.