ޚަބަރު

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރުމަކީ ގަބޫލުކުރާ ސިޔާތެއް ނޫން: ސަރުކާރު

އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަމެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ ދިމާކޮށް ބައެއް މީހުން ސަރުކާރު ވަޒީފާތަކުން ވަކި ކުރާ ކަމުގެ ތުހުމަތު، އެމްޑީޕީގެ ތެރެއިން ސަރުކާރަށް ދަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން ކުއްލި މައްސަލައެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އަންނަނީ ބަހުސް ކުރަމުންނެވެ. އެ މައްސަލަ ހުށަހެޅީ އިންތިހާބާ ގުޅުވައިގެން، ރ. ދުވާފަރު ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުރި އާމިރު އަހުމަދު މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެއެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މިއަދު މީޑިއާތަކަށް ވިދާޅުވީ، އެ މައްސަލައިގައި ޝާމިލުވާ ސިޔާސީ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އެޅީ އެ ފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމަށްބުނެ އެކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގެ ސިފައިގައާއި އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ ޒަރީއާއިން ރައީސް އޮފީހަށް ލިބިފައިވާތީ ކަމަށެވެ.

އޭނާ ވަޒީފާއިން ވަކިކުރީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި، އެ ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

"އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން. އަދި، އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުމެ ކުށްވެރިކުރާ، މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން،" މަބްރޫކުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ، އެ މީހަކު ބޭނުންވާ ފަރާތަކަށް ތާއީދުކުރުމާއި ވޯޓުލުމަކީ ކޮންމެ ފަރުދަކަށް އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް، އޮތް ހައްގެއް ކަމަށެވެ. އަދި އެ ހައްގަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ދިމާވެފައިވާ ނަމަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް އެދުނެވެ.