ކުޅިވަރު

މާމެންދުއާއި ކޮނޑޭ ގއ. އަތޮޅު ފައިނަލަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ގއ. އަތޮޅުގެ ފައިނަލަށް ކޮނޑޭއާއި މާމެންދޫ ދަތުރުކޮށްފިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ނިމުމަކާ ގާތްވެފައިވާ އިރު، ރޭ ވަނީ ގއ. އަތޮޅުގެ ދެ ގުރޫޕުގެ އެންމެ ފަހު މެޗުތައް ކުޅެފައެވެ. ގއ. އަތޮޅުގެ އަށް ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، ފައިނަލަށް ޓީމުތައް ދިޔައީ ދެ ގުރޫޕަކަށް ކުޅެގެންނެވެ. ރޭ ގއ. އަތޮޅު ހަތަރު މެޗު ކުޅެފައިވެއެވެ. ރޭގެ މެޗުތަކަށް ނުކުތް އިރު، އެއްވެސް ގުރޫޕަކުން ފައިނަލަށް ދާ ޓީމު ޔަގީން ވެފައެއް ނުވެއެވެ.

ގއ. އަތޮޅު ގުރޫޕް އެކެއްގައި ރޭ ކުޅުނު މެޗުތަކަށް ބަލައި އިރު، ކޮނޑޭއާއި ކަނޑުހުޅުދޫ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ފައިނަލުގެ އުންމީދު އެންމެ ބޮޑުކޮށް އޮތް ކޮނޑޭއިން މެޗުން ހޯދި ޕޮއިންޓާ އެކު އެޓީމުން ވަނީ ފައިނަލް ޔަގީންކޮށްފައެވެ. އަނެއްކޮޅުން ގުރޫޕް ދޭއްގައި މާމެންދޫ ފައިނަލް ޔަގީންކުރީ ރޭ ދާންދޫއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރު ކޮށްގެންނެވެ.

ރޭގެ މެޗުތަކަށް ނުކުތް އިރު، ދާންދޫއާއި މާމެންދޫއަށްވެސް ފައިނަލްގެ ފުރުސަތު އޮތް އިރު، މާމެންދޫއަށް އޮތީ އެއްވަރު ކޮށްލައިގެންވެސް ފައިނަލަށް ދެވޭނެ ފުރުސަތެކެވެ. މެޗު އެއްވަރުކޮށް މާމެންދޫން ފަސް ޕޮއިންޓާ އެކު ފައިދާ ހަ ގޯލު ހަމަކުރި އިރު، ދާންދޫއަށް ފައިނަލް ގެއްލުނީ ފައިދާ ތިން ގޯލެއްގެ ތަފާތުންނެވެ.

ގުރޫޕް ދޭއްގައި ރޭ ކޮލަމާފުއްޓާއި ދެއްވަދޫ ވާދަކުރި މެޗު ދެއްވަދޫން ކާމިޔާބުކުރީ 6-1ގެ ނަތީޖާއަކުންނެވެ.

ގުރޫޕް އެކަކުން ކޮނޑޭ ފައިނަލަށް ދިޔަ މެޗު ވެގެން ދިޔައީ ފޯރިގަދަ މެޗަކަށެވެ. މެޗުގެ ކުރީކޮޅުގައި ކަނޑުހުޅުދޫގެ އަލީ އަޒްވާން އަބްދުލް އަޒީޒް ގޯލު ޖަހައި ލީޑު ނެގި އިރު، ކޮނޑޭގެ އިނާމް އަހުމަދު ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގައެވެ. އެ ގޯލާއެކު ކޮނޑޭއަށް ފައިނަލް ޔަގީންކޮށް އޮތް ނަމަވެސް އަޒުވާން ވަނީ މެޗުގައި އިތުރު ގޯލެއް ޖަހައި އަނެއްކާވެސް ކޮނޑޭ ހާސްކޮށްލައިފައެވެ.

އެ ހާސްކަމުގައި ކުޅެމުން ދަނިކޮށް މެޗުގެ 39 ވަނަ މިނެޓުގައި ކޮނޑޭއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޝިފާޒް އާދިލް (ތުއްތު) އެވެ. ގުރޫޕް އެކެއްގައި ރޭ ކުޅުނު އަނެއް މެޗުގައި ނިލަންދޫން ގެމަނަފުށި ބަލިކުރީ 8-5ގެ ނަތީޖާއަކުންނެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

މުބާރާތުގައި އދ. އަތޮޅު އަދި މ. އަތޮޅު ފައިނަލް މިރޭ އޮންނާނެއެވެ. އޭގެ އިތުރުން ގްރޫޕް ސްޓޭޖުގެ މެޗުތައްވެސް އޮންނާނެއެވެ.

މުބާރާތުގައި މިރޭ އޮންނަ މެޗުތައް

އދ. އަތޮޅު ފައިނަލް

20:15 މާމިގިލި - އޮމަދޫ

މ. އަތޮޅު ފައިނަލް

21:15 މުލަކު - ދިއްގަރު

ޅ. އަތޮޅު

21:15 ހިންނަވަރު - ކުރެންދޫ

ގދ. އަތޮޅު

22:15 ހޯޑެއްދޫ - ގައްދޫ
22:15 މަޑަވެލި - ތިނަދޫ