އިނގިރޭސިވިލާތުން އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅަކަށް ބަލައި، ޗެލްސީގެ ހިންގުން ކްލަބުގެ ހިލޭ އެހީ ފައުންޑޭޝަނަށް ދޭ ގޮތަށް ވެރިޔާ ރޯމަން އަބްރަމޮވިޗް ނިންމައިފިއެވެ.

ރަޝިއާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އިނގިރޭސިވިލާތާއި ޔޫރޮޕިއަން ޔޫނިއަންގެ ގައުމުތަކުން ދަނީ ތައްޔާރުވަމުންނެވެ. އީޔޫގެ އިތުރުން އެމެރިކާއިންވެސް ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ތައްޔާރުވެފައިވާ އިރު، މިހާރުވެސް އިނގިރޭސިވިލާތުން ވަނީ އެގައުމުން ރަޝިއާގެ އެންމެ ބޮޑު އެއާލައިން އެއިރޯފްލޮޓްވެސް ބޭރުކޮށްލައިފައެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކްލަބު ޗެލްސީ ހިންގަމުންދާ ރަޝިއާގެ ބިލިއަނަރު އަބްރަމޮވިޗަށްވެސް ދަތިކުރުމަށް ސިޔާސީ ގޮތުން މަޝްވަރާ ކޮށްފައިވާ އިރު، މީގެ ކުރިންވެސް އަބްރަމޮވިޗްގެ ވިސާ އޮތީ އިނގިރޭސިވިލާތުން ކެންސަލް ކޮށްފައެވެ.

ރަޝިއާގެ މައްސަލައާ ގުޅިގެން އަބްރަމޮވިޗް އަތުން ޗެލްސީ އަތުލަންވެސް ބައެއް މަޖިލިސް މެމްބަރުން ވަނީ މަޖިލީހުގައި ގޮވާލައިފައެވެ. އެ މެމްބަރުން ބުނެފައި ވަނީ އަބްރަމޮވިޗަކީ ރަޝިއާ ރައީސް ވްލަޑީމިއީ ޕުޓިންގެ އެންމެ ގާތް އެއް ވިޔަފާރިވެރިޔާ ކަމަށާއި ޕުޓިން ވެރިކަމަށް އެންމެ ބޮޑަށް ބާރުދޭ އެކަކީވެސް އަބްރަމޮވިޗް ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން އައިސްދާނެ ދަތިކުރުމުގެ ފިޔަވަޅަކަށް ވިސްނައި، އަބްރަމޮވިޗް ވަނީ ޗެލްސީގެ "ސްޓެވާޑްޝިޕް އެންޑް ކެއާ" ކްލަބުގެ ހިލޭ އެހީ ފައުންޑޭޝަނަށް ދިންކަން އިއުލާން ކޮށްފައެވެ.

"ކްލަބު ހިންގުމުގައި ހޭދަކުރި މިދިޔަ 20 އަހަރު ދުވަހުގެ މުއްދަތުގައި އަހަރެން ކުރި ހުރިހާ މަސައްކަތެއް ކުރީ ކްލަބުގެ ކުރިމަގަށް، އަދި ކްލަބު މިއަދު ހޯދަމުންދާ ކާމިޔާބީއަށް. އޭގެ އިތުރުން ކްލަބުގެ ބޭނުންކޮށް މުޖުތަމައަށް އެތަކެއް ފައިދާތަކެއް ކޮށްދީފައިވާނެ. އަބަދުވެސް ކްލަބުގެ ކުރިމަގާއި ކްލަބުގެ މުސްތަގުބަލަށް އެންމެ ފައިދާވާނެ ގޮތަށް ކަންކަން ނިންމުމަކީ އަހަރެންގެ އުސޫލުކަމަށްވާ އިރު، މިއަދު އަހަރެންގެ ވިސްނުން ހުރީ ޗެލްސީގެ ބާރުތައް ކްލަބުގެ ހިލޭ އެހީ ފައުންޑޭޝަނަށް ދިނުން. އެއީ މިއަދު ކްލަބުގެ ކަންކަން ބަލަން އެންމެ އެކަށޭނެ ފަރާތަކީ އެއީ ކަމަށްވާނެތީ،" އަބްރަމޮވިޗް ނެރުނު ބަޔާނުގައިވެއެވެ.

ޗެލްސީގެ ހުރިހާ ބާރެއް ހިލޭ އެހީ ފައުންޑޭޝަނާ މިހާރު ހަވާލު ކޮށްފައިވާ އިރު، އެ ފައުންޑޭޝަނަށް މިހާރު ކްލަބަށް ބޭނުން ގޮތެއް ހެދޭނެއެވެ. އަބްރަމޮވިޗްގެ ބަޔާނާ ގުޅިގެން ކްލަބުގެ ފަރާތުން ބުނެފައި ވަނީ "ކްލަބު ވިއްކާލަން ބޭނުން ނުވާ" ކަމަށާއި އަދިވެސް ވެރިއަކީ އަބްރަމޮވިޗް ކަމަށެވެ.

އަބްރަމޮވިޗަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޗެލްސީ ވިއްކާލާނެ ކަމަށް ވާހަކަތައް ފެތުރި ބޮޑެތި އިވެސްޓަރުން އެކަމަށް ތައްޔާރުވެފައި ތިބިއިރު، އަބްރަމޮވިޗްގެ ނިންމުމާއެކު އިނގިރޭސިވިލާތުން އަޅާ ފިޔަވަޅުތަކުގެ އަސަރު ޗެލްސީއަށް ނުކުރާނެ ކަމަށް ބެލެވެއެވެ.

މީގެ 20 ވަރަކަށް އަހަރު ކުރިން 2003 ވަނަ އަހަރު އަބްރަމޮވިޗް ޗެލްސީ ގަނެފައިވާ އިރު، އޭގެ ފަހުން އެ ކްލަބު ވެގެން ދިޔައީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކްލަބަށެވެ. އޭނާ ޗެލްސީ ގަތް ފަހުން ހޭދަވި 19 އަހަރުގެ ތެރޭގައި އެޓީމުން 21 ތަށި ހޯދާފައިވެއެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ އިތުރުން ދެ ޗެމްޕިއަންސް ލީގު ތަށްޓާއި، ކްލަބު ވޯލްޑް ކަޕެއްވެސް ހިމެނެއެވެ.