ރަހީނުކުރުމަށްފަހު އަނިޔާވެރި ގޮތަކަށް މަރާލައި ފޮށިގަނޑަކަށް ލައި، މޫދަށް އެއްލާލާފައި އޮތް 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ ޖަލަށް ބަދަލުނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އެ މައްސަލައަކީ ތުހުމަތުކުރެވޭ ކުޑަކުއްޖާ އާއި އިތުރު މީހަކު ވެގެން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް، އެ ކުއްޖާގެ ނުރުހުމުގައި އެ ކުއްޖާ ތަނެއްގައި ހިފަހައްޓައި، އެ ކުއްޖާއަށް އަނިޔާކޮށް މަރާލައި، އެ ކުއްޖާގެ ހަށިގަނޑު ފޮށްޓަކަށްލައި، މޫދަށް ފައްތާލާފައިވާ މައްސަލައެވެ.
ތުހުމަތުކުރެވޭ ކުޑަކުއްޖާ ޖުވެނައިލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން އަމުރުކުރީ އެ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރުމަށެވެ. އެގޮތަށް އަމުރުކުރީ ކުޑަކުދިން ބަންދުކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައި ވުމުންނެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ހައްލުކޮށް ހޯމް މިނިސްޓްރީން ވަނީ ކ. ހިންމަފުށީގައި ޑިޓެންޝަން ސެންޓަރެއް ހުޅުވައިފައެވެ. ދައުލަތުން ވަނީ އެ ކުއްޖާ ޑިޓެންޝަން ސެންޓަރަށް ބަދަލުކޮށްދިނުމަށް ހައި ކޯޓުގައި އެދިފައެވެ.
ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަނޑައެޅީ އެ ކުއްޖާ ހިންމަފުށީ ޑިޓެންޝަން ސެންޓަރަށް ބަދަލު ނުކުރުމަށެވެ. އެހެންވެ އެ ކުއްޖާ އަދިވެސް ހުރީ ގޭ ބަންދުގައެވެ. ހައި ކޯޓުން އެގޮތަށް ކަނޑައެޅީ އެ ކުއްޖާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބެމުންދާތީއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު މިއަދު "ވަން" އަށް ވިދާޅުވީ، ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އިސްތިއުނާފުކުރި އެ މައްސަލައިގައި ކުޑަކުދިންނާ ގުޅޭ އަދުލުގެ ނިޒާމުން ފަނޑިޔާރުންނަށް ލިބިދޭ ބާރުތައް ކަނޑައެޅުމަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގަސްދުގައި މީހަކު މަރާލުމާއި، ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ބޭނުން ކުރުމުގެ ދައުވާ އުފުލާފައިވާ އެ ކުއްޖާއަށް މިދިޔަ ނޮވެމްބަރު މަހު ވަނީ 18 އަހަރު ފުރިފައެވެ.
މި މައްސަލައިގައި 17 އަހަރުގެ ކުއްޖާގެ އިތުރުން ދެން ހައްޔަރު ކުރީ އުމުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ. ޝަރީއަތް ނިމެންދެން އޭނާވެސް ހުރީ ބަންދުގައެވެ. އެ މައްސަލައިގައި ޒިހާނުގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް ދައުލަތުން ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.