އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް މިއަހަރު ހޯސްޓް ކުރާނެ ގައުމުތައް އޭއެފްސީން މިއަދު އިއުލާންކޮށްފިއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަހަރުވެސް ކުރިއަށް ގެންދާނީ ކުރީގެ ފޯމެޓަށެވެ. އެއީ އެކި ސަރަހައްދުގެ ޓީމުތައް ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު ޒޯނަލް ސެމީ ފައިނަލްތައް ކުޅޭ ގޮތަށެވެ. ގްރޫޕް ސްޓޭޖުގައި އިރުމަތީ އޭޝިއާގެ ގައުމުތަކާއި ދެކުނު އޭޝިއާ ޒޯންގެ ގައުމުތަކުގެ މެޗުތައް މޭ މަހުގެ 18 އިން 24 އަށް އޮންނަ އިރު، އާސިއާން ޒޯނާއި، ސެންޓްރަލް އަދި އިރުމަތީ ޒޯންގެ ގްރޫޕް ސްޓޭޖު މެޗުތައް އޮންނާނީ ޖޫން 24 އިން 30 އަށެވެ.
އިރުމަތީ އޭޝިއާގެ ގްރޫޕް އޭގެ މެޗުތައް ސެންޓްރަލައިޒްކޮށް ހޯސްޓް ކުރާނީ އޮމާންގެ މުސްކަޓްގައެވެ. ގްރޫޕް ބީގެ މެޗުތައް ކުވައިތުގައި ކުޅެން ނިންމާފައިވާ އިރު، ގްރޫޕް ސީގެ މެޗުތައް ކުޅޭނީ ބަހުރައިންގައެވެ. ރާއްޖޭގެ ކްލަބުތައް ނިސްބަތްވާ ދެކުނު ޒޯންގެ މެޗުތައް ހޯސްޓް ކުރާނީ އިންޑިއާގެ ކަލްކަތާގައެވެ.
މިދިޔަ އަހަރު ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ހޯސްޓް ކުރި އިރު، ރާއްޖެއިން ޔަގީން ޖާގައިގައި މިފަހަރުވެސް އޭއެފްސީ ކަޕަށް ދިޔައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މާޒިޔާ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ދިޔައީ ލީގު ޗެމްޕިއަނުންގެ ގޮތުގައެވެ. މިދިޔަ އަހަރު ރާއްޖޭގެ އެފްއޭ ކަޕް ކެންސަލް ކޮށްފައިވުމާއެކު އޭއެފްސީ ކަޕްގެ ޕްލޭ އޮފް ޖާގަ ދިނީ ވެލެންސިއާއަށެވެ.
ވެލެންސިއާ ޕްލިމިނަރު ކޮލިފިކޭޝަންގައި ފުރަތަމަ ކުޅެން ޖެހެނީ ބޫޓާންގެ ޕަރޯ އެފްސީއާ ދެކޮޅަށެވެ. ވެލެންސިއާއިން ގްރޫޕް ސްޓޭޖާ ހަމައަށް ދިޔުމަށް ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ފަދަ ވަރުގަދަ ކްލަބުތަކާ ކޮލިފިކޭޝަންގައި ވާދަކުރަން ޖެހޭނެއެވެ.
ގްރޫޕް ޑީގެ ޖާގަ މިވަގުތު ޔަގީން ކަމާއެކު ހޯދާފައިވާ ޓީމުތަކަކީ އިންޑިއާގެ ގޮކުލަމް ކެރެލާ އާއި ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ އިތުރުން މާޒިޔާއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް އީގެ މެޗުތައް ތުރުކެމެނިސްތާނުގައި ކުޅެން ނިންމާފައިވާ އިރު، ގްރޫޕް އެފްގެ ހޯސްޓް ގައުމަކީ ކިރިގިސްތާނެވެ. ގްރޫޕް ޖީގެ މެޗުތައް އިންޑޮނޭޝިއާގައި ކުޅެން އޭއެފްސީން ނިންމާފައިވާ އިރު، ގްރޫޕް އެޗްގެ މެޗުތައް ކުޅޭނީ މެލޭޝިއާގައެވެ. އިރުމަތީ އޭޝިއާގެ ޒޯންގެ ގްރޫޕް ޖޭގެ މެޗުތައް ޗައިނީސް ޓައިޕޭގައި ކުޅޭ އިރު، ގްރޫޕް އައިގެ މެޗުތައް ކުޅެން އަދި ވަކި ގައުމެއް ނުނިންމައެވެ.
ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ މާޒިޔާ އިން އޭއެފްސީ ކަޕުގައި ވާދަކުރިއެވެ. އޭގެ ފަހުން މެދުކެނޑުމަކަށްފަހު މާޒިޔާ އިން ދެން ވާދަކުރީ 2020 ވަނަ އަހަރުއެވެ. 2016 ވަނަ އަހަރާ ހަމައަށް އެންމެ އެދެވޭ ކާމިޔާބީއެއް މާޒިޔާއަށް ނުހޯދި އޮތް ނަމަވެސް ފޯމެޓަށް އައި ބަދަލާއެކު 2017 ވީ ފުރުސަތަކަށެވެ. ނަމަވެސް އެ ޗެލެންޖު ފަސޭހަ ނުވާނެކަން އޭރުވެސް މާޒިޔާއަށް އެނގެއެވެ. 2016 ވަނަ އަހަރު މުބާރާތުގެ ރަނަރަޕްކަން ހޯދި މި ސަރަހައްދުގެ ބެންގަލޫރު އެފްސީއާ އެކު އެއް ގުރޫޕެއްގައި މާޒިޔާ ވާދަކުރަންޖެހޭ ނަމަވެސް އެއްވަނައަށް މާޒިޔާ ފޯކަސް ގެއްލުވައެއް ނުލައެވެ.
ބޮޑެތި ހުރަސްތަކަކާ އެކު މާޒިޔާއިން އޭއެފްސީ ކަޕަށް ސަރަހައްދީ ވަރުގަދަ ޓީމެއް ބިނާކޮށް، ގުރޫޕު ސްޓޭޖުން ހިތްދަތިކަން ލިބުނީ ދެ ފަހަރަށް ހަނިގޮތަކަށް ބެންގަލޫރު އެފްސީ އަތްދަށު ވެގެންނެވެ. 1-0 އިން ދެ މެޗުންވެސް މާޒިޔާ ބެންގަލޫރު އަތްދަށު ވެފައިވާ އިރު، ދެން ގުރޫޕުގައި ކުޅުނު އަނެއް ހަތަރު މެޗުގައިވެސް މާޒިޔާ ފެނުނީ މާބޮޑަށްވެސް ވަރުގަދަ ކޮށެވެ. އެ ހަތަރު މެޗު ފަސޭހަކަމާ އެކު ނެގިވެސް މެއެވެ.
ދެހާސް ވިހި ވަނަ އަހަރަށް މާޒިޔާ އޮތީ އަދި މާބޮޑަށްވެސް ތައްޔާރުވެފައެވެ. ގުރޫޕު ސްޓޭޖުގެ ޖާގައަކަށް ޕްލޭ އޮފް ކުޅެން ޖެހުނު ނަމަވެސް މާޒިޔާއިން ތިބީ އުންމީދުގައެވެ. ތައްޔާރުވެސް ވީ އުންމީދުގައެވެ. ޕްލޭ އޮފްގައި ބަންގާޅުގެ ޑާކާ އަބަހާނީ އާއި ބެންގަލޫރު އެފްސީވެސް ކަޓުވާލައި، މާޒިޔާއިން ގުރޫޕަށް އެތެރެވިއެވެ. ޓީސީ ސްޕޯޓްސް ކްލަބުވެސް އޭރު ގުރޫޕު ސްޓޭޖުގައި އޮތް އިރު، ދިވެހި ދެޓީމާއެކު އިތުރަށް ދެވަނަ ބުރުގެ ފުރުސަތު ބޮޑުވިއެވެ.
އެ ފޯމުގައި ގުރޫޕު ސްޓޭޖު ފަށައި، ޗެންނާއީ ސިޓީއާ އަވޭގައި ކުޅުނު ފުރަތަމަ މެޗު މާޒިޔާއިން އެއްވަރު ކުރިއެވެ. އެއަށްފަހު ކުޅެން އޮތް މެޗުތަކަށް ދެ ފަހަރަކަށް މާޒިޔާއިން ތައްޔާރުވި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ އެކު، އޭއެފްސީން މުބާރާތް ކެންސަލް ކުރިއެވެ.
މިދިޔަ އަހަރުގެ ގްރޫޕް ސްޓޭޖު ރާއްޖޭގައި ކުޅުނު ނަމަވެސް މާޒިޔާއަށް ނިންމާލަން ޖެހުނީ މޮޅެއް ނުހޯދިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު