ކުޅިވަރު

ގަމާއި އޭދަފުށި އަދި ތިމަރަފުއްޓަށްވެސް އަތޮޅު ޗެމްޕިއަންކަން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ލ. އަތޮޅުގެ ޗެމްޕިއަންކަން ގަމުން، ބ. އަތޮޅުގެ ޗެމްޕިއަންކަން މުބާރާތުގެ އެންމެފަހުގެ ރަނަރަޕް ޓީމު އޭދަފުށިން އަދި ތ. އަތޮޅުގެ ޗެމްޕިއަންކަން މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން ހޯދައިފިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ރޭ ނިމިފައިވާ އިރު، ލ. އަތޮޅުގެ ޗެމްޕިއަންކަން ގަމުން ހޯދީ ފަހަތުން އަރައި 2-1 އިން އިސްދޫ ބަލިކޮށްގެންނެވެ. ރޭގެ މެޗުތަކަށް ނުކުތް އިރު، ލ. އަތޮޅުން ޗެމްޕިއަންކަމަށް ފުރުސަތު އޮތީވެސް އިސްދޫ އާއި ގަމަށެވެ. އެ އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުގައި މާމެންދޫ ކައިރިން ކަލައިދޫ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ލ. އަތޮޅުން މުބާރާތުގައި ބައިވެރިވީ ހަތަރު ޓީމެވެ.

އެންމެފަހުން ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުނު ގަމުން، އިސްދުއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިސްދޫން ވަނީ ލީޑު ނަގައިފައެވެ. ގަމު ޓީމުގެ ފަހަތުން ހުސްވާ ޖާގަތަކުގައި ބޭނުން ހިފައި އިސްދޫން ކައުންޓާގައި ގަމަށް ނުރައްކާ ކޮށް، މެޗުގައި ލީޑު ނެގީ އަލީ މީސާގް ޖެހި ގޯލުންނެވެ.

އެ ގޯލާއެކު އިސްދޫން ލީޑުގައި ކުޅެމުން ދިޔަ ނަމަވެސް ދެވަނަ ހާފަށް ނުކުމެ ގަމުން ތަފާތު ދެއްކިއެވެ. ހާއްސަކޮށް ގަމުން ޖެހި މޮޅު ދެ ގޯލު ފާހަގަވިއެވެ. ގަމުން މެޗު އެއްވަރުކުރި ގޯލު ޖެހީ ފައިނަލުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ ޝާމިސް (ތޮއްޕޭ) އެވެ. ތޮއްޕޭ އަރިމަތިން ކުރިއަށް ޖެހި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ގަމުގެ ދެވަނަ ގޯލު ޖެހީ ޒައިދާން އަބްދުﷲ (ޒައިއްކޮ) އެވެ. ޒައިއްކޮގެ ގޯލަކީ ހާފުގެ މެދާ ހަމައިން ތިރިތިރީން ގޯލުގެ ކަނަށް އޭނާ ފޮނުވާލި ބާރު ހަމަލާއެކެވެ. ލ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އިސްދޫ ޓީމުގެ މީސާގެވެ.

އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން ރޭގެ ފައިނަލަށް ނުކުތީ އޮމަދުއާ ދެކޮޅަށެވެ. މެޗު ތިމަރަފުށިން 4-1 އިން ކާމިޔާބު ކޮށްފައިވާ އިރު، ފުރަތަމަ މިނެޓްގައި އިސްމާއިލް މުނީޒް ޖެހި ގޯލުން ތިމަރަފުށި ލީޑުވެސް ނެގިއެވެ. އޭގެ ފަހުން އާދަމް ނާސިހު (އާދަންނާ) އާއި އިބްރާހިމް އަސްވަދު (ގަބޭ) އަދި އަލީ ޝިފާއު (ރޮނާ) ޖެހި ބޯޅަތައް ނާކާމިޔާބުވި އިރު، އޮމަދޫން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އަހުމަދު ޔާޒީ ނާޒިމް ޖެހި ގޯލަކުންނެވެ.

އޮމަދުއަށް އެ ލީޑުގައި މާ ގިނައިރު ނުހިފެހެއްޓުނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާދަންނާ ޖެހި ބާރު ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެން ތިމަރަފުށިން އަލުން ލީޑުނެގިއެވެ.

ދެ ވަނަ ހާފުގައި ތިމަރަފުށިން އިތުރު ދެ ގޯލު ޖެހިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އާދަންނާ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. މިއީ ތިމަރަފުށީގެ ހަތަރުވަނަ ގޯލު ޖެހީ ގަބޭއެވެ. ތ. އަތޮޅުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ މުނީޒެވެ.

ބ. އަތޮޅުން މުބާރާތުގައި ތިން ޓީމު ބައިވެރިވެފައިވާތީ ޗެމްޕިއަން ހޮވީ ތިން ޓީމު ލީގު ބުރެއް ކުޅެގެންނެވެ. އޭދަފުށި ތަށި އުފުލާލީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ރޭ ހިތާދޫ އަތުން އޭދަފުށި މޮޅުވީ 6-0ގެ ނަތީޖާއަކުންނެވެ.

އޭދަފުށީގެ ގޯލުތައް ޖެހީ ހާފިޒް އަހުމަދާއި ކެޕްޓަން އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ)، އަލީ ނަސީމް، އަބްދުﷲ ފާސިރު އާއި މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. ހާފިޒް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، ދެ ގޯލު ޖަހައިދީފައެވެ. ބ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮބީއެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ނިމިފައިވާއިރު، ޒޯން ބުރު ފަށާނީ ހޯމަ ދުވަހުގެރޭގައެވެ.