އެމްޑީޕީގައި ދެ ފެކްޝަން އުފެދިފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ސޯލިހާ ހިޔާލު ތަފާތުވެފައިވާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން ބޭނުންވާ ވަރަށް ވޯޓު ހަމަވާނަމަ، ރައީސް ސޯލިހު އެ މަގާމުގައި ހުންނެވުމާ މެދު މިހާރު ޝައްކު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްލާއީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މެންބަރު އިސްމާއީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. އެ ބިލަށް ބަހުސް ކުރުމުގެ ބަދަލުގައި މިއަދުވެސް މަޖިލިސް ތަޅުމުގައި ކުރިއަށްދިޔައީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާ ގުޅިގެން ވާދަވެރިކަން އުފެދިފައިވާ ދެ ކެންޑިޑޭޓުންގެ ބަހުގެ ހަމަލާތަކެވެ.
ޗެއާޕާސަން އިންތިހާބުގައި މެންބަރު އިސްމާއީލް ތާއީދުކުރައްވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ނިސްބަތްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށެވެ.
މިއަދުގެ މަޖިލިސް ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ޗެއާޕާސަން ކެންޑިޑޭޓް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއީދުކުރައްވާ މެންބަރުން ވަނީ ސަރުކާރާއި ފައްޔާޒުގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައިފައެވެ.
އެގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ތަހުގީގަށް ސަރުކާރުގެ އެއްބާރުލުން ހޯދުމަށް އުނދަގޫތައް ދިމާވި ކަމަށާއި، އިކޮނޮމިކް މިނިސްޓްރީގައި ކޮރަޕްޝަން ހިންގާ މައްސަލަތައް ނުބެލޭ ކަމަށް އިންތި ތުހުމަތުކުރެއްވިއެވެ. އަދި ކޮވިޑް 19 ގެ ވެންޓިލޭޓަރު މައްސަލަ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމުގެ މައްސަލައިގައި ސަރުކާރުން ކަންތައް ކޮށްފައިވަނީ ކަންބޮޑުވާ މިންވަރަށް ކަން ފާހަގަކުރައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވަނީ ތުހުމަތުތަކެއް ކުރައްވައިފައެވެ.
އޭގެ އިތުރުން ސިވިލް ސާވިސްއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަން ފާހަގަކުރައްވައި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު ފަސްކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ވޯޓު ދިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންމެ މެނަބަރަކަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކުރެއްވިއެވެ. އޭގެ އިތުރުންވެސް އިންތިއަށް ތާއީދުކުރާ މެންބަރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް ކޮށްފައެވެ.
އެ ތުހުމަތުތަކަށް ރައްދުދެއްވަމުން މެންބަރު އިސްމާއީލް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ނުގޮވާހާ އެއްޗެހި އެމްޑީޕީ މެންބަރުން ސަރުކާރާއި ރައީސް ސޯލިހަށް ގޮވައިފި ކަމަށެވެ.
އޭނާ ވިދާޅުވީ، އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ރައީސް ސޯލިހު ރައްޔިތުންނާ އެއްކޮޅަށް ދީލާލައި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅި މައްސަލައިގައި، ރައީސް ފިނޑިއަކަށް ހެއްދެވީ އެމްޑީޕީގެ އެ މެންބަރުން ކަމަށެވެ.
ލޮނުޒިޔާރަތްކޮޅު އަޑިޕާކުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ހެދުމުގައި މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ތުހުމަތުކުރި ކޮރަޕްޝަންގެ މައްސަލަ ހުއްޓުވީ ހަމަ ސީދާ އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ތިއްބެވި ބައެއް މެންބަރުންގެ ނުފޫޒުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަ ސަރުކާރުން ބަލަމުން ގެންދަނިކޮށް އެކަމާ ބެހޭ އެންމެހާ ލިޔެކިޔުންތައް މަޖިލީހަަށް ގެނެސް، ގާތް ބޭބޭފުޅުން އެ ލިސްޓުން އުނިކޮށް އެ ސަކަރާތް ޖެހީވެސް ޕީޖީ ގްރޫޕުގެ ބައެއް މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ.
ހަމަ އެގޮތަށް ސަރުކާރުން މަޖިލީހަށް ފޮނުވި ނަފްރަތުގެ ބިލު އެ އޮތްގޮތަށް ފާސްކުރަން އެ މެންބަރުން ވިއްދާފައި ތިބި ނަމަވެސް އެ ބިލަށް ރައްޔިތުން އެދުނު ބަދަލު ގެންނަން ރައީސް އަމާޒުކުރެއްވި ހިސާބުން އެމަނިކުފާނަކީ، ފިނޑިއެއް ކަމަށް ހައްދަވައި މަޖިލީހުގައި ވާހަކަ ދެއްކެވީވެސް ހަމަ އެ މެންބަރުންކަަން އޭނާ ވިދާޅުވިއެވެ.
"އެބޭފުޅުން މި ސަރުކާރަށް ޖެއްސުންކުރަން، ކޮށްފަ ނުކުރާނެ ކަމެއް ނެތް، މާތް ރަސްކަލާނގެ އިރާދަފުޅާއި މި ގައުމުގެ ރައްޔިތުންގެ ހައްގުގައި މި ގައުމަށްޓަކައި ނުވެ އޮތް ކަަމަކީ އެބޭފުޅުން ބޭނުންވާ އަދަދަށް މި ޕާލަމެންޓްގައި ވޯޓު ހަމަނުވަނީ. ވޯޓު ހަމަވާ ވަރަށް އެބޭފުޅުންނަށް ވޯޓު އޮތްނަމަ މިއަދު ރައީސް އައްޔަންކުރެއްވި އެއްވެސް ވަޒީރަކު ވެސްް ނުހުންނާނެ އަދި ރައީސުލްޖުމްހުރިއްޔާ ވެސް އެމަގާމުގައި ހުރުމާމެދު ޝައްކު އުފެދޭ މިންވަރަށް އެބޭފުޅުން ވާހަކަ ދައްކައި ވަގު ބަދުނާމް އަޅުވައި ކަންކަންކޮށްފި." މެންބަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު