ދެހާސް ވިހިވަނަ އަހަރު ހަ ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ގއ. ކޮލަމާފުށީ، ކަރަންކާވިލާ، އަފްސަލް ރަޝީދު ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ބަންދު މުރާޖާކުރަން އަފްސަލް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
އަފްސަލްގެ އާއި އިތުރު ބަޔަކު ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މާލެ ހުޅުމާލެ ލޮޓް 10634 ގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އަފްސަލް ވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ބަންދަށް ޖަހައިފައެވެ. އަފްސަލްގެ ބަންދުގެ މުއްދަތު ތަފާތު އެކިފަހަރުމަތިން އިތުރުކުރަމުން ދަނިކޮށް 2020 އޮގަސްޓު 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އަފްސަލްގެ ބަންދަށް ފަސް ދުވަސް ޖެހިއިރު އޭގެ އެއްދުވަސްކުރިން ދައުލަތުން ވަނީ އަފްސަލްގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާ ކޮށްފައެވެ.
އެ ދައުވާ ކޯޓަށް ހުށަހެޅުމުން 2020 އޮގަސްޓު 19 ވަނަ ދުވަހު ޝަރީއަތް ނިމެންދެން އަފްސަން ބަންދުކުރަން އަމުރުކުރިއެވެ. ނަމަވެސް އެ އަމުރު ބާތިލުކޮށް 2020 މާޗު 22 ވަނަ ވަނަ ޝަރުތުތަކަކާއެކު އަފްސަލް ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ. އޭނާ ދޫކޮށްލަން ކުރިމިނަލް ކޯޓުންކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، މައްސަލަ ބެލުމަށްފަހު ހައި ކޯޓުން އަމުރުކުރީ އަފްސަލް ބަންދުން ދޫކޮށްލަން ކުރި އަމުރު ބާތިލު ކަމަށާއި އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.
ހައި ކޯޓުގެ އެ އަމުރާއި އެއްގޮތަށް ކުރިމިނަލް ކޯޓުން ވަނީ އަމަލުކޮށްފައެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާއެކު އަފްސަލް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ދައުލަތުން ވަނީ އެ އަމުރު ހައި ކޯޓުގައި ހަމަ އެ ދުވަހު އިސްތިއުނާފުކޮށްފައެވެ. ދައުލަތުން ހައި ކޯޓުގައި ވިދާޅުވެފައިވަނީ ކުރިމިނަލް ކޯޓުން އަފްސަލް ދެ ވަނަ ފަހަރަށް ދޫކޮށްލީ ޖިނާއި އިޖުރާތާއި ޝަރީއަތް ކުރުމުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށެވެ.
ދައުލަތުން ވިދާޅުވެފައިވަނީ އަފްސަލްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ބާވަތާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް އޭނާ ބަންދުން ދޫކޮށްލުމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ހެކިބަސްދޭން ތިބި ހެކިންގެ ތެރެއިން ބައެއް ހެކިން ރާއްޖެއިން ބޭރުގައި ތިބިނަމަވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން އަފްސަލްގެ ފަރާތުން ބުނެފައިވަނީ އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާ ކޮށް ޝަރީއަތް ނުނިމި ބަންދުގައި ހުންނަތާ ތިން އަހަރު ވެފައިވާ ކަމަށެވެ. އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ދައުލަތުން ވިދާޅުވިޔަސް އެއީ ދޮގު ވާހަކައެއް ކަމަށާއި، އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ބުނީ، މައްސަލައިގެ ހެކިވެރިން ތިބީ ރާއްޖެއިން ބޭރުގައި ކަމަށްވުމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުސަތެއް އޭނާއަށް ނެތް ކަމަށެވެ.
ދެ ފަރާތުން ދެއްކި ހުރިހާ ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހު ހައި ކޯޓުން އަމުރުކުރީ އަފްސަލް ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ހުކުމްކުރީ ރަނގަޅަށް ކަމަށެވެ. އެގޮތަށް ހުކުމްކުރީ މި މައްސަލައިގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ، ބަންގްލަދޭޝްގެ ދެ ރައްޔިތަކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަން ދައުލަތުގެ ވާހަކަތަކުންނާއި ލިޔެކިޔުންތަކުން ސާބިތު ނުވާތީއެވެ. އަދި އެމީހުން ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ދައުލަތަށް ނެތުމުންނެވެ. ހައި ކޯޓުގެ އަމުރުގައި އިތުރަށް ބުނީ، މަސްތުވާތަކެތި އަފްސަލްގެ އަތުން ފެނުމަކީ އޭގެ ޒާތުގައި މުޖުތަމައަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ. އެހެންވެ ކުރިމިނަލް ކޯޓުގެ އަމުރު ރަނގަޅުކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރު ރަނގަޅުކަމަށް ކަނޑައެޅީ އަޣުލަބިއްޔަތުންނެވެ. ރައުޔު އެއްގޮތް ވެފައިވަނީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރައުޔު ތަފާތުވެފައިވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު އެވެ.
ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައިވަނީ، ދެ ހެކިވެރިން ރާއްޖޭގައި ނެތުމަކީ އެ ދެ ހެކިވެރިންނަށް ނުފޫޒު ނުފޯރުވެންވީ ސަބަބެއް ނޫން ކަމަށެވެ. އެ ބިދޭސީ ދެމީހުން ރާއްޖެ ދޫކޮށް ދިޔައީ ނޫންކަމާއި ރާއްޖެއިން "ފޮނުވާލީ" ކަމަށް ބުރަވެވޭނެ ސަބަބުތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ހެކިބަސް ދޭންތިބި ބިދޭސީ ދެމީހުން އެ ފޮނުވާލި ފޮނުވާލުމަކީ އޭގެ ޒާތުގައިވެސް ހެކިންނަށް ފޯރުވި ނުފޫޒެއް ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވެފައިވެއެވެ. އަދި އެ ބިދޭސީންގެ ވިސާ ކެންސަލްކޮށް ރާއްޖެއިން ފުރުވާލުމަކީ އިއްތިފާގެއް ނޫން ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވެފެއިވެއެވެ.
މީގެ އިތުރުން އަފްސަލްއަށް ކުރާ ތުހުމަތަކީ، މަސްތުވާތަކެތި ޓްރެފިކް ކުރުން ކަމަށްވާއިރު، އެކަން އެހާ ފަސޭހައިން ކުރެވެނީ ގާނޫނު ތަންފީޒު ނުކުރެވުމުގެ އިތުރުން، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ގާނޫނާއި ހިލާފަށް ދޭ އެއްބާރުލުމުގެ ސަބަބުން ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އަމަލަކީ މުޖުތަމައު ނުރައްކަލަށް ވައްޓާލުން ކަމަށްވާތީ އާއި އެކުށްކުރާ މީހުންގެ ސަބަބުން މުޖުތަމައު ތަހައްމަލު ކުރަން ޖެހޭ ނުރައްކަލަށް ކޯޓުތަކުން ރިއާޔަތްކުރަން ޖެހޭ ކަމަށެވެ. ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވަނީ އަފްސަލް އަލުން ބަންދު ކުރުމަށެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ސަމީރު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު