"މުއައްސަސާ ތަކުގެ އެހީ ލިބުން ލަސްވެއްޖެ ނަމަ ލޭ އޮހޮރުވުމަކަށް ހިނގައިދާނެ. ދެން މާގިނަ ދުވަހެއް ނުވެ މިގެއިން މަގޭ ސަންދޯއް ނެރެން ޖެހޭނީ. މި ކުޑަ ކުއްޖާ ސްކޫލަށް ދިޔަކަ ދެނީކީ ނޫން. އޭނާ ކިޔެވިޔަ ދެނީކީ ނޫން. އެތައް މަސައްކަތެއް ކުރެވިއްޖެ އޭނާ އިސްލާހު ކުރަން. ނުވީމަ އެތައް މުއައްސަސާއެއްގައި ރޮއެ އާދޭސް ކުރިން. އެކަމަކު އަޑު އިވުނު މީހަކުނެތް."
މިއީ އަރިއަތޮޅު އުތުރުބުރީ ރަށަކަށް ނިސްބަތްވާ އަންހެނަކަށް އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ ފަރާތުން ލިބެމުންދާ އިންޒާރާއި ކުރާ ޖެއްސުމުގެ ވާހަކަ "ވަން" އާ ހިއްސާ ކުރަން ފަށަމުން ދެއްކި ވާހަކައެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެ އަންހެން މީހާ ބުނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅަކީ ކުޑަ އިރުއްސުރެ އާދަޔާ ހިލާފަށް ރުޅި އަންނަ ކުއްޖެއް ކަމަށާއި، ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ. 2007 ވަނަ އަހަރުން ފެށިގެން ކިޔަވަން ފޮނުވުން ހުއްޓާލި އެވެ. ގަދަކަމުން ސްކޫލަށް ފޮނުވެން ނެތިގެންނެވެ.
މިހާރު އުމުރުން 18 އަހަރު ފުރިފައިވާއިރުވެސް މި ރުޅިގަނޑު ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނުވިއެވެ. ގޭގައި ހިފައި ގެންގުޅޭ ސާމާނުން ފެށިގެން ކޮޓަރި ދޮރާއި، ފާހާނާ ދޮރު އަދި ކަބަޑުތައް ހަލާކުކޮށްފައިވާ ކަމަށް އެ އަންހެން މީހާ ބުންޏެވެ.
"މިރަށުގަ ހަދާފަ ހުރި އެންމެ ރީތި އަދި އެންމެ ބޮޑު ގެތަކުގެ ތެރޭގަ މިގެ ހިމެނޭނެ. އެކަމަކު މިގެޔަކު ނެތޭ ހަލާކު ކޮށްނުލާ ހުރި ދޮރެއް. ކުޑަ މިނުން ތަޅައިނުލާ ހުރި މުށިގަނޑެއްވެސް ނެތޭ މިގެއަކު. ބިއްލޫރި ހުރި ދޮރެއް ހުރިއްޔާ ހުންނާނީ އެ ދޮރުގެ ބިއްލޫރި ގަނޑު ތަޅާލާފަ. އެންމެ ފަހުން ރޭ ނޫން ކުރިން ރޭ. މިގޭ ކުޑަ ކުއްޖާ ގޮވައިގެން ސްކޫލުން ނިމިގެން އައި އިރު، ޓީވީ ތަޅާލާފަ އޭގެ އެއްޗެހި މިހުންނަނީ ގޭތެރޭގަ އަތުރާލާފަ. ހަމަ ގެއަށް ވަނީ ބުނަނީ މިއީ މަންމަގެ ސަބަބުންނޭ ހަލާކުވީ، މަންމަގެ ބަދު ދުއާ ޖެހިގެންނޭ މި ހަލާކުވީ. އެކަމަކު އޭނަ ހިތްހަމަ ނުޖެހޭތީ ޓީވީވެސް އަހަރެން ނުބަލަން." އެމީހާ ކިޔައިދިނެވެ.
2008 ވަނަ އަހަރުން ފެށިގެން އޭނާގެ ކަންތައްތައް ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އެތައް ފަހަރަކު ޖެންޑާއަށް މައްސަލަ ހުށަހަޅައި ފުލުހުންނަށް މައްސަލަ ހުށަހެޅި ނަމަވެސް އެއްވެސް މުއައްސަސާއަކުން މިކަމަށް އަޅާލުމެއް ނުދޭ ކަމަށް އޭނާ ބުންޏެވެ. ފުލުހުންގެ ފަރާތުން ބައެއް ފަހަރު އެއްބާރުލުން ލިބުނު ނަމަވެސް އެއްދުވަހު ބަންދުގައި ނޫނީ ދެ ގަޑި އިރު ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލާ ކަމަށް އޭނާ ބުންޏެވެ.
"މިހެން ބަންދުގައި ބަހައްޓާފަ ދޫކޮށްލާ ދެތިން ދުވަހު ރަނގަޅު ވާނެ. އެކަމަކު ދެން ރުޅިގަދަވެދާނެ އޭނަގެ މައްސަލަ ރިޕޯޓު ކުރީތީ. ދެން އަނެއްކާވެސް ހައްދުފަހަނަ އެޅީމަ ފުލުހުންނަށް ގުޅަނީ. އެކަމަކު ބައެއް ފަހަރަށް އަންނާނީ، އަނެއް ބައި ފަހަރު ނާންނާނެ. ޖެންޑާއަށް ވެސް އެތައް ފަހަރަކު މައްސަލަ ޖެއްސިން. އެކަމަކު އެމީހުން އައި ފަހަރެއްގަވިއްޔާ މިބުނަނީ އާއިލާއިން ލޯބި ދޭށޭ. ނަފްސާނީ ބަލި ހުންނާތީއޭ އެހެންވަނީ. އެކަމަކު ކިހާ ވަރަކަށް ލޯބިން ވާހަކަ ދައްކަނީ. ލޯތްބާއެކު އޭނަގެ ހައްގުގަ ކެތް ކޮށްގެން މި އުޅެނީ. ދެން މިހާރު ޖެންޑާ މީހުން އަޔަސް އޭނަ ފިލަނީ. ދެން އައިއްސަ ރިޕޯޓު ކުރީއޭ ކިޔާފަ ރުޅި ދައްކަނީ." އޭނާ ކިޔައިދިނެވެ.
ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ފާއިތުވި ދެ ހަފްތާ ތެރޭގައި އޭނާއާ ސުވާލުކުރުމަށްފަހު ފޯމެއް ފުރާލައިގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ. ރަސްދޫ ޕޮލިސް ސްޓޭޝަން މެދުވެރިވެގެން ހެދި ޓެސްޓު ތަކުން ސިކުނޑީގައި މައްސަލައެއް ހުރި ކަމަށް ހާމަވެފައިވާއިރު، ފަރުވާކުރުމަށް ވެސް އާއިލާއިން އެކަމަށް ނުކުޅުދޭ ކަމަށް ބުންޏެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެއީ އުރާލައިގެން ނޫނީ ހިފަހައްޓައިގެން ގެންގުޅެވޭ ވަރަށް ވުރެ މާ ބޮޑު ކުއްޖެއް ކަމަށެވެ. އަދި އެގޮތަށް އޭނާ ހިފަހައްޓާލައިފި ނަމަ ދޭ އަނިޔާ ބޮޑު ކަމަށެވެ.
ދިރިއުޅެން ޖެހިފައިވާ ގޮތުން އެ އަންހެން މީހާ ދިރިއުޅެމުން އަންނަނީ 14 އަހަރުގެ ފިރިހެން ކުއްޖެއް ގޮވައިގެން ރަށުގަ އެވެ. ފިރިމީހާ އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ރަށުން ބޭރުގައެވެ.
ދޮށީ ފިރިހެން ކުއްޖާ ވަނީ މުޅި ގޭގެތެރޭގައި ހަޑިއެއްޗެހި ލިޔެވެސް ހަދާފައެވެ. (ގޭގެ ފާރުގައި ހަޑި ހުތުރު ބަހުން ލިޔެފައި ހުރި ތަން ފެންނަ ވީޑިއޯ އާއި ފޮޓޯ ވަން އަށް ވަނީ ލިބިފައެވެ.) ގޮވަމުންދަނީ ވެސް ކިޔަން ނުވާކަހަލަ ހަޑިހުތުރު އެއްޗެހި ކަމަށް އެމީހާ ބުންޏެވެ. ދޮށީ ފިރިހެން ކުއްޖާގެ ސަބަބުން އެހެން ދަރިއަކަށް ވެސް އެގޭގައި ދިރިނޫޅެވޭއިރު ގިނަ ރޭރޭ ގޭގައި ނުނިދި މަގުމަތީގައި ހުންނަން ޖެހޭ ކަމަށްވެސް ބުންޏެވެ. އަދި ބައެއް ފަހަރު އަވަށްޓެރިއެއް ނުވަތަ އާއިލާ މީހެއްގެ ގޭގައި ނިދަން ޖެހޭ ކަމަށްވެސް ބުންޏެވެ.
އެމީހާ ކިޔައިދިން ގޮތުގައި ކައްކާފައި ހުންނަ ކާ އެއްޗެއްސަށް، އޭނާ ކައި ނިމުމުން ވެލި އެޅުމާއި، ގޭތެރޭގެ އެކި ތަންތަނަށް އެޅުމާއި ޑަސްބިނަށް އަޅާލުން ކަހަލަ ޖެއްސުންތައް ކުރެއެވެ. އަދި ކޮށާލާނެ ކަމަށް ބުނެ، އެކި ފަހަރުމަތިން އިންޒާރު ދީފައިވެއެވެ.
"އެއްފަހަރު ރުޅިގަދަވެގެން އައިސް ލޯމަތީގަ މުއް ކަވާފަ ޖެހީ. ދެން ލޯވެސް ކިރިޔާ ސަލާމަތްވީ. އެތައް ދުވަހަކަށްފަހު ލޯ ރަނގަޅުވީވެސް އެތައް ފަރުވާއެއް ކޮށްގެން. ލޮލަށް ލޭ އަރާފަ ހުރީ. ދެން ގޭތެރޭގަ އުޅެނީ ވަޅި ހިފައިގެން. ކުޑަ ކުއްޖާއާ ދިމާލަށްވެސް ބުނެފާނެ ކަލޭ ކޮށާލާނަމޭ. އިނގިލިތައް ބުރި ކޮށްލާނަމޭ. ރޭގަވެސް ދެ މީހުން ސަކަރާތްޖަހަން ތިބެފަ ކުއްލިއަކަށް އައި ރުޅީގަ ކުޑަ ކުއްޖާއާ ދިމާލަށް މި ބުނަނީ ކަލޭ ކޮށާލާނަމޭ. ދެން އަހަރެން އަވަހަށް އެކުއްޖާ ގޮވައިގެން ނިދަން ވަދެއްޖައިން. ކޮޓަރިއަށް ވަނީމަ ކޮޓަރީ ދޮރުގަ ޖަހާ ދޮރު ހުޅުވީ. އޭރު ތަޅު ޖެހުނުތަން ފާރުންވެސް ހުރީ ބައެއް ހަލާކުވެފަ. އައީ ވަޅިއެއް ހިފައިގެން. ގޭގަ ހުންނަ ވަޅި ފޮރުވިޔަސް އަމިއްލައަށް ރުފިޔާ ހިފައިގެން ގޮސްވެސް ވަޅި ގަންނާނެ. ހަމަ މިކިޔަނީ ކޮށާލާނާމޭ. ނިދަން އޮންނަން ނުކެރިގެން ދިޔައީ އެހެން ތަނަކަށް." އޭނާ ބުންޏެވެ.
ރުޅި އަންނަ ސަބަބެއް މިހާތަނަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ހަމަ ކުއްލިއަކަށް ހުރެފަ ރުޅި ގަދަވެގެން އެއްޗެހި ގޮވަމުން އަންނަތަން ފެންނަ ކަމަށާއި ބައެއްފަހަރު އޭނާ ބުނާ ހުރިހާ ގޮތެއް ނެހެދިޔަސް ރުޅިގަދަވާ ކަމަށެވެ. އަދި ލޯބިން ނަސޭހަތް ދިނަސް އިރުކޮޅަކު އަޑު އަހަން އިންނަ ކަމަށްވެސް ބުނެ އެވެ. އެކަމަކު މާކުރިން ވެފަ ހުންނަ ކަންތަކާވެސް ރުޅިގަދަވެ ގޭގަ ހުންނަ ތަކެއްޗަށް ގެއްލުންދޭ ކަމަ ށް އޭނާ ބުންޏެވެ.
އުމުރުން 14 އަހަރުގެ ކުޑަ ކުއްޖާއަށް ފިލާވަޅެއް ހަދަން ގޭގައި އިނދެވޭކަށް ނޯވެއެވެ. ބައެއް ފަހަރު އެހީވިޔަސް ގިނަ ފަހަރު ފިލާވަޅު ހަދަން އިންނައިރު ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި ހުސް އެކައްޗެއް ކިޔާލަ ކިޔާލާ އެ ކުއްޖާ ކައިރީގައި އިންނަ ކަމަށް އޭނާ ބުންޏެވެ. އަދި ބައެއް ދުވަސްތަކުގައި އެ ކުއްޖާއަކަށް މިއަދު ސްކޫލަށް ނުދެވޭނެޔޭ ބުނެ އިންޒާރުދީ ގޭގައި ބަންދުކުރާ ކަމަށްވެސް ބުންޏެވެ. އެފަދަ ދުވަހެއް ވިއްޔާ އެކުއްޖާއަށް ކާއެތިކޮޅެއްވެސް ނުލިބޭނެ ކަމަށާއި އެގެއިން ބޭރަށްވެސް އެއްވެސް މީހަކަށް ނުދެވޭނެ ކަމަށް ބުންޏެވެ.
"މި ކުޑަކުއްޖާގެ މުޅި ކިޔެވުން މިދަނީ ހަލާކުވަމުން. އަހަރުމެން ތިން މައިން މިގޭގަ މިއުޅެނީ. އެ ރުޅި އައިސްފަ ހުންނަ ގަޑީގަ އޭނަ އަހަރެމެން ދެމައިން މަރާލަން ފަހެއްވެސް ނުޖެހޭނެ. ގެއިން ބޭރަށް ދެވޭނީ އޭނަގެ ހުއްދައާއެކު. ރަނގަޅު ސޯލިހު ދަރިއަކަށް ހަދަން ކިހާ މަސައްކަތެއް މިކުރަނީ. އެކަމަކު ހަމަ ރުޅި އިސްކުރަނީ. ފަރުވާވެސް ދޭން ބޭނުން. އެކަމަކު އަޅުގަނޑުމެން ދެމަފިރިންނަކަށް އެކަނި އެ މަސައްކަތެއް ނުވާނެ." އަސަރާއެކު އޭނާ ބުންޏެވެ.
ގޮތް ގޮތް ހެދިޔަސް މައިވަންތަ ކަމުގެ ލޯބި އުނި ނުވާ ކަމަށާއި އެ ދަރިފުޅު ދެކެވެސް އިންތިހާއަށް ލޯބިވާ ކަމަށް ހަތަރު ކުދިންގެ މަންމަ ކަމަށްވާ އެ އަންހެން މީހާ ބުންޏެވެ. އަދި އޭނާއަށް ރަނގަޅަށް ފަރުވާކޮށް އަލުން އަނބުރާ ރަނގަޅު ކުއްޖަކަށް ހަދަން މުއައްސަސާތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް ބުންޏެވެ. ހަމަޖެހިލައިގެން ދިރިއުޅެވޭނެ ދުވަހެއް ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ރިޒުނާ ޒަރީރު "ވަން" އަށް ވިދާޅުވީ މިފަދަ މައްސަަލައެއް އެ މިނިސްޓްރީ އަށް ހުށަހެޅި އެޓެންޑު ކޮށްފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.
ފުލުހުންނަށް "ވަން" އިން ގުޅުމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް