އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑަށް ޕޮއިންޓެއް، ބްރެންޓްފޯޑު މެޗުގައި އެރިކްސަން އެނބުރި ދަނޑު މައްޗަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ވޮޓްފޯޑު ކައިރީ އެއްވަރުވި އިރު، ބްރެންޓްފޯޑުން ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއަން އެރިކްސަން އެނބުރި ދަނޑު މައްޗަށް ނުކުމެއްޖެއެވެ.

ޔުނައިޓެޑުން ވޮޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރު ވެގެން ނިމުނު އިރު، އެޓީމަށް އެއީ މާޔޫސީ ނަތީޖާއެކެވެ. އަމިއްލަ ދަނޑުގައި ވޮޓްފޯޑު ކައިރީ އެއްވަރުވުމުން ޔުނައިޓެޑަށް ވަނީ ތާވަލުގެ ހަތަރު ވަނަ ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. މިހާތަނަށް ކުޅުނު 27 މެޗުން 47 ޕޮއިންޓް ހޯދައިފައިވާ ޔުނައިޓެޑް މިވަގުތު ހަތަރު ވަނައިގައި އޮތް ނަމަވެސް ފަސް ވަނައިގައި އޮތް އާސެނަލްއަށް ވަނީ ހަތަރު ވަނައަށް ފުރުސަތު ފަހިވެފައެވެ.

މިހާތަނަށް ލީގުގައި އާސެނަލްއިން ކުޅުނު 24 މެޗުން 45 ޕޮއިންޓް އެޓީމަށް ލިބިފައި އޮތް އިރު، އާސެނަލްގެ ފޯމަށް ބަލައި ހަތަރަކަށް އެރުމުގެ ފުރުސަތު ބޮޑެވެ. މިވަގުތު ހަވަނައިގައި ވެސްޓްހަމް އޮތް އިރު، ހަތްވަނައިގައި އޮތީ މިރޭ ލީޑްސް ކައިރީ 4-0 އިން މޮޅުވި ޓޮޓެންހަމްއެވެ. ވެސްޓްހަމްއަށް 26 މެޗުން 42 ޕޮއިންޓް ލިބިފައި އޮތް އިރު، ޓޮޓެންހަމްއަށް 25 މެޗުން ލިބިފައި ވަނީ 42 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެޓީމުން ވަނީ ގިނަ ހަމަލާތަކެއްވެސް އުފައްދައިފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވި އިރު، އެޓީމުން ހާފު ނިންމާލީ ގޯލެއް ނުޖެހުމުގެ މާޔޫސް ކަމުގައެވެ. އެ މާޔޫސްކަން ފަހު ހާފުގައި ބޮޑުވެގެންވެސް ދިޔަ އިރު، ފުރަތަމަ ހާފަށްވުރު ދެވަނަ ހާފުގެ ހަމަލާތައް މަދެވެ. ހާއްސަކޮށް ވޮޓްފޯޑުން ވަނީ ރަނގަޅަށް ޑިފެންސްކޮށް ޔުނައިޓެޑްގެ އެޓޭކް ހުއްޓުވައިފައެވެ.

މިއީ 1985 ވަނަ އަހަރަށްފަހު ވޮޓްފޯޑުން ޔުނައިޓެޑް ދަނޑުގައި ހޯދި ފުރަތަމަ ޕޮއިންޓެވެ.

ލީގުގައި މިރޭ ބްރެންޓްފޯޑު ކުޅުނު މެޗުގައި އެޓީމު ނިއުކާސަލް އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބްރެންޓްފޯޑު ބަލިވި ނަމަވެސް އެ ކްލަބަށް މެޗު ހާއްސަވީ ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަންއަށްޓަކައެވެ.

ޑެންމާކުން ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. މެޗު އިމަޖެންސީގައި މެދުކަނޑާލައި ގިނަ ކަންތައްތަކެއް ހިނގައި ދިޔައެވެ. ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފުސާނީ އަސަރުތަކެއް އެކަމުގެ ސަބަބުން ކޮށްފައިވެއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

ހިތަށް އައިސީޑީއެއް ލައްވައި، 29 އަހަރުގެ އެރިކްސަން މިދިޔަ އޯގަސްޓް މަހު އެނބުރި އޭރުގެ ކްލަބު އިޓަލީގެ އިންޓަ މިލާނަށް ދިޔަ ނަމަވެސް، އިޓަލީ ލީގުގެ އުސޫލުތައް އޮންނަ ގޮތުން އެރިކްސަން އަށް އިންޓައަށް ކުޅެވޭނެ ގޮތެއް ނުވިއެވެ. އެހިސާބުން އެރިކްސަންގެ އެއްބަސްވުން އިންޓައިން އުވާލާފައިވާ އިރު، އޭނާ ވަނީ ފިޓްނެސް ހިފެހެއްޓުމަށް ކެރިއަރުގެ އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ)ގެ އިތުރުން އަޔެކްސްގައިވެސް ތަމްރީނުތަކުގައި ބައިވެރިވެފައެވެ.

އަލުން ކުޅުމަށް ނުކުމެ ވޯލްޑް ކަޕަށް ފިޓްވުމަށް އެރިކްސަން ކުރަމުންދިޔަ މަސައްކަތުގައި މިދިޔަ ޖެނުއަރީ މަހު އޭނާ ޕްރިމިއާ ލީގަށް ދިޔައީ ބްރެންޓްފޯޑުގެ އެދުމަކަށެވެ. ކްލަބާއެކު ހަ މަހުގެ މުއްދަތަކަށް އެރިކްސަން އެއްބަސްވުން ހަދާފައިވާ އިރު، މިރޭގެ މެޗަކީ ކާޑިއެކް އެރެސްޓަށްފަހު އޭނާ ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ. މީގެ ދެ ހަފުތާ ކުރިން އެރިކްސަން ވަނީ އެކުވެރިކަމުގެ މެޗެއްގައި ފެނިގެން ގޮސްފައެވެ.

މިރޭގެ މެޗަށް އެރިކްސަން ނުކުތީ 52 ވަނަ މިނެޓުގައެވެ. މެޗުގެ ކުރިން ބޭއްވި ޕްރެސްގައި ކޯޗު ތޯމަސް ފްރޭންްކް ވަނީ އެރިކްސަން ފެންނާނެ ކަމަށް ބުނެފައެވެ.