ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިިއްޖެނަމަ ހުޅުމާލޭގެ އާ ރަޖިސްޓްރީއެއް އެ ކުންފުންޏަށް ހަދައިދޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން އެޗްޑީސީއަށް ދީފައިވާ ހުޅުމާލެ ރަޖިސްޓްރީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ މަހުގެ ނުވަ ދުވަހު ބާތިލުކުރުމުން އެޗްޑީސީން ވަނީ ރަޖިސްޓްރީ ބާތިލުކުރި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އެދުވަހު ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އަމުރު ނެރުނީ އެޗްޑީސީން އެދުނު ގޮތަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ސިޓީ ކައުންސިލުގެ ފަރާތުން ޑިސެމްބަރު 27 ވަނަ ދުވަހު ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. މިއަދު ވަނީ އެ މައްސަލައިގެ ދެ ވަނަ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.
މިއަދުގެ އަޑުއެހުމުގައި ސިޓީ ކައުންސިލް ތަމްސީލުކުރައްވާ ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވީ އެޗްޑީސީގެ މިލްކެއް އަތުލައިގަތުމަކީ ކައުންސިލުގެ ބޭނުމެއް ނޫން ކަމަށެވެ. ނަމަވެސް އެޗްޑީސީގެ ރަޖިސްޓްރީގައި އަމިއްލަ މީހުންގެ ބިން ހިމެނިފައި އޮތުމަކީ މައްސަލައެއް ކަމަށާއި އެކަން އެގޮތަށް އޮވެގެން ނުވާނެ ކަމަށެވެ. އަދި އަމިއްލަ މީހުންގެ ބިންތައް ރަޖިސްޓްރީން އުނިކުރަން އެއްބަސްވެ، އާ ރަޖިސްޓްރީއަކަށް އެޗްޑީސީ އެދިއްޖެނަމަ ހުޅުމާލޭގެ ރަޖިސްޓްރީ އެ ކުންފުންޏަށް ސިޓީ ކައުންސިލުން ދޭނެކަމަށް ސިޔާޒު ވިދާޅުވިއެވެ.
ސިޔާޒު ވިދާޅުވީ، "ހުޅުމާލޭގެ ބޮޑު ރަޖިސްޓްރީ"ގެ ނަމުގައި އެޗްޑީސީއަށް ރަޖިސްޓްރީ ހަދައިދީފައި އޮތީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކަމަށެވެ. އެ ލަފާގައިވަނީ ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީއަށް ހަދައިދޭނީ އަމިއްލަ ފަރާތްތަކުގެ ބިންތައް ރަޖިސްޓްރީގައި ނުހިމަނައި ކަމަށެވެ. އަދި ވިދާޅުވީ ބިމާބެހޭ ގާނޫނަށް ބެލިޔަސް އެ ގާނޫނުގެ ދަށުން ވެސް ބޮޑު ރަޖިސްޓްރީގެ ނަމުގައި ރަޖިސްޓްރީއެއް ހެދުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން އެޗްޑީސީ ތަމްސީލުކުރައްވާ ހުސެއިން ސިރާޖު ވަނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދެއްކި ވާހަކަ ތަކުރާރު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ހުޅުމާލޭގެ ރަޖިސްޓްރީ އެޗްޑީސީއަށް ހަދައިދިނީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. ސިރާޖު ދެން ވިދާޅުވީ، އަމިއްލަ ބައެއްގެ ބިންތަކުގެ ރަޖިސްޓްރީ އެޗްޑީސީގައި އޮތަސް އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުނުވާނެ ކަމަށެވެ.
ސިރާޖު ވިދާޅުވީ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ނިންމުން ކައުންސިލްތައް ރެގިއުލޭޓްކުރާ ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލުކޮށްފައިވާ ކަމަށެވެ. އެލްޖީއޭގެ ނިންމުން ގޯސްކަމަށް ކަނޑައަޅަން ސިޓީ ކައުންސިލުން އެއްވެސް ތަނަކަށް މައްސަލަ ހުށަހަޅާފައި ނެތުމަކީ އެ ނިންމުން ރަނގަޅުކަމަށް ސިޓީ ކައުންސިލުން ދެކުން ކަމަށެވެ.
ލާ މަރުކަޒީ ގާނޫނުގެ ދަށުން ހުޅުމާލެއަށް ބާރު ފޯރުވޭނެ ފަރާތަކީ ސިޓީ ކައުންސިލުކަމަށް ސިޔާޒު ވިދާޅުވުމުން އެކަމަށް ރައްދުދެއްވައި ސިރާޖު ވިދާޅުވީ ލާ މަރުކަޒީ ގާނޫނު އައުމުގެ ކުރިން އެހެން ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކާއި މިލްކުވެފައިވާ ތަންތަނުގެ ހައްގުތަކަށް ކައުންސިލްތަކުން އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ވިޔަސް އެޗްޑީސީގެ އަމިއްލަ ބިންތަކަށް ކައުންސިލްގެ ބާރު ނުހިގާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.
އޭނާގެ ވާހަކަތައް ނިމުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ސިޔާޒުއާ ސުވާލުތަކެއް ކުރައްވައިފައެވެ. އެގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގައި ސިޓީ ކައުންސިލުން އަމަލުކުރާ އިޖުރާއަތް ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އެކަމަށް ސިޓީ ކައުންސިލުން ބުނީ މިވަގުތު އަމަލުކުރާ ވަކި އުސޫލެއް ނޯންނަ ކަމަށާއި މިހާތަނަށް އަމަލު ކުރަމުން ދިޔައީ ރަޖިސްޓްރީއަށް ބަދަލެއް އައިކަން ކޯޓަކުން އެންގުމުން އެބަދަލެއް ރަޖިސްޓްރީއަށް ގެނައުން ކަމަށެވެ.
ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން މީހެއްގެ ބިމުގެ ރަޖިސްޓްރީ ބާތިލުކުރިތޯ ފަނޑިޔާރުންގެ ބެންޗުން އެއްސެވުން ކައުންސިލުން ބުނީ މިހާތަނަށް އެގޮތަށް އަމަލު ނުކުރާ ކަމަށެވެ. އެކަމަކު އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން އިސްނަގައިގެން ބާތިލުކުރީ ހުޅުމާލޭގެ ގިނަ އަދަދެއްގެ ބިންތައް އަމިއްލަ މީހުންގެ ނަމުގައި އޮތުމުން ކަމަށެވެ.
ދެން ފަނޑިޔާރުންގެ ބެންޗުން ކުރެއްވި ސުވާލަކީ ސިޓީ ކައުންސިލް ނިންމުން ބިނާވަނީ ލާމަރުކަޒީ ގާނޫނުގެ ކޮން މާއްދާއަކަށްތޯއެވެ. އެ ސުވާލަށް ސާފު ޖަވާބެއް ދިނުމުގެ ބަދަލުގައި ކައުންސިލުން ބުނީ ބިންތައް އަމިއްލަ މީހުންނަށް މިލްކުވެފައި އޮތުމުން ހުޅުމާލޭގެ ބޮޑު ރަޖިސްޓްރީއަށް ބަދަލު އައިސްފައިވާތީ ކަމަށެވެ.
އެ ޖަވަބާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ދެން ކުރެއްވި ސުވާލަކީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅި ފަރާތެއް ނެތްއިރު ކައުންސިލުން އެކަން އެގޮތަށް ނިންމީ ކޮން ގަތަކުންތޯއެވެ. ކައުންސިލުން ބުނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުރަން ހުށަހެޅީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކަމަށެވެ.
ސަރުކާރުން ހުޅުމާލޭގެ ރަޖިސްޓްރީ ހަދައިދީފައިވަނީ ކޮންމެ ފަހަރަކު ބިމެއް ވިއްކުމުން އެ ރަޖިސްޓްރީއަށް ބަދަލު ގެންނަ ގޮތަށްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުން ކައުންސިލުން ބުނީ، ކޮންމެ ފަހަރަކު ވެސް އެގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. ނަމަވެސް ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރިފަހުން އެޗްޑީސީގެ ފަރާތުން އަލުން ރަޖިސްޓްރީއަށް ބަދަލު ގެންނަން ހުށަހަޅާފައި ނެތް ކަމަށެވެ. އާ ރަޖިސްޓްރީއެއް އެޗްޑީސީއަށް ހަދައިދީފިނަމަ ކުރީގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އަމިއްލަ ބައެއްގެ ބިން ނުވަތަ މުދަލެއް ނިގުޅައިގަތުމުގެ ބާރު ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ނޯންނަށް ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވުމުން ކައުންސިލުން ބުނީ ހުޅުމާލޭގައި އެތައް ބައެއްގެ އަމިއްލަ ބިންތައް ހުރުމުން މުޅި ހުޅުމާލޭގެ މިލްކުވެރިކަން އެޗްޑީސީއަށް ނުދެވޭނެ ކަމަށެވެ. އެ ޖަވާބާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ފަނޑިޔާރުންގެ ބެންޗުން ދެން ކުރެއްވި ސުވާލަކީ އެޗްޑިސީގެ މިލްކުވެރިކަމުގެ ދަށުގައި އަމިއްލަ ބައެއްގެ ބިން ހިމެނޭނަމަ އެ މައްސަލަ ކޯޓަށް ހުށަނޭޅީ ކީއްވެތޯއެވެ.
އެ ސުވާލަށް ޖަވާބު ދެމުން ސިޔާޒު ވިދާޅުވީ، މިހާރު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ކުރިން ކޯޓަށް މައްސަލަ ހުށަނޭޅީ ކީއްވެތޯ ސުވާލު އަމާޒު ކުރެއްވުމުން، ކުރިން އެފަދަ މައްސަލައެއް ކައުންސިލަށް ހުށަހަޅާފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޖަވާބުތަކާ ގުޅިގެން ސިރާޖު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ވެސް ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ގާނޫނީ ބާރު ސިޓީ ކައުންސިލަށް ނެތް ކަމަށެވެ. ރަޖިސްޓްރީ ހަދައިފައިވާ ގޮތުގެ ސަބަބުން ލާމަރުކަޒީ ގާނޫނުން ކައުންސިލުތަކަށް މަތިކޮށްފައިވާ ޒިންމާ އަދާ ނުކުރެވޭނަމަ އެކަން ހައްލު ކުރަން ވާނީ ކޯޓުން ކަމަށް ސިރާޖު ވިދާޅުވިއެވެ.
އެއަށްފަހު ސިރާޖު އެދުނީ ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ދަމަހައްޓައި ދިނުމަށެވެ. އެއީ ބޭރު ގައުމުތަކުގެ ބޭންކުތަކުން ނަގާފައިވާ ލޯނުތައް ނުދެއްކި އެޗްޑީސީއަށް ގެއްލުން ވެދާނެތީއެވެ.
ނަމަވެސް ސިޓީ ކައުންސިލުގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ އަލީ ވިދާޅުވީ، ލޯނުތައް ނުދެއްކޭނެ ކަމަށް ސިރާޖު ވިދާޅުވިޔަސް އެ ލޯނުތަކުގެ ތަފްސީލު ނޭނގޭ ކަމަށެވެ. އަދި އެއިން އެއްވެސް ކަމެއް ލިޔުމުން ކޯޓަށް ހުށަހަޅާފައި ނެތް ކަމަށެވެ.
މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލު އަދި ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ސަމީރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު