އެއާޕޯޓު ކިޔުލައިންގައި މަޑުކޮށްގެން ތިބި ޓެކްސީތައް ފުލުހުން ބޭރުކޮށްލުމުން ޑްރައިވަރުން، ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއެކު މަޝްވަރާތައް ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ފަށައިފިއެވެ.

އެ ސަރަހައްދުގައި ހުރި ޓެކްސީ ޑްރައިވަރަކު މިރޭ "ވަން" އަށް ބުނީ މިއަދު އެއާޕޯޓު ކިޔުލައިންގައި ޓެކްސީތައް މަޑުކޮށްގެން ތިއްބައި ފުލުހުން އައިސް ސުވާލުކުރަން ފެށި ކަމަށެވެ. އެގޮތުން ސުވާލު ކޮށްފައިވަނީ ޓެކްސީތަކުގެ ދަތުރުގެ އަގާ ބެހޭ ގޮތުން ކަމަށާއި އަދި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ދަތުރު ނުކޮށްދޭ ޓެކްސީތައް ކިޔުލައިނުން ފޮނުވާލި ކަމަށެވެ.

ޑްރައިވަރު ބުނީ ފުލުހުން މީގެ ކުރިން ދުވަހަކު ވެސް އެގޮތަށް ސުވާލުކޮށް ޓެކްސީތައް ކިޔުލައިނުން ބޭރުނުކުރާ ކަމަށާއި އެހެންވެ އެކަމާ ހިތްހަމަ ނުޖެހިގެން ޓެކްސީ ސެންޓަރުތަކުގެ އިސްވެރިންނާއި މިވަގުތު ހުޅުމާލޭގައި އިސްކޮށް ހުރި ފުލުހަކާ ޑްރައިވަރުން މަޝްވަރާކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މިވަގުތު ހިންގަމުން މިދަނީ މުޒާހަރާއެއް ވެސް ނޫން، އިހުތިޖާޖެއް ވެސް ނޫން، މިއޮތީ ވަރަށް ބޮޑު ހިތްހަމަނުޖެހުމަކާ ދިމާލަށް ދެވިފަ، އެއީ މިރޭ އެއާޕޯޓު ކިޔުއަށް އެރި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުންނާ އަގުތަކާ ބެހޭގޮތުން ސުވާލުކޮށް، ވަކި އަގުތަކެއް ނެގުމާމެދު ފުލުހުން އަންގައި އެ އަގުތަކަށް އެއްބަސްނުވާނަމަ ކިޔު ދޫކޮށް ނުކުންނަން ބުނެ ބައެއް ކާރުތައް އެއާޕޯޓު ކިޔުއިން ބޭރުކޮށްލުމާ ގުޅިގެން،" ޑްރައިވަރު ބުންޏެވެ.

އޭނާ ބުނީ، ކިޔުލައިނުން ބޭރުކޮށްލި ސަބަބާއި އަގުތަކާ ބެހޭ ގޮތުން ފުލުހުން ސުވާލުކުރި ސަބަބު ސާފުކޮށްދޭން ފުލުހުން ކައިރިން އެދެމުންދާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އަދި އެކަން ސާފުކޮށްދީފައިނުވާ ކަމަށެވެ.

"އާއްމު ގޮތެއްގައި އެއާޕޯޓުގައި ދަތުރުކުރާ ޑްރައިވަރުން އެކަމާ ހިތްހަމަ ނުޖެހިގެން އެކަމާ މަޝްވަރާ އެކުރަނީ، އެ މަޝްވަރާގެ ތެރޭގައި އެކަން ހިނގައިދިޔަގޮތް ސެންޓަރުތަކުގެ ވެރިންނާ މި ވަނީ ހިއްސާކޮށްފަ، އެ ހިތްހަމަނުޖެހުން މިފާޅުކުރީ މިގޮތަށް ކުއްލި ގޮތަކަށް އެއާޕޯޓު ކިޔު ހެދިފަހުން ވެސް ފުލުހުންގެ ފަރާތުން ނުފެންނަ އަމަލެއް ކުއްލިއަކަށް މިރޭ ފެނިފައި ކިޔުގައި ދަތުރު ހޯދުމަށްޓަކައި ތިބި ކާރުތައް ބޭރުކުރުމުން އެކަމާ މަޝްވަރާކުރަނީ،" ޑްރައިވަރު ބުންޏެވެ.

އޭނާ ބުނީ، ފުލުހުން އައިސް ޓެކްސީތަކުގެ ޑްރައިވަރުންނާ ސުވާލުކޮށް ހެދިއިރު ޕްރައިވެޓް ޓެކްސީތަކުން ބޭނުން އަގެއް ކިޔައިގެން ދަތުރު ނަގަމުން ދިޔަ ކަމަށެވެ. އަދި އެއީ ގާނޫނާހިލާފު ކަމެއް ނަމަވެސް ފުލުހުން އެކަން ނުހުއްޓުވާ ކަމަށާއި ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހުމުގެ ސަބަބުން 70 ވަރަކަށް ޑްރައިވަރުން ހުޅުމާލޭ ރުށްގަނޑު ސަރަހައްދުގައި މަޝްވަރާގައި އެބަތިބި ކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެއްވެސް ކަމަކަށް ޑިމާންޑުވެސް ނުކުރާ ކަމަށާއި ކުރެވެމުންދަނީ ހަމައެކަނި މަޝްވަރާ ކަމަށެވެ. އަދި އެއްވެސް ކަމެއް ކުރުމަށްވެސް ނިންމާފައިނުވާ ކަމަށާއި މަޝްވަރާތައް ނިންމާލުމަށްފަހު އެސަރަހައްދުން ދިއުމަށް މިހާރު ނިންމާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭއިން ވެސް ވަނީ ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައެވެ. އެހެންވެ އިއްޔެ ޓެކްސީ ޑްރައިވަރުން ވަނީ ޓެކްސީ ކޮށްދޭ އަގުތަށް ބޮޑުކުރަން ނިންމައިފައެވެ. ނަމަވެސް ޓްރާންސްޕޯޓުން އެކަމަށް ރައްދުދީ މިއަދު ބުނެފައިވަނީ ގަވާއިދުގައި ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއްގައި ހިދުމަތްދޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. ފުލުހުން ވެސް މިއަދު ވަނީ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.