ޚަބަރު

އާމިރު ވަކިކުރީ އުސޫލާ އެއްގޮތަށް، އެމްޑީޕީގެ އެތެރޭގެ އިންތިހާބަކާ ގުޅުމެއް ނެތް: ރައީސް އޮފީސް

ގާނޫނުއަސާސީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އާމިރު އަހުމަދު ވަޒީފާއިން ވަކިކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް، އެމްޑީޕީގެ ބައެއް މެންބަރުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި އެ މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅައި ބަހުސްކޮށްފައެވެ.

ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދަށް ތާއީދުކުރައްވާ، އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕެއިނުގައި އުޅުއްވާ މަޖިލިސް ބައެއް މެންބަރުން ވަނީ، އާމިރު ވަކިކުރީ އިންތިއާ ވާދަކުރައްވަން ނުކުމެ ވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދު ނުކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މިއަދު މީޑިއާތަކަށް ފޮނުއްވި ކުރު މެސެޖެއްގައި ވިދާޅުވީ، އެ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އެޅީ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަނަކާއި ސިޓީތަކެއް ލިބުމުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށެވެ.

އޭނާ ވަކިކުރީ އެ މައްސަލަތަކާ ގުޅިގެން އަމަލުކުރަން އޮންނަ ގަވާއިދާއި އުސޫލްތަކުގެ ތެރެއިން ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް އޭނާ ނުދެއްވައެވެ.